ކަސްޓަމްސްގެ ވެރިޔާ ނުއުމާން އަވަހާރަ ވެއްޖެ- އެއީ އުސޫލުގައި ހިފެހެއްޓެވި ބޭފުޅެއް: މިނިސްޓަރ ޢިމްރާން

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވީ ސ. ހިތަދޫ ޖަނަވަރީމާގޭ، އަޙުމަދު ނުއުމާން މިރޭ އަވަހާރައްވެއްޖެއެވެ.

ނުއުމާން އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ އާލަސްކަން ފުޅަކަށް ބޭސް ކުރެއްވުމަށެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ ކިޑްނީގެ އާލާސްކަންފުޅަކަށެވެ.

ނުއުމާނަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސެވެ. އެޕާޓީން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އަވަހާރަވުމަކީ އެޕާޓީއަށާއި ދިވެހި ގައުމަށް ލިބުނު ނުހަނު ހިތާމަވެރި ޚަބަރެއް ކަމަށެވެ.

ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކުރައްވާފައިވާ ޓުވީޓެއްގައި  ވިދާޅުވެފައިވަނީ ނުއުމާން އަވަހާރަވި ޚަބަރު އަޑުއެއްސެވީ ވަރަށް ފުންހިތާމައާއެކުގައި ކަށެވެ. "ނުއުމާނަކީ އުސޫލު ތަކުގައި ހިފެހެއްޓެވި، އިސްލާހީ މަސައްކަތުގައި ކެރިގެން ދެމިހުންނެވި، ޢަދާލަތު ޕާޓީއަށާއި، ދިވެހިގައުމަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް،" ޢިމްރާން ވިދާޅުވިއެވެ.

ނުއުމާން އަވަހާރިވި އިރު އަނބިކަނބަލަކާއި، ދެ ފިހެން ބޭފުޅުން ތިއްބެވިއެވެ. "ދުޢާއަކީ ނުއުމާންގެ ފުރާނަފުޅަށް ﷲގެ ތަނަވަސް ރަޙުމަތް މިންވަރު ކުރައްވައި، ސުވަރުގޭގެ މަތިވެރި މަޤާމް މިންވަރު ކުރެއްވުން. އަދި މި ހިތާމައިގެ ވަގުތުގައި ނުއުމާންގެ އަނބިކަނބަލުންނާއި ދެ ދަރިކަލުންނާއި އާއިލާއަށް ކެތްތެރި ކަމާއި ސާބިތުކަން މިންވަރު ކުރެއްވުން،" ޢިމްރާން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.