ކޮވިޑް- 19: ފަރުވާކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް އަހަރުމެން އެހެން ގައުމުތަކުން ވައްކަންކުރިން: މޯސާދުގެ އޮފިސަރެއް

މުޅި ދުނިޔޭގައި މިހާރު ފެތުރުމުންދާ ކޮވިޑް- 19 ޖައްސާ ނޮވެލް ކޮރޯނާ ވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސްރާއީލުގެ ހެލްތު މިނިސްޓްރީއަށް ބޭނުންވާ ގިނަ އަދަދެއްގެ އާލާތާއި ސާމާނު ހޯދުމުގައި، އިސްރާއީލުގެ ސިއްރު ފުލުުހުންގެ އިދާރާ މޯސާދުން އެހެން މީހުން ނުކުރާ ވައްތަރަކަށް މަސައްކަތް ކޮށްފައިވާ ކަމަށް އެ އިދާރާގެ އޮފިސަރަކު ބުނެފިިއެވެ.

އިސްރާއީލުގެ ޗެނެލް 21 ގައި ވާހަކަދައްކަމުން އެ އޮފިސަރު ބުނީ ބައެއް ކުއްލި ހާލަތްތައް ދިމާވެގެން ބޭނުންވާ ތަކެތި ހޯދުމަށް ވައްކަންކުރުން ފަދަ އާދަޔާއި ޚިލާފު ގޮތްތައް މޯސާދުން ބައެއް ފަހަރު އިޚްތިޔާރުކޮށްފައިވާ ކަމުގައެވެ.

އޭނާ ބުނި ގޮތުގައި ކޮރޯނާ ވައިރަހާ ކުރިމަތިލުމަށް ސިއްހީ އާލާތާއި، ސާމާނާއި، ބޭހުގެ ގާތްގަނޑަކަށް 120 މިލިއަން ޔުނިޓް ބޭނުންވާކަން އިސްރާއީލުގެ ސަރުކާރުން އެންގިއެވެ. އެހެންކަމުން، މޯސާދުން މިހާރުވެސް މަސައްކަތްކުރަމުން ދަނީ ބަަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންވާ މާސްކާއި، ވެންޓިލޭޓަރާއި، އެހެނިހެން ސާމާނު އެއްކުރުމަށް ކުރެވުނު ކޮންމެ ގޮތަކަށް މަސައްކަތްކުރަމުންނެވެ.

ޗެނެލް 21 ގެ 'ފެކްޓް' ޕްރޮގްރާމް ހުށަހަޅާ އިލާނާ ޑަޔާން، އެ ތަކެތި ހޯދަން ވައްކަން ކުރަންތޯ މޯސާދުގެ އޮފިސަރާ ސުވާލުރުުމުން އޭނާ ދިން ޖަވާބަކީ "އާން! އަހަރުމެން ވައްކަންކުރިން. އެކަމަކު ކުޑަކޮށް." ކަމަށެވެ.

"އިސްލާއީރު ރައްޔިތުން (މި ބައްޔަށް ފަރުވާ ހޯދަން) ބޭނުންވާ ތަކެތި ނުލިބިގެން ތިބޭކަށް ނުޖެހޭނެ..... އާއްމުކޮށް މުޅި ދުނިޔޭގައި މީހުންނަށް ބޭނުންވާ ވަރަށް ތަކެތި ނުލިބޭނެ. މީހުން މަރުވަމުން އެދަނީ ބޭނުންވާ އާލާތްތައް ނުލިބިގެން. އެކަމަކު އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް އެއްޗެއް މަދެން ނުވާނެ." އޭނާ ބުންޏެވެ.

މާރިޗު މަހުގެ ކުރީކޮޅު މޯސާދުން ވަނީ ކޮރޯނާ ވައިރަހާ ކުރާ ހަނގުރާމައިގެ މަސައްކަތަށް ކޮމާންޑު ސެންޓަރެއް ގާއިމުކޮށްފައެެވެ.

ޚަބަރުތައް ބުނާ ގޮތުން މޯސާދުން ވަނީ ބޭރުން 'ހޯދިތާނކުން ހޯދައިގެން' އެއް ދުވަހުގެ ތެރޭގައި ކޮވިޑް- 19 އަށް ޓެސްޓުކުރާ 1 ލައްކަ ކިޓު މާރިޗު މަހުގެ މެދެއްހާ ތާނގައި އިސްރާއީލަށް ގެނެސްފައެވެ. އެތަކެތި ހޯދި ގޮތެން ނޭނގުނު ނަމަވެސް، މޯސާދުން މި ކިޓުތައް ހޯދާފައިވަނީ ސައޫދީ އަރަބިއްޔާއާއި ޔޫއޭއީންނެވެ.  އަދި މާރިޗު މަހު ފަހު ކޮޅު މޯސާދުން ވަނީ 'ހޯދި ގޮތަކަށް ހޯދައިގެން 4 ލައްކަ ޓެސްޓުކިޓު އިސްރާއީލަށް ގެނެސްފައެވެ.

އިސްރާއީލުގެ އެންމެ ބޮޑު އެއް ނޫސް 'ޖެރޯސަލަމް ޕޯސްޓް' އިން ބުނި ގޮތުގައި މޯސާދުން މުސްތަގުބަލުގައި ހިންގާ އޮޕަރޭޝަންތަކުގައި 4 މިލިއަނެއްހާ ޓެސްޓު ކިޓު އިސްރާއީލަށް އެތެރެކުރުން އެކަށީގެން ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.