ފިލިޕިންސުން އައި މީހުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށްފި

މާރިޗުމަހު 27 ވަނަދުވަހު ފިލިޕީންސުން ރާއްޖެއަށް އައިސްފައިވާ 47 ދިވެހޫންގެ ކަރަންޓީނުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިރާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވީ އެމީހުން ކަރަންޓީނުގެ މުއްދަތު އިތުރު ކުރަން ނިންމީ އެމީހުން ދޫކޮށްލުމަށް ހެދި ޓެސްޓުގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ ސިއްހީ މާހިރުންގެ ލަފާގެ މަތީން ކަމަށެވެ.

އެ މީހުން ކަރަންޓީން ކޮށްފައިވަނީ އެރިއަދޫ ރިސޯޓުގައެވެ. ފިލިޕީންސުން އައި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހާ ޕޮޒިޓިވް ވެފައިވަނީ އޭނާގެ ގައިން އެއްވެސް އަލާމާތެއް ނުފެނިއެވެ.

މަބްރޫކް ވިދަޅުވީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަސް ދިވެހީން ވެސް ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނު ފެސިލިޓީގައި ތިއްބައި ކަމަށެވެ. އެހެން ކަމުން ކަރަންޓީން ކުރުމުގެ މުހިންމުކަން އެނގިގެން ހިނގަޖެ ކަމަށެވެ. އެއިން މީހަކު މުޖުތަމައަށް ދޫކުރެވުނުނަމަ އެތައް ބަޔަކަށް ބަލި ފެތުރި ނުރައްކާވީސް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެން ކަމުން ކަރަންޓީނު ކުރުމުގައި ސަރުކާރުން މިހާރު ގެންގުޅުއްވާ އުސޫލަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ފިލިޕިންސުން އައި މީހުން ކަރަންޓީނުގައި ތިބޭއިރު އުޅެފައިވާ ގޮތް ބެލުމަށް ޓެގް ޓީމުން ބޭނުންވާ ކަމަށާއި އެއީ ބައެއް ފެސިލިޓީތަކުގައި ނުކުމެ އުޅެވޭގޮތްވެސް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިބަލިން ސަލާމަތްވުމަށްޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަކީ ވަރަށް މުހިންމު ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އެހެން ކަމުން ރާއްޖެއިން ބޭރުން އަންނަ މީހުން ކުރިއަށްއޮތް ތަނުގައިވެސް ކަރަންޓީން ކުރަމުން ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.