އައިސިސްއިން އަނެއްކާވެސް ސީރިޔާގައި ހަމަލާތައް ފަށައިފި

ސީރިޔާ (ސޫރިޔާ) އާއި އިރާގު ބޮޑު ބައެެއް ހިފައިގެން 'އިސްލާމީ ޚިލާފަތެއް' އުފައްދައިގެން އުޅުނު ޖަމާއަތް، އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސިސް) ގެ އަތުުން އެ ބިންތައް ބީވެ، ސީރިޔާއިން އެ ޖަމާއަތް 'ބޭރުކޮށްލެވުނު'ތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެމެރިކާއިން ވަނީ އެ ޖަމާއަތުގެ ވެރިޔާ އަބޫބަކްރު އަލްބަޣްދާދީވެސް މަރާލާފައެވެ.

މިހުރިހާ ނާކާމިޔާބީތަކަށް ފަހުވެސް އައިސިސްއިން މިވަނީ އެޖަމާއަތުގެ ހަނގުރާމަވެރިން އެެއްކޮށް އަނެއްކާވެސް ސީރިޔާގައި ހަމަލާތައް ފަށާފައެވެ.

އައިސިސްގެ ހަނގުރާމަވެރިން ވަނީ ޙިމްޞުގެ އިރުމަތީގައި ތިބި ސީރިޔާ ސަރުކާރުގެ ސިފައިންނަށް ބުރާސްފަތި ދުވަހު ހަމަލާދީފައެވެ. މި ހަމަލާގެ ތެރެއިން ދެފަރާތުގެ ދެމުގަައި ކުރިއަށް ދިޔަ ހަނގުރާމައިގައި ދެ ފަރާތުން އެެތަައް ބަޔަކު މަރުވެފައިވާ ކަމަށް ވެއެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނި ގޮޮތުގައި ސީރިޔާ ސަރުކާރުގެ ސިފައިންނާއި، ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި އައިސިސްގެ ހަނގުރާމަވެރިނާ ދެމެދު އެސަރަަހައްދުގައި ބަދަލުކުރެވުނު ހަމަލާތަކުގައި ސަރުކާރު ސިފައިންގެ 32 މީހުންނާއި، އައިސިސްގެ ހަނގުރާމަވެރިންގެ 26 މީހުން މަރުވެފައި ވެއެވެ.

އޮބްޒަވޭޓަރީން ބުނި ގޮތުގައި ދެ ފަރާތުގެ ދެމެދުގައި އަދިވެސް ހަަމަަލާތައް ދަނީ ބަދަލުކުރެވެމުންނެވެ. އަދި ސަރުކާރުގެ ސިފައިންނަށް އެހީތެރިވުމުގެ ގޮތުން ރަޝިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ދަނީ އައިސިސްގެ ހަނގުރާމަވެރިން ތިބި ތަންތަނަށް ހަމަލާދެމުންނެވެ.

އަނަޑޯލޫ ނިއުސް އެޖެންސީން ޚަބަރުދިން ގޮތުގައި އިރު އުތުރު ސީރިޔާގެ ދޭރައްޒޫރު ސަރަހައްދުގައިވެސް އައިސިސްގެ ހަނގުރާމަވެރިން ވަނީ ސީރިޔާ ސިފައިންގެ މަރުކަޒުތަކަށް ހަަމަލާދީފައެވެ. އަދި ސަރުކާރުގެ ސިފައިންވަނީ، ރަޝިޔާގެ ވައިގެ ބާރުގެ އެހީތެރިކަމާއެކު އެމީހުން ފަހަތަށް ޖައްސާފައެވެ.

ބުނެވޭ ގޮތުގައި ދޭރައްޒޫގެ ހުޅަނގަށް ހުރި ކުދި އަވަށްތަކުގެ ތެރެއިން ބައެެއް އަވަށްތައް ވަނީ އައިސިސްގެ ބާރުގެ ދަށުގައެވެ. އެއީ ސީރިޔާގެ ބިމުގެ ގާތްގަނޑަކަށް %2 އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.