ކޮވިޑް- 19: ކޮމިޔުނިޓީ ސްޕްރެޑެއް ނެތްކަން ކަށަވަރު ކުރުމަށް ދިރާސާއެއް ކުރަނީ

ކޮވިޑް- 19 ގެ ކޮމިޔުނިޓީ ސްޕްރެޑެއް ނެތްކަން ނުވަތަ ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ދިރާސާއެއް ކުރަން ނިންމައިފައިވާ ކަމަށް އެޗުޕީއޭގެ މެޑިކަލް އޮފިސަރ ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ބަލި ނުފެތުރޭކަން ކަށަވަރު ކުރުމަށް ހަދާ ދިރާސާ ނުވަތަ ސްޓަރޑީގައި ސާމްޕަލް ނަގާނީ ކޮންބައެއްގެތޯ އާއި ކިހާސާމްޕަލެއް ނަގަންޖެހޭނެތޯ މިހާރު ބައްލަވަމުން ގެންދަވާ