މާލޭގައި ކޮވިޑް ފެތުރެން ފެށުން - މުޅިޤައުމަށް ހާސްކަމާއި ބިރުވެރިކަން

މާލެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މަންމައާއި ދެ އަހަރުގެ ދަރިފުޅާއި އިތުރުމީހަކު

ކޮވިޑްގެ ބަލި މީހަކު ފުރަތަފަހަރަށް މާލެއިން ފެނި އެނާގެ ފަރާތުން ހެންމީހުންނަށް ވަނީ މިބަލި ފެތުރެން ފަށައިފައެވެ. މޭލެއިން ފެނުނު ބަލިމީހާގެ ފަރާތުން އެންމެ ފުރަތަމަ ބަލި ޖެހުނުނުކަން ކަށަވަރު ކުރެވިފައި ވަނީ އޭނާގެ ޢުމުރުން 2 އަހަރުގެ ދަރިފުޅާއި އޭނާއާ ސީދާ ގުޅުންހުރި އިތުރު މީހަކަށެވެ. ފުރަތަމަ ބަލި މީހާއާއި ސިދާ ގުޅުންހުރި 14 މީހެއްގެ ފަރާތުން ވަނީ އަލާމާތްތައް ފެންނަން ފަށައިފައެވެ. އެމީހުން ވެސް ވަނީ ހުޅުމާލޭގައި ހުންނަ އައި ސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސް އެކަހެރިކޮށްފައެވެ. މާލެއިން ފުރަތަމަ ފެނުނު ބަލިމީހާއާއި ސީދާ ގުޅުންހުރި ދިހަ މީހަކު ވަނީ ކޮވިޑަށް ނެގެޓިވް ވެފައެވެ. އޭގެތެރޭގައި ފުރަތަމަ ޕޮޒިޓިވް މީހާގެ ފިރިމީހާ ވެސް ހިމެނެއެވެ. މާލޭގެ ފުރަތަމަ ކޭސް އާ ގުޅުން ހުރި 50 އަށް ވުރެ ގިނަ މީހުން އިއްޔެގެ ނިޔަލަށް ވަނީ  ދެނެގަނެވިފައެވެ.

މާލެއިން ކޮވިޑަށް ފުރަތަމަ ޕޮޒިޓިވް މީހާއަށް ބެލިޖެހިފައިވާކަން ދެނެގަނެވިފައި ވަނީ ރޯގާ ޖެހިފައި ހުރުމުން، ފަރުވާ ހޯދުމަށް ފްލޫ ކްލިނިކަކަށް، ދިޔުމުން އޭނާގެ ކިބައިން ކޯވިޑަށް ޝައްކުކުރެވޭ ޢަލާމާތްތަކެއް ހުރުމުން ކުރި ޓެސްޓްގެ ނަތީޖާއިންނެވެ.

މާލެއިން ފެނުނު ކޮވިޑްގެ ފުރަތަމަ ކޭސްއާއެކު ސަރުކާރުން ވަނީ ކޮވިޑާ ގުޅިގެން ކުރިން ހިފަހަށްޓަމުން ދިޔަ ބައެއް މަޢުލޫމާތުތައްވެސް ހާމަކުރައްވަން ފަށްޓަވައިފައެވެ. އެގޮތުން ފުރަތަމަ މާލެއިން ފެނުނު ބަލިމީހަކީ މ. ޖަރީމާ ގޭގައި ދިރިއުޅޭ މީހެއްކަމަށް ވަނީ ހަމަކޮށްފައެވެ. އިޔެއިން ފެށިގެން އެގެއާއި މާލޭގެ ފުރަތަމަ ކޭސް އާ ގުޅުން ހުރި މާލޭގެ ގެ އަކާއި ސ. ހިތަދޫގެ ގެއެއް އެޗްޕީއޭ އިން އިއްޔެ ވަނީ ވަގުތީ ގޮތުން ވބަންދުކޮށްފައެވެ. މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފްލޯ އާއި ހިތަދޫ ނޫމަސްވާދީ އެވެ.

