ކޮވިޑް- 19: ބައެެއް ސްޓޭޓުތައް 'މިނިވަންކުރުމަށް' ގޮވައިލެއްވުމާއެކު ރައީސު ޓްރަމްޕް 'ބަޣާވާތަށް' ހިތްވަރުދެއްވާކަމުގެ ތުހުމަތު

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ރޭ ކުރެއްވި ތިން ޓުވީޓެއްގައި، އެމެރިކާގެ ތިން ސްޓޭޓެއް މިނިވަންކުރުމަށް ގޮވާލައްވައިފިއެވެ. ދޭ ވޮޝިންޓަން ގަޑިން 8:20 (ރާއްޖޭ ގަޑިން ހޮނިހިރު ދުވަހު ހެނދުނު 8:20) ހާއިިރު ޖެހިޖެހިގެން އޭނާ ކުރެއްވި 3 ޓުވީޓުގައި "މިނިވަންކުުރުމަށް" ގޮވައިލެއްވި ވާޖީނިޔާއާއި، މިނެސޯޓާއާއި، މިޝިގަންއަކީ ޑިމޮކްރެޓިކް ގަވަރުނަރުން ވެރިިކަން ކުރައްވާ 3 ސްޓޭޓެވެ.

"މިނެސޯޓާ މިނިވަންކުރޭ" ރޭ 8:21 ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓުގައި ވެއެވެ. އޭގެ އެއް މިނިޓް ފަހުން އޭނާ ކުރެއްވި ޓުވީޓުގައި ވަނީ "މިޝިގަން މިނިވަންކުރޭ" މިހެންނެވެ. އަދި އޭގެ 4 މިނިޓް ފަހުން ޓްރަމްޕް ވަނީ "ވާޖިނީޔާ މިނިވަންކޮށް (ގާނޫނަށް ގެނައި 2 ވަނަ އިސްލާހު ސަލާމަތްކުރޭ." މިފަދައިން ވިދާޅުވެ ޓުވީޓުކުރައްވާފައެވެ.

ރައީސު ޓްރަމްޕް މި މޭރުމުން ޓުވީޓުތައް ކުރައްވާފައިވާއިރު، އޭނާ ވަނީ ވާޖީނިއާގައި ކޮވިޑް- 19 އާއި ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާކުރި މީހުންނަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. މިޝިގަންގައި ވެސް 3 ހާހަކަށް މީހުންވަނީ ލޮކްޑައުންއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

"އަހަރެންނަށް ހީވަނީ އެމީހުން އަހަރެންގެ ވާހަކަ އަޑުއެހީހެން. އެމީހުންނަކީވެސް އަހަރެންނެކޭ އެއްގޮތަށް އިހުތިޖާޖުކުރާ މީހުން. އެމީހުން އަހަރެންގެ ވިސްނުމަށް އިހުތާރުމުކުރޭ." ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުން އެ ސްޓޭޓްތައް ލޮކްޑައުންކޮށްފައިވާތީ އެކަމާ ދެކޮޅުހައްދަވަމުން ގެންދަވާ ޓްރަމްޕް ވިދާޅުވިއެވެ.

"ރައީސު ގެންދަވަނީ އެތެރޭގެ ބަޣާވާތަކަށް ހިތްވަރުދެއްވަމުން އަދި ދޮގު ވާހަކަތައް ފަތުރުއްވަމުން." ރައީސު ޓްރަމްޕްގެ މިވާހަކަފުޅާ ގުޅިގެން، ވޮޝިންޓަން ސްޓޭޓްގެ ގަވަރުނަރު ޖޭ އިންސްލީ (ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅެއް) ވިދާޅުވިއެވެ.

"އޭނާ ގެންދަވަނީ ކޮވިޑް- 19 ޖެހުމުގެ ނުރައްކަލަށް އެތައް މިލިއަން ބަޔަކު ހުށަހަޅުއްވަމުން. އޭނާގެ އެއްވެސް އަސާސެއް ނެތް ވާހަކަފުޅުތަކާއި، ސްޓޭޓުތައް 'މިނިވަންކުރުމަށް' ގޮވައިލެއްވުމަކީ ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދެއްވުން." ގަވަރުނަރު އިންސްލީ ވިދާޅުވިއެވެ.

'މިނިވަންކުރަން' ރައީސު ޓްރަމްޕް ގޮަވައިލެއްވި ސްޓޭޓުތަކުގެ އިތުރަށް ނިއުޔޯކަކީވެސް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ވެރިކަން އޮތް ސްޓޭޓެކެވެ އެ ސްޓޭޓުގެ ގަވަރުނަރު އަކީ މާ "ޝަކުވާ ގިނަ" ބޭފުޅެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އޭނާއަށްެވެސް ބަހުގެ ހަމަލާދެއްވާފައެވެ.

ރައީސު ޓްރަމްޕް ޑިމޮކްރެޓިކް ގަވަރުނަރުންނާ 'ހަނގުރާމަކުރައްވަމުން' ގެންދަވާއިރު، ކޮރޯނާ ވައިރަަސް ގެ މައްސަލައިގައި އޭނާ ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން، ޓަރަމްޕްގެ ތާއީދު ކުޑަވަމުން އަންނަކަން އެންމެ ފަހުން ނަގާފައިވާ ޚިޔާލުހޯދުުމުގެ ވޯޓުތަކުން ދައްކައެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.