މޫނުމަތި  ޑިޕްލޮމަސީ

ވޭތުވެދިޔަ ދަހަރުތަކަށް ބަލާއިރު ދުނިޔޭގެ ބައްރުތަކަށް އެންމެ ބާރު ފޯރުވި އެންމެ ޖާޒުބީ އެއްޗަކަށް ވެފައި ވަނީ އެމެރިކާގެ ޢަސްކަރީ މޮޅު ހަތިޔާރެވެ. މި ގޮތަށް  ކަންކަން ހިނގަމުން ދަނިކޮށް ރޫސީވިލާތުގެ ރައީސްކަމަށް ވްލެޑިމީރު ޕޫޓިން އިސްވެވަޑައިގަތުމާއެކު ރުސީވިލާތުގެ މޮޅު ހަތިޔާރު ( ޚާއްޞަކޮށް މިސައިލާ އިދިކޮޅު މައިތިރި ހަތިޔާރެއްކަމުގައިވާ އެސް 300 އާއި އެސް 400 ) ދުނިޔޭގެ މަސްރަޙުގައި މުހިއްމު ދައުރެއް އަދާކުރަން އަނެއްކާ ވެސް ފަށައިފިއެވެ. އެމެރިކާގެ ފަލަކުގައި ދައުރު ކުރާ  ތުރްކީ ވެސް މިހާރު ވަނީ ރުސީވިލާތުން މި ހަތިޔާރު ގަތުމަށް މޮސްކޯއާއެކު އެއްބަސްވުން ހަދައި އެ ހަތިޔާރު ގަތުމުގައި ކުރިއަށް ދާން ފަށައިފައެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ތުރްކީ ރައީސް އުރްދުޣާން ދެކެ ވަރަށް ބޮޑަށް ކޯފާވެފައެވެ.

މިއަދުގެ ސިޔާސީ އުދަރެހަށް ބަލާއިރު، ކޮރޯނާ ވަބާގެ ދުވަސްވަރުގައި ( ސިޔާސީ އެއްބާރުލުން) އޮތްކަން ތަޢުބީރުކޮށްދޭ ވަސީލަތަކަށް ވެފައިވަނީ ( މޫނުމަތި face mask ) އާއި ( ބޭސްފަރުވާއަށް ބޭނުންވާ އާލަތް) އެވެ. ރަޙްމަތްތެރީންނާއި ބައިވެރީން ކަނޑައެޅުމުގައެވެ. ވާދަވެރީންނާއި ދުޝްމަނުންގެ މެދުގައި ހިނގަމުންދާ ކޯޅުންތަކާއި އަރާރުންތަކުގެ (ދިލަ ) ކުޑަކުރުމުގައެވެ. މިއަދު ދުނިޔޭގައި އޮތް ސިޔާސީ އެއްބާރުލުންތަކާއި ސިޔާސީ ޖަމާޢަތްތައް ދެމެހެއްޓުމުގައި މި މޫނުމަތިތަކުގެ ދައުރަކީ ކޮބައިބާވައެވެ؟މި ކަމުގެ ސަބަބުން މިހާރު އޮތް ގުޅުންތަކަށް ފޯރާނީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެއެވެ؟ މިއީ މިހާރު ދުނިޔޭގެ ނޫސްތަކުގައި ބަހުސްކުރެވުންދާ އަދާހަމަ މައުޟޫޢެކެވެ.