މާލެއިން ކޮވިޑަށް ފުރަތަމަ ޕޮޒިޓިވް މީހާއަށް ބަލި ޖެހުނީ ކިހިނެއްތޯ ބަލަނީ

މިހާތަނަށް ހޯދިފައިވާ މަޢުލޫމާތުން މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހާ އަކީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އަދި އޭނާއާ ބައްޔަށް ޕޮޒިޓިވްވި މީހަކާ ސީދާ ބައްދަލުވިކަމަށްވެސް އެނގިފައެއް ނެތެވެ. އޭނާ ބަލި ޖެހުނީ ކިހިނެއްތޯ ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އިއްޔެ ބޭވި ޕްރެސް ކޮންފެރެންސްގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ ނަޒްލާ ރަފީޤް ވިދާޅުވީ ފުރަތަމަ ކޭސްއާ ގުޅިގެން ވަރަށް ގިނަ މަޢުލޫމާތުތެކެއް އެޗްޕީއޭއަށް ލިބެމުންދާކަމަށެވެ. އެމަޢުލޫމާތުތައް ވެސް ދިރާސާކޮށް މާލެއިން ކޮވިޑަށް ފުރަތަމަ ޕޮސިޓް މީހާއަށް ބެލިޖެހުނު ގޮތް އިތުރަށް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ ޢަލީ ލަޠީފް ވިދާޅުވީ ބޮޑަށް ބެލެވެނީ ބަލި ޖެހި އަލާމާތަތައް ނުފެނިހުރި މީހެއްގެ ފަރާތުން އޭނާއަށް ބަލިޖެހިފަވާ ކަމަށެވެ.

މޭލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ފެނިފައިމިވަނީ ގިނަޢަދަދެއްގެ ބަޔަކު ކަރަންޓީނުން ދޫކޮށްލަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ކަރަންޓީނުން މީހުން ދޫކޮށްލަނީ ޓެސްޓް ކުރުމަށްފަހު ކޮވިޑަށް ނެގެޓިވް ވުމުންނެވެ. ކަރަންޓީނުން ދޫކޮށްލުމަށް ހަދާ ޓެސްޓްގައި މީހަކު ޕޮސިޓިވެއްޖެނަމަ އެނެއްކާ ކަރަންޓީންގެ މުއްދަތު އިތުރު ކުރެއެވެ. އެގޮތުން އެމީހަކާ ސީދާ ގުޅުން ހުރި ހުރިޙާ ބައެއްގެ ކަރަންޓީން މުއަދަތު އިތުރުކުރެއެވެ. ކަރަންޓީނުން މީހަކު ދޫކޮށްލަނީ ބަލި ނެތްކަން ވަރަށް ބޮޑަށް ކަށަވަރު ކުރުމަށްފަހުއެވެ. އެހެންކަމުން ކަރަންޓީން ފުރިހަމަކޮށް މުޖުތަމަޢަށް ނުކުންނަ މީހުންގެ ފަރާތުން ބަލި ޖެހުމުގެ ފުރުޞަތު ނޯންނާނެ ކަމަށް ދެންނެވިދާނެއެވެ.

