ޕާކިސްތާނުގައި ވެސް ހަލުވިކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާތީ، ބަންދުކޮށްފައިވާ މިސްކިތްތައް ޝަރުޠުތަކަކާއެކު ރަމަޟާން މަހު ތަރާވީޙު ނަމާދުކުރުމަށާއި، ހުކުރު ނަމާދުކުރުމަށް ހުޅުވާލުމަށް ޕާކިސްތާނު ސަރުކާރުން އެއްބަސްވެއްޖެއެވެ.
ސަރުކާރުގެ މި ނިންމުން އައިސްފައި ވަނީ ރައީސު ޢާރިފު ޢަލްވީ ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ތަފާތު މަޒްހަބުތަކާއި ޖަމާއަތްތަކުގެ ދީނީ ޢިލްމުވެރިންނާ މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މި މަޝްވަރާތަކުގެ އެއް ދުވަސް ކުރިން ރައީސު ޢަލްވީ ވަނީ ދީނީ ސީޔާސީ ޕާޓީތައް ކަމުގައިވާ ޖަމާޢަތޭ އިސްލާމީގެ އަމީރު ސެނެޓަރ ސިރާޖުލް ޙައްޤާއި، ޖަމްއިއްޔަތު ޢުލަމާއޭ އިސްލާމް- ފަޒްލުގެ ލީޑަރު މައުލާނާ ފަޒްލުއްރަޙްމާނާ މަޝްވަަރާކކުރައްވާފައެވެ.
"މިސްކިތްތަކަށް ހުއްދަ ދެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޝަރުޠުކޮށްފައި." ރައީސު ޢަލްވީގެ މަޝްވަރާތަކަށް ފަހު ޕާކިސްތާނު ސަރުކާރުން ނެރުނު ބަޔާނެއްގައި ވެއެެވެ. އެ ބަޔާނުގައި ވާގޮތުން މިސްކިތަށް ދާ އެންމެން މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ.
ރަމަޟާން މަހު މިސްކިތްތަކުގައި ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރުމުގެ ހުއްދަ ނުދީފިނަމަ، ސަރުކާރުގެ އަމުރާ ޚިލާފަށްވެސް މިސްކިތްތަކުގައި ތަރާވީޙު ނަމާދު ކުރިއަށް ގެންދާނެ ކަމުގު އިންޒާރު ބައެއް ދީނީ ޢިލްމުވެރިން ވަނީ ދެއްވާފައެވެ. ހުއްދިދިންކަން އިއުލާން ކުރަމުން އިއްޔެ ސަރުކާރުން ބުނެފައި ވަނީ މި ނިންމުން މުރާޖައާކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވާ ކަމުގައެވެ.
ސަރުކާރުން މިސްކިތްތަކުގައި ތަރާވީޙު ނަމާދުކުރުމަށް ހުއްދިދިން އިރު ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި މިސްކިތްތަކުން ދޫލަ (ކާޕެޓް) ނެގުމާއި، މިސްކިތްތައް ގަވާއިދުން ޑިސްއިންފެކްޓް ކުރުމާއި، ޖަމާއަތުގައި ސަފު ހަދާއިރު ނަމާދުކުރާ މީހުން ހަ ފޫޓު ދުރުގައި ތިބުމާއި، މިސްކިތަށް އަންނަ މީހުން ގެއިން ވުޟޫކޮށްގެން މާސްކު އަޅައިގެން އައުމާއި، މިސްކިތުން ދިއުމުގެ ކުރިން ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތަށް އަތް ދޮވުން ހިމެނެއެވެ. އަދި ނަމާދު ނިމުމަށް ފަހު އެއްވެ ނުތިބުން ހިމެނެއެވެ. ތަރާވީޙު ނަމާދުކުރުމަށް ހުއްދަދިން ނަމަވެސް، މިސްކިތުގައި ރޯދަ ވީއްލުން އިންތިޒާމުކުރުމުގެ ހުއްދަ ނުދެވޭނެއެވެ.
ޕާކިސްތާނުގައި މިހާތަނަށް 7900 އަށްވުރެ ގިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ވާއިރު، 148 މީހުން ވަނީ މި ބަލީގައި މަރުވެފައެެވެ.
މުޅި ދުނިޔޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2.3 މިލިއަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، މި ބަލީގައި މިހާތަނަށް 1 ލައްކަ 60 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.