ކޮވިޑް- 19: ޔޫރަޕްގައި ވައިރަސް ފެތުރޭ މިންވަރު ދަށްވާން ފަށައިފި

ސްޕޭންގެ ވެރިރަށް މެޑްރިޑްގައި ހަދާފައިވާ ފީލްޑް ހޮސްޕިޓަލެއް

ޔޫރަޕްގައި އެންމެ ހަލުވިކޮށް ކޮވިޑް- 18 ފެތުރެމުންދާ ގައުމުތައް ކަމުގައިވާ އިޓަލީ، ސްޕޭން، އަދި ފްރާންސްގައި ވައިރަސް ފެތުރޭ ބާރުމިން ދަށްވަމުން ދާން ފަށައިފިއެވެ. މިއާއެކު، މިހާރު ޔޫރަޕްގެ ގައުމުތަކުން ވިސްނަމުންދަނީ ލޮކްޑައުންތަކަށް ލުއިދޭނެ ގޮތްތަކާމެދުގައެވެ.

އިޓަލީގައި އިއްޔެއަކީ ފާއިތުވި ތިން ހަފުތާ ތެރޭގައި އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އަދި އައިސީޔޫގައި ފަރުވާދެމުންދާ ބަލިމީހުން ވެސް ވަނީ މަދުވާން ފަށާފައެވެ. މިއީ ވައިރަސްގެ ނުރައްކާތެރިކަން މިހާރު ކުޑަވަމުންދާ ކަމުގެ ނިޝާނެކެވެ.

މާރިޗު މަސް ނިމުނު ފަހުން ސްޕޭނުގައި ވެެސް ވަނީ އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުން މަދުވާން ފަށާފައެވެ. ފްރާންސުގައި ވެސް އިއްޔެއަަކީ ހަފުތާއެއްގެ ތެރޭގައި އެންމެ މަދު އަދަދެއްްގެ މީހުން ވައިރަހަށް ޕޮޒިޓިވްވި ދުވަހެވެ.

ކޮވިޑް- 19 ޖައްސާ ނޮވެލް ކޮރޯނާ ވައިރަސް ފެތުރޭ ބާރުމިން ޔޫރަޕްގައި ދަށްވާން ފެށުމުން، 'ގޭބަންދުގައި' ތިބުން ދިގުލައިގެންދާތީ ކަންބޮޑުވެފައި ތިބި ރައްޔިތުންނަށް އެމީހުން 'ބަންދުން' ދޫކޮށް، ގައުމުތައް ހުޅުވާލަން ފަށާނެ ދުވަހެއް އަންދާޒާކޮށްފައި ބުނަން ތަންކޮޅެއް ފަަސޭހަވާނެއެވެ.

ޔޫރަޕްގައި އެންމެ ބޮޑަށް ވައިރަސް ފެތުރު ގައުމުތަކުގައި ފެތުރޭ މިންވަރު ދަށްވާން ފަށާފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، އެ ޖަމްއިއްޔާއިން ވަނީ ވައިރަސް ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިނުމުގައި ފަރުވާތެރި ނުވެވިއްޖެނަމަ، މާ ބާރުގަދަކޮށް ވައިރަސް އެނބުރިއައުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު ދީފައެވެ.

"އެހެން އެންމެންނެކޭ ވެސް އެެއްފަދައިން ޑަބްލިޔުއެެޗްއޯ އިންވެސް ބޭނުންވޭ މިހާރު އަޅާފައިވާ ހުރަސްތައް ދޫކޮށްލާތަން ދެކެން. ހަމަ މިއާއެކު، މާ އަވަހަށް ފިޔަވަޅުތައް އުވާލައިފިނަމަ ވައިރަސް އަލުން ފެތުރިގަތުމަށް ކޮށޭ މަގަކަށްެވެސް ވެދާނެ." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެެނެރަލް ޓެޑްރޯސް އަދަނަމް ގެބްރަޔޭސަސް ވިދާޅުވިއެވެ.

ކޮވިޑް- 19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ލިބުނު ގެއްލުން 5 ޓްރިލިއަން (ފަސް ހާސް ބިލިއަން) ޑޮލަރަށް އަރާނެކަމަށް ލަފާކުރެއެވެ. އެހެންކަމުން، ގައުމުތަކުން މަސައްކަތްކުރަނީ، ވަޒީފާ ގެއްލުން މަދުކުރުމަށާއި، ވިޔަފާރިތައް ބަނގުރޫޓުވާ މިންވަރު ދަށްކުރުމަށް، އާދައިގެ ހާލަތަށް ވީހާވެސް އަނބުރާ ދިއުމަށެވެ.

ދުނިޔޭގައި ކޮވިޑް- 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަ 1.8 މިލިއަނަށް އަރާފައި ވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 1 ލައްކަ 11 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.  މި ބަލީގައި ޔޫރަޕުން އެކަނި 76 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.