މާލެ ސަރަޙައްދު "ލޮކްޑައުން" ކޮށް ކޮންޓެކްޓް ޓްރޭސިން ހަދަނީ

ކޮވިޑްގެ ކޮމިޔުނިޓީ ސްޕްރެޑެއް ނުވަތަ ފެތުރިގެން ގޮސްފައިނެތީ ކޮންޓެކްޓް ޓްރޭސީންގެ ހަރުދަނާކަމުންނޭ ދެނެނެވުމަކީ  ދޮގަކަށްނުވާނެއެވެ. ނަމަވެސް މާލެއިން ކޮވިޑަށް ޕޮސިޓވް މީހަކު ފެނުމާ ހަމައަށް ޕޮޒިޓިވް ވެފައިވާ ކޭސްތަކަކީ މުޅިންވެސް ރިސޯރޓްތަކުން ފެނިފައިވާ ރާއްޖެއަށް އިމްޕޯރޓްވި ކޭސްތަކެވެ. އެއީ ރާއްޖެއައި ފަތުރުވެރިންނާއި ރިސޯޓްތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ރާއްޖެއިން ބޭރުން އައިސް ރިސޯޓްތަކުގައި ކަރަންޓީންގައި ތިބި ދިވެހިންނެވެ. އެހެންކަމުން އެކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންނާއި އަޅާ ބަލާއިރި މާލޭގެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަކީ ގޮންޖެހުންތައް ކުރިމަތިވާނެކަމެކެވެ. އެކަން ކުރުމަށް ފަސޭހައަށް އިއްޔެ އިން ފެށިގެން މާލެ ސަރަޙައްދު ވަނީ 24 ގަޑީއިރަށް ކާފިއު ހިންގާފައެވެ. ނުވަތަ ލޮކްޑައުންއަކަށް ގެނެސްފައެވެ. މާލެއިން ޕޮޒިޓިވްވި މީހާގެ ފަރާތުން އިތުރު ދެމީހަކަށް ބަލި ޖެހިފައިވާއިރު އޭގެތެރެއިން އެކަކީ ފުރަތަމަ ބަލި ޖެހުނު މީހާގެ، ޢުމުރުން ދެއަހަރުގެ ދަރިފުޅެކެވެ. އެހެންކަމުން އޭނާއާ ސީދާ ގުޅުން ހުރި ބަޔަކު އާއިލާގެ ތެރެއިން ނޫނީ ނުތިބޭނެއެވެ. އެމީހުން ދެނެގަތުމަށް އުދަނގުލެއް ނުވާނެއެވެ. ނަމަވެސް ފުރަތަމަ ބަލިޖެހުނު މިހާގެ ފަރާތުން ބަލި ޖެހުނު އަނެއް މީހާއާ ގުޅުން ހުރި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމަކީ ހަމަ އެހާމެ ގޮންޖެހުން ބޮޑު ކަމަކަށް ވާނެއެވެ. މާލެއިން ފުރަތަމަ ޕޮސިޓީވް މީހާ އާ ސީދާ ގުޅުން ހުރި ނުވަތަ ކޮންޓެކްޓްވި 50 ށް ވުރެ ގިނަ މީހުން އިއްޔެގެ ހަވީރާ ހަމައަށް ވަނީ ދެނެގަނެވިފައެވެ.

ކޮވިޑް–19 ގެ އަންދާޒާ އިން ބިރުވެރި ޢަދަދުތަކެއް!

މުޖުތަމަޢުގެ ތެރެއިން ކޮވިޑްގެ ބަލި މީހަކު ފެނިފައި މިވަނީ އެބަލީގެ އަންދާޒާތަކެއް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނޫސްވެރިންނާ ޙިއްސާ ކުރައްވައިފައި ވަނިކޮށެވެ. ކޮވިޑް 19 ރާއްޖެއަށް އައިސް ފެތުރެމުންދާނެ ގޮތާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖުން އެފަދަ އަންދާޒާތައް ދެނެގަތުމަ ބާނުންކުރާ މޮޑެލެއް ބޭނުންކޮށްގެން ރާއްޖޭގެ ކަމާބެހޭ ފަންނީ މާހިރުން ހޯދައިވާ އަންދާޒާތަކެކެވެ. މިއަންދާޒާތަކުގައި ވަނީ ބިރުވެރި އަދި ކަނބޮޑުވާން ޖެހޭ ފަދަ ޢަދަދުތަކެކެވެ.

އެ އަންދާޒާތަކުން ދައްކާގޮތުން ކޮވިޑުން ރައްކާތެރިވާން އެއްވެސް ފިޔަވަޅެއް ނާޅައި ތިބިނަމަ ގާތްގަޑަކަށް އެއްލައްކައެއްހާ މީހުން މިބަލީގެ ޝިކާރައަކަށް ވާނެއެވެ. އެއީ 98500 މީހުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް ހަތަރު ބައިބުޅަ އެއްބައެވެ. މިއަންދާޒާތަކުން ދައްކާ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅާތިއްބާ ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގަނެފިނަމަ 10،891 މީހުން ރާއްޖެއިން މަރުވާނެއެވެ. ހަމައެކަނި މާލެ ސަރަހައްދުން ވެސް 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހޭނެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެއެވެ.

ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅާ އޮތް ހާލަތުގައި މުޖުތަމައުގެ ތެރޭން މީހަކަށް ބަލިޖެހޭ ދުވަހުން ފެށިގެން 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. 40 ވަނަ ދުވަހު 5000 އަށް ވުރެ ގިނަ މީހުންނަށް އެއްދުވަސް ތެރޭގައި ބަލި ޖެހޭނެކަމަށް  ވަނީ އަންދާޒާކޮށްފައެވެ. އަދި 47 ދުވަހުގެ ތެރޭގައި ޕީކަށް ނުވަތަ އެންމެ ނުރައްކާ ހާލަތަށް ދާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވުމުން އަންދާޒާތައް ދަށް!

