ކޮވިޑާ ގުޅިގެން ދެވޭ އެހީގެ ޕެކޭޖަކީ ވިޔަފާރި ފުޅާ ކުރަން ދެވޭ އެހީއެއް ނޫން: އިކޮނޮމިކް މިނިސްޓަރ 

އެހީގެ ޕެކޭޖަކީ ވިޔަފާރި ފުޅާ ކުރަންދެވޭ އެހީއެއް ނޫން ކަމަށްއިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާރު ވިދާޅުވިއެވެ. މިހާރު ސަރުކާރުން ތަޢާރަފްކޮށްފައިވާ ރިލީފް ޕެކޭޖަކީ ހާލުގައި ނުޖެހި ތިންމަހެއްހާ ދުވަހު ދެމި ތިބުމަށް ފޯރުކޮށް ދެވޭ އެހީތެރިކަމެއްކަމަށެވެ. އެއް ގޮތަކަށް ވެސް އެއީ އެމީހެއްގެ ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރަން ދެވޭ އެހީ ތެރިކަމެއް ނޫންކަމަށެވެ. އަމިއްލައަށް މަސައްކަތް ކޮށްއުޅުނު ވަކިފަރުދަކަށްނަމަ ދުކުރެވެނީ 18 ހާސް  ރުފިޔާއެވެ. ތިން މަހުގެ މައްޗަށް ބަހައިލައިފިނަމަ އެއީ މަހެއްގެ މައްޗަށް ހައެއްކަ ހާސް ރުފިޔާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެއީ ކިރިޔާ ކައިބޮއެ އުޅެލެވޭ ވަރުކަން ފާހަގަ ކުރެއްވިއެވެ. މިއީ ވެސް ކުޑަ ޢަދަދެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވި އެވެ.

ރިލީފް ޕެކޭޖުން ދެވޭ އެހީތެރިކަމަކީ ތިންމަސް ދުވަހު އެވިޔަފާރިއަކަށް ލިބޭ އާމްދަނީގެ ވިއްސަކަށް އިންސައްތަކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެއީ މުވައްޒަފުންނަށް ތިންމަހު މުސާރަ ދެވޭ ވަރުކޮށްލަދޭން ދެވޭ އެހީތެރިކަމެއް ކަމަށް ވެސް މިނިސްޓަރ ފަހަގަ ކުރެއްވިއެވެ.

"އެއްގޮތަކަށް ވެސް މިއީ ވިޔަފާރި ފުޅާކޮށް ވިޔަފާރި ވަރުގަދަކުރަންދެވޭއެއްޗެއް ނޫން. ތިން މަސް ދުވަހު މުވައްޒަފުން ހިފަހަށްޓައިލައިގެން، ނޭވާލައިގެން ތިބެލެވޭ ވަރު ކޮށްދެވެނީ" ކޮވިޑް ރިލީފް ޕެކޭޖްގެ ދަށުން ވިޔަފާރިތަކަށް ދެވޭ އެހީ ތެރިކަމާ ބެހޭ ގޮތުން މިނިސްޓަރ ފައްޔާރު ވިދާޅުވިއެވެ.

ކޮވިޑް 19 އާގުޅިގެން ސަރުކާރުން ތައާރަފުކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖްގެ ދަށުން 10 މިލިއަން ރުފިޔާއަށް ވުރެ މަތިން އަމްދަނީ ލިބޭ ރިސޯޓަކަށް ގިނަވެގެން ދޫކުރުމަށް ހަމަޖައްސަވައިފައި ވަނީ 7.71 މިލިއަން ރުފިޔާއެވެ. އަދި ވިޔަފާރިއަކަށް ގިނަވެގެން ދޫކުރުމަށް ހަމަޖައްސަވައިފައިވަނީ  އެއް މިލިއަން ރުފިޔާއެވެ. 10 މިލިއަން ރުފިޔާއަށްވުރެ މަތިން އާމަދަނި ލިބޭ ވިޔަފާރިތަކާއި ރިސޯރޓްތަކަށް ލޯނު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. 10 ލިއަން ރުފިޔާއަށް ވުރެ ދަށުގެ އާމްދަނީ ލިބޭ ކުންފުނިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް ލޯނު ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިންނެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ގިނަވެގެން ލިބޭނީ 18 ހާސް ރުފިޔާ ކަމަށް އެސްޑީއެފްސީން  ވަނީ ބުނެފައެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންގެ ގޮތުގައި ބަލަނީ ފާއިތުވު އަހަރުގެ ތެރޭގައި ހަ މަސް ދުވަހު މަސައްކަތްކޮށް އާމްދަނީއެއް ލިބިފައިވާނަމައެވެ. ލޯނު ދޫކުރަނީ ހަ ޕަސެންޓު އިންޓްރެސްޓުގައި ގިނަވެގެން ތިން އަހަރުން އަދާކުރަން ޖެހޭ ގޮތަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން ފަސް ލައްކަ ރުފިޔާ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.