ސިޔާސީ ޚަންދަޤުތައް

ކޮރޯނާ ވަބާ ދުނިޔެއަށް ފެތުރި ޢާއްމުވެ ، މި ވަބާގެ ނުރައްކާތެރިކަން ފެތުރެން ފެށުމާއެކު މި ބަލިން ރައްކާތެރިވުމަށް ޓަކައި ތަފާތު ޤައުމުތަކުން އަންނަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. މި ވަބާއާ ހަނގުރާމަ ކުރާނެ ވަކި ބޭހެއް އަދި ފެނިފައި ނުވާތީ ހުރިހާ ޤައުމުތަކަކުން ވެސް އަޅަމުންދަނީ ރައްކައުތެރިވުމުގެ ފިޔަވަޅުތަކެކެވެ. ބަލި ޖެހޭ މީހުން އެކަހެރިކުރުމާއި ބަލި ނުޖެހޭ މީހުން ގައިދުރުކޮށް އުޅެން އެންގުމާއި ތަންތަނަށް އެއްވެއުޅުން މަނާކުރުންފަދަ ކަންކަމެވެ. އަދި މި ބަލި ޖެހިފައިވާ މީހުންގެ ގައިން އެހެންމީހުންނަށް ބަލިއެރުން މަނާކުރުމަށް ޓަކައި އެންމެ ގިނަ ބަޔަކު ބޭނުން ކުރަމުން ދަނީ މޫނުމައްޗެވެ.  މި ކަމުގައި ޗައިނާއާއި ރަޝިޔާއިން ދުނިޔޭގެ 85 ޤައުމަކަށް ބޭސްފަރުވާއަށް  ބޭނުންވާ އެހީ ފޯރުކޮށް ދިނުމަށް އަވަސްވެ ގަތެވެ. އެތައް މިލިޔަން މޫނުމަތިތަކެއް  ދުނިޔެއަށް ބަހައި ހިލޭ އެހީގެ ގޮތުގައި ދިނެވެ.މި ކަމުގެ ސަބަބުން މި އެހީ ލިބުނު ޤައުމތަކުން ޗައިނާއާއި ރަޝިޔާއާއެކު ގެންގުޅެމުން އައި ސިޔާސަތަށް ބަދަލު އަންނާނެ ބާވައެވެ. ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި މި މޫނުމަތިތަކުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދާ ނުވަތަ  ނޭޓޯއާ ނުވަތަ އެމެރކާއާ ދެކޮޅަށް މި ޤައުމުތަކުން އައު ( ސިޔާސީ ޚަންދަޤަކަށް) ފައިބާފާނެކަމަކަށް ނުފެނެއެވެ. މިސާލަކަށް ވެނެޒުއޭލާއާއި އީރާނަކީ މި ވަބާ ކުރިން ވެސް ޗައިނާއާ ރަޝާއާއެކު ގުޅުން ބަދަހި ދެ ޤައުމެވެ.   އެހެން ކަމުގައި ވިޔަސް ޗައިނާއާއި ރަޝާގެ އެހީ ލިބުނު ދެކުނު ޔޫރަޕާއި އިރުމަތީ ޔޫރަޕުގެ ޤައުމުތަކުން ( ބަދަލު ވުމުގެ އިން) ފަހަނަޅާދާނެކަމަކަށް ނުފެނެއެވެ. ރަޝާއާއެކު ވާހަކަދައްކައިގެން މަސްއަލަތައް ޙައްލު ކުރުމަށް ގޮވައިލާ ޔޫރަޕްގެ އަޑުތައް އިތުރުވެދާނެއެވެ. ޗައިނާގެ ކުރިމަތީގައި ވުނަކުރުމުގެ ދޮރު ބަންދު ނުކުރުމަށް ގޮވައިލާ އަޑުތައް ގަދަވެގެން ހިނގައިދާނެއެވެ.

މި ކަމުގައި އެންމެ ރަނގަޅު މިސާލުތައް ފެންނަމުން ދަނީ އިޓަލީއާއި ސްޕޭނާއި ސަރބިޔާ ފަދަ ދެކުނު ޔޫރަޕާއި އިރުމަތީ ޔޫރަޕުގެ ބައެއް ޤައުމުތަކުންނެވެ. މިއީ ކޮރޯނާ ވަބާ ފެތުރުމުގެ ކުރިން ފަރަންސޭސި ވިލާތުގެ ރައީސް އިމަނުވީލް މެކްރޯން ގޮވައިލައްވައިފައިވާ ކަމެކެވެ. އޭނާ ވިދާޅުވެފައިވަ ގޮތުގައި ރަޝާއަކީ ( ޔޫރަޕްގައި )  ޚާއްޞަ އިމްތިޔާޒު ދޭން ޖެހޭ ޤައުމެކެވެ. އޭނާ ވިދާޅުވާ ގޮތުގައި ރަޝާއާއެކު ކޯޅުމަށްވުރެ ރަނގަޅު ވާނީ ވާހަކަ ދައްކައިގެން އުޅުމެވެ. ޔޫރަޕުގައި ނިޔުކްލިއަރ ހަތިޔާރު އިތުރަށް ފެތުރުމަށްވުރެ ރަނގަޅުވާނީ ރަޝާއާއެކު ވާހަކަ ދެއްކުންކަމަށް އިޓަލީއާއި އޮސްޓްރިއާއާއި ހަންގެރީން  އަބަދުވެސް ބުނެއެވެ. އެހެން ނަމަވެސް ކޮރޯނާ ވަބާ ނިމުމުން ރަޝާއާއެކު ގާތްގުޅުމެއް ބޭއްވުމަށް އިޓަލީންނާއި ސްޕޭނުން ގޮވައިލާނެ ކަމަކަށް ނުފެނެއެވެ. ރަޝާގެ އެހީތައް ހިފައިގެން އައި ބޯޓުތަކުން މުދާތައް  ބާލަމުން ދިޔައިރު އިޓަލީގެ މަޝްހޫރު ނޫހެއްކަމުގައިވާ ( ލާ ސްޓާމްޕާ) ގައި ޝާއިޢު ކުރަމުން ދިޔަ ޚަބަރުގައި އޮތީ މޮސްކޯއިން ދިން އެހީގެ 80 % އަކީ ފައިދާއެއް ނެތް ( ކުނިބުނިތަކެކެވެ. ) ޗައިނާއިން ފޮނުވި މޫނުމަތިތަކަކީ ފޭރާން ދެރަ އެއްޗެހިތަކެކެވެ. މި ވާހަކަތަކުން އެނގެނީ ޗައިނާއާއި ރަޝާގެ ބޭސްފަރުވާގެ އެހީގެ ސަބަބުން ސިޔާސަތަށް ބަދަލުއައުމުގެ އިން ވަރަށް ހަނި ކަމެވެ.

އުސް ފަންގެފިލާއެއް

ޗައިނާއާއި ރަޝާގެ ނޫސްތަކަށް ބަލާއިރު މި ނޫސްތައް ދެކޭގޮތުގައި ( މޫނުމަތީގެ ޑިޕްލޮމަސީ) ގެ ސަބަބުން  ބަދަލުއައުމުގެ އުސް ފަންގިފިލާއެއް އުފެދޭނެއެވެ. ޗައިނާއާއި ރަޝާގެ ޚަބަރު ފަތުރާ ވަސީލަތްތައް އުއްމީދު ކުރާ ގޮތުގައި ޔޫރަޕްގެ އިއްތިޙާދާއި ނޭޓޯއާއި އެމެރިކާގެ ޤާބިލުކަމާއި ހުޅަނގުގެ ނަމޫނާއާމެދު މީސްތަކުންގެ ހިތްތަކުގައި މިހާރު ވަނީ ޝައްކު އުފެދިފައެވެ. ބަވަނަވުމާއި ރައުސްމާލިއްޔަތާއި އަދި ކިއެއްތޯއެވެ؟ ހުޅަގުގެ ސަޤާފަތާއި ފަންނާމެދުގައި ދުނިޔޭގެ ގިނަ ބައެއްގެ ހިތްތަކުގައި ވަނީ އެ ނިޒާމުތަކުގެ ނުވަތަ މަންހަޖުތަކުގެ ( މޫރިތިކަން ) ނެތިފައެވެ.

އެންމެވެސް އެއްބަސްވާ ގޮތުގައި މި ވަބާއިން ސަލާމަތްވުމަށް ދުނިޔެ ކުރަމުންދާ މަސައްކަތަށް ޗައިނާއާއި ރަޝާއިން ލިބެމުން އަންނަ ބޭސްފަރުވާގެ އެހީތަކުގެ ސަބަބުން އެ ޤައުމުތަކަށް ވަރަށް ފައްސި އަސަރުތަކެއް ކުރާނެއެވެ. މި އަސަރުގެ ރިވެލިވުން ޗައިނާއަށާއި ރަޝާއަށް ކުރިމަގުގައި ފައްސިވެގެންދާނެއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.