ކޮވިޑްގެ ހާލަތު ދެނަގަތުގެ އަންދާޒާތައް ނޫސްވެރިންނާ ޙިއްސާ ކުރައްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި އެ ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ކުރެވިއްޖެނަމަ، ބަލި ޖެހޭ މިންވަރު ވަރަށް ބޮޑަށް މަދު ކުރެވޭނެކަމަށް އަންދާޒާތަކުން ދައްކާ ކަމަށެވެ. އެގޮތުން އެންމެ ގޯސްވާ ޙާލަތުގައި ވެސް އެއް ދުވަހެއްގެ ތެރޭ ބަލި ޖެހޭނީ ދެހާހެއްއެއްހާ މީހުންނަށް ކަމަށް އަންދާޒާ ކުރެއެވެ. ނަމަވެސް އެއީ ވެސް ކުޑަ އަދަދެއް ނޫންކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މިއަންދާޒާތަކުން ދައްކާ ގޮތުން އެންމެ ޕީކަށްދާދުވަހު ނުވަތަ ޙާލަތު އެންމެ ގޯސްވާ ދުވަހު އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ އެދުވަހު އެކަނިވެސް 1300 މީހުން ހޮސްޕިޓުގައި އެޑްމިޓް ކުރަންޖެހޭނެއެވެ. ނަމަވެސް ވަރަށް ބޮޑަށް ބަލި ކޮންޓްރޯލް ކުރަން ފިޔަވަޅުތައް އަޅައިފިނަމަ ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އަދަދު 300 އަށް ދަށްކުރެވޭނެ އެވެ. މިބަލި ޖެހޭ މީހުންގެ  15 ޕަސެންޓް މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަންޖެހޭނެ ކަމަށް އަނަދާޒާ ކުރެވޭކަމަށް ޑޮކްޓަރ ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ފަސް ޕަސެންޓް މީހުން އައިސީޔޫ ގައި ފަރުވާން ދޭންޖެހޭނެކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ. ފިޔަވަޅު ތަކެއް ނާޅާ ތިބެއްޖެނަމަ އެންމެ ޕީކަށް ދާ ދުވަހު ނުވަތަ ޙާލަތު ގޯސްވާ ދުވަހު 400 އަށް ވުރެ ގިނަ މީހުންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާނަމަ ޕީކް ދުވަހެއްގައި އެންމެ ގިނަ ވެގެން ވެސް އައިސީޔޫ އަށް ލާންޖެހޭނީ 100 އެއްހާ މީހުން ކަމަށް  ވަނި އަންދާޒާކޮށްފައެވެ.

ތައްޔާރުވާން ލިބުނު ވަގުތުކޮޅެއް!

ރާއްޖެއިން ކޮވިޑްގެ ބަލިމީހަކު ފެނުނުތާ ވަނީ މަސް ދުވަސް ވެފައެވެ. ވޭތުވެ ދިޔަ މަސް ދުވަސްތެރޭގައި ރާއްޖޭގައި ވަނީ ކޮވިޑަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެކިއެކި އެލާރޓް ލެވެލްތަކުގައި ކަންކުރާނެ ގޮތުގައި އެސްއޯޕީތައް ޔައްރާރުކޮށްފައެވެ. ބޭނުންވާ ވަޞީލަތްތައް ދަނީ ހޯދަމުންނެވެ. ނަމަވެސް ރާއްޖެފަދަ ވަޞީލަތްތައް މަދު ޤައުމަކަށް ކުއްލިއަކަށް ވަޞީލަތްތައް ހޯދުމަކީ ވެސް ގޮންޖެހުން ކުރިމަތިވާނެކަމެކެވެ. އެހެންކަމުން އާއްމު ޞިއްހަތު ކުއްލި ނުރައްކަލުގެ ޙަލަތު އިއްލާންލޮށް  ބަލި ފެތުރުނަ ނުދިނުމަށް ގިނަ މަސައްކަތް ތަކެއް ވަނީ ކޮށްފައެވެ. ރާއްޖޭގެ ބޯޑަރ ބަންދުކޮށް ރާއްޖެ އެތެރެވާ މީހުން ކަރަންޓީނަށް ދިއުން މަޖްބޫރުކުރިއެވެ. ބަލީގެ އާލާމަތާތައް ފެންނާނެކަމަށް ޑޮބްލިޔޫއެޗް އޯއިން ކަނޑައަޅާ ދެހަފަތާގެ މުއްދަތަށް ކަރަންޓީން ފުރިހަމަކުރުމަށް ފަހު ދޫކޮށްލަނީ ކޮވިޑަށް ޓެސްޓްކޮށް ބަލިނެތްކަން ކަށަވަރު ކުރުމަށްފަހުއެވެ. ނަތިޖާއެއްގެ ގޮތުން އިއްޔެއާހަމައަށް ކޮވިޑް އޮތީ ރިސޯރޓްތަކުގައެވެ. މުޖުތަމަޢުތެރެއިން ބަލި ފެނުމަށްމިހާ ދުވަސް ވެސް ނަގައިފައ ވަނީ އަޅާފައިވާ ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުންނެވެ. ފިޔަވަޅުތައް އެޅުމުގެ ބޭނުމަކީ އެއްފަހަރާ ގިނަ ބަޔަކު ބަލީގެ ޝިކާރައަކަށްވެ ހޮސްޕިޓަލުތަކަށް ނުކަތާ ވަރަށް ބަލި މީހުން އިތުރުވެއްޖެނަމަ ޞިއްޙީ ނިޒާމް ފެއިލްވާނެތީއެވެ. އެމަންޒަރު ދުނިޔޭގެ ކުރިއަރައިފައިވާ ޞިއްޙީ ނިޒާމުތަކުން ވަނީ ފެނިފައެވެ.

އެޗްޕީއޭ އިން ރާއްޖޭގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކު ހަދައިފައިވާ ކޮވިޑްގެ އަންދާޒާ ތަކުން ދައްކާ ގޮތުން ކޮމިޔުނިޓީ ސްޕްރެޑަކަށް ދާން ވާއިރަށް ތައްޔާރުވުމަށް ބޭނުންވަނީ 247 އައިސިޔޫ އެނދެވެ. މަލޭ ސަރަޙައްދުގައި މިހާރު ހުރީ އައިސީޔޫ އެދުގެ އަދަދަކީ 235 އެވެ. އެހެންކަމުން އިތުރަށް 33 އެނދު ބޭނުންވާނެއެވެ. އެހާލަތަށް ތައްޔާރުވުމަށް 740 ހޮސްޕިޓަލް އެދު ބޭނުންވެއެވެ. މިހާރު ހުރީ 687 އެނދެވެ. އެހެންކަމުން 437 އެނދު އިތުރަށް ބޭނުންވާނެއެވެ. އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް 197 ވެންޓިލޭޓަރ ބޭނުންވާނެއެވެ. މިހާރު ހުރީ 45 ވެންޓިލޭޓަރެވެ. އެހެން ކަމުން 152 ވެންޓިލޭޓަރ އިތުރަށް ބޭނުން ވެއެއެވެ. މިގެ އިތުރުން އެންމެ ގޯސް ޙާލަތަށް ތަޔާރުވުމަށް ބޭނުންވާނެ އިންސާނީ ވަޞީލަތްތަކުގެ އަންދާޒާ ވެސް ވަނީ ހޯދިފައެވެ. އެގޮތުން މިހާރު އަޅާފައިވާ ހަރުދަނާ ދިޔަވަޅުތަކާއެކު 368 ޑޮކްޓަރުންނާއި 608 އައިސީޔޫ ނަރުހުންނާއި 252 އެޓެންޑެންޓުން އިތުރަށް ބޭނުންވެއެވެ. ބޭނުންވާ ޞިއްޙީ ޚިދުމަތްތެރިން ހޯދުމަށްޓަކައި ރާއްޖެއިން ބޭރުގައި ކިޔަންވަން ތިބި ޑޮކްޓަރުންނަށް ވެސް ޚިދުމަތަށް ނުކުތުމަށް ހެތް މިނިސްޓަރ ވަނީ ގޮވާލައިފައެވެ. އައި ބޭރުގައި ކިޔަންތިބި ބައެއް ޑޮކްޓަރުން ރާއްޖެއަށް އައިސް މިހާރު ވަނީ ކަރަންޓީންވެސް ފުރިހަމަ ކޮށްފައެވެ. އިތުރަށް ބަލި ފެތުރެން ފެށިއްޖެ ހާލަތެއްގައި އެހީތެރިވުމަށް ސިއްހީ އެހީތެރިން ތައްޔާރުވެ ތިއްބެވުމަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ހެތް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވައިފައެވެ.

ކޮވިޑްގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމުގައި އެންމެ މުހިންމު އެކައްޗަކީ ވެންޓިލޭޓަރެވެ. ކޮވިޑްގެ އެންމެ ގޯސް ޙާލަތަށްދާންވާއިރަށް ރާއްޖޭގައި 300 ވެންޓިލޭޓަރ ހުންނާނެކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީގައި މާލީ ވަޒީރު ވަނީ ދެއްވައިފައެވެ. ކޮވިޑާ ބެހޭ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ  151 ވެންޓިލޭޓަރ ގެނައުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. މީގެ އިތުރުން ބޭރުގެ ޖަމިއްޔާތަކުގެ އެހީގައި އިތުރު 27 ވެންޓިލޭޓަރު ލިބޭނެ ކަމުގެ ޔަގީންކަން ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެތަކެތި ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަ ކުރައްވައިފައެވެ. މިހާރު މިވަނީ މުޖުތަމައަށް ބަލި ފެތުރެން ފަށާފައެވެ. އެހެންކަމުން ވެންޓިލޭޓަރތައް ގެނެސް ތައްޔާރީ ހާލަތަށް ގެނައުމަކީ މިހާރު އެންމެ އަވަސް ކުރަންޖެހިފައިވާ އެއް ކަންތަކެވެ.

މިހާރު އޮތް އެންމެ އަވަސް ފަރުވާއަކީ ގޭގައި މަޑުކުރުން!

ކޮވީޑް–19އާ މެދު އަޅުގަނޑުމެންނަށް ކުރިން ހީވެފައި އޮތީ އެއީ އާދައިގެ އަރިދަފުސް ރޯގާއެއްގެ ގޮތުގައެވެ. ނަމަވެސް ކޮވިޑް ފެތުރެމުންދާ ދުނިޔޭގެ ކުރިއަރައިފައިވާ ބޮޑެތި ޤައުމުތަކުން ފެންނަން އޮތް ތަފާސް ހިސާބުތަކުން ބަލީގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް މިހާރު ކަށަވަރުވެ ޔަޤީންވާނެއެވެ. އެމެރިކާއާއި އިޓަލީފަދަ ކުރިރައިފައިވާ ޞިއްޙީ ނިޒާމުތަކަށްވެސް މިބައްޔާ ހަނގުރާމަކުރުމުގެ ޤާބިލްކަން ނެތި އެތައް ބަޔަކު ވަނީ މަރުވެ ގޮސްފައެވެ. އެތައް ބަޔަކު ކޮވިޑްގެ ޝިކާރައަކަށް ވެފައިވަނީ ދުރާލާއި އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުންނެވެ. ބައްޔާމެދު ސަމާލުނުވެ ހޭލަމޭލަވެ އުޅުމުންނެވެ. މިކަމަކަށް އޮތް އެންމެ ބޮޑު ހައްލަކީ ފެތުރިގެން ދިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމެވެ. އެކަމަށް ކުރެވޭނެ އެންމެ މުހިމު ކަމަކީ ގޭގައި މަޑުކޮށްގެން ތިބުންކަމަށް ޞިއްޙީ މާހިރުން ކެނޑިނޭޅި ދަނީ ވިދާޅުވެ އާދޭސް ކުރައްވަމުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް އިއްޔެއާއި ހަމައަށް އެއަޑު އެހީ ކިތައް މީހުންތޯ ސުވާލު އުފެދެއެވެ. ޞިއްޙީ މާހިރުންނާއި ޑޮކްޓަރުން ވިދާޅުވަމުން ގެންދަވަނި ކޮމިޔުނިޓީ ސްޕްރެޑަކަށް ގޮސް ޚިދުމަތް ދެވޭވަރަށްވުރެ އިތުރަށް މީހުންނަށް ބަލި ޖެހެން ފަށައިފިނަ ކުރެވޭނެ ކަމެއް ނެތްކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖްތަމަޢުގައި އެތައް ބަޔަކަށް ބަލި ޖެހި ފަރުވާންދޭންޖެހޭ ޙާލަތަށް ނުދިއުމަށް މިވަގުތު އޮތް އެންމެ އަވަސް ފަރުވާއަކީ ގޭގައި މަޑުކޮށްގެންތިބުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.