އިޤްތިޞާދީ ޕެކޭޖްގެ ލޯނަށް އެދުމުގެ ފުރުޞަތު ރިސޯޓް ތަކާއި ބޮޑެތި ވިޔަފާރިތަކަށް ހުޅުވައިލައިފި

ރިސޯރޓަކަށް ގިނަވެގެން 7.71 މިލިއަން ރުފިޔާ، ބޮޑެތި ވިޔަފާރިއަކަށް ގިނަވެގެން އެއް މިލިއަން ރުފިޔާ

ސަރުކާރުން އިޢްލާންކޮށްފައިވާ 2.5 ބިލިއަން ރުފީޔާގެ އިޤްތިޞާދީ ޕެކޭޖްގެ ލޯނަށް އެދުމުގެ ފުރުޞަތު ރިސޯޓް ތަކާއި ބޮޑެތި ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) އިން ހުޅުވައިލައިފިއެވެ.

ލޯނަށް އެދުމުގެ ފުރުޞަތު ހުވާލީ ބީއެމްއެލް އިން ކޮށްފައިވާ އިޢުލާނަކުންނެވެ.  ބީއެމްއެލްއިން ލޯނު ދޫކުރާނީ 10 މިލިއަން ރުފިޔާއަށް ވުރެމަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ. އޭގެތެރޭގައި ރިސޯރޓްތައް ވެސް ހިމެނޭނެއެވެ.  އިކޮނޮމިކް ޕެކޭޖްގެ ދަށުން ރިސޯޓަކަށް ގިނަވެގެން ދޫކުރަން ހަމަޖައްސަވައިފައި ވަނީ 7.71 މިލިއަން ރުފިޔާއެވެ. އަދި ބޮޑެތި ވިޔަފާރިއަކަށް ގިނަ ވެގެން އެއް މިލިއަން ރުފިޔާއެވެ.

ލޯނު ދުކުރުމާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ލޯނު ކުރުމުގައި ބަލާނެ މިންގަނޑުތައް ވަނީ ހާމަކުރައްވައިފައެވެ. ރިސޯރޓްތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނަރޝިޕްގެ ނިސްބަތަށާއި  ރިސޯރޓްގައި ދިވެހި މުވައްޒަފުން ވަޒީގައި ގެންގުޅޭ ނިސްބަތް 45 އިންތަ އަށް ވުރެ މަތިތޯ ބަލައި ލޯނު ދިނުމުގައި އިސްކަން ދެވޭނެކަމަށް ވަނީ ބުނެފައެވެ. އެކަންކަން ސަރުކާރުން ބެލުމަށް ފަހު ބީއެމްއެލް އާ ޙިއްޞާ ކުރާނެކަމަށް ވެސް ފިނޭން މިނިސްޓްރީން ވަނީ ބުނެފައެވެ.

ރިސޯރޓްތަކުގެ އިތުރުން އަމިއްލަ ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި ވެސް އިސްކަން ދިނުމުގައި ބެލުމަށް ހަމަޖައްސަވައިފައިވާ ކަންކަމުގެ ތެރޭގައި 2019 ވަނަ އަހަރު ވިޔަފާރީއަށް ފައިދާ ވެފައިވޭތޯ އާއި ކުރިއަށް އޮތް ތިން އަހަރުގެ ކޭޝް ފްލޯ ފޯކާސްޓް ޕޮސިޓިވްކޮށް ހިރުތޯ ބެލުން ހިމެނެއެވެ. ކޮވިޑް- 19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ނުވަތަ ނޯޕޭނަގަން މަޖްބޫރުކުރުވައިފައިވާ ފަރާތްތަކަށް ލޯނު ނުލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެކަން ސަރުކާރުން ބަލައި ކަށަވަރު ވެސް ކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މިޕެކޭޖުގެދަށުން ވިޔަފާރިތަކަށް ލޯނު ދޫކުރާނީ ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހަ އިނަސައްތަ އިންޓަރެސްޓް ރޭޓުގައި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކުގައެވެ.

އިކޮނޮމިކް ޕެކޭޖްގެ ދަށުން 10 މިލިއަން ރުފިޔާއަށް ވުރެ ދަށުގެ އާމްދަނީ ލިބޭ ކުންފުނިތަކާއި އަމިއްލަ މަސައްކަތް ކުރާ އާންމު ފަރުދުންނަށް ލޯނު ދޫކުރާނީ، އެސްއެމްއީ ފައިނޭންސް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވައިފައެވެ. އެލޯނަށް އެދުމުގެ ފުރުޞަތު އެސްޑިއެފްސީ އިން ވެސް މާދަމާ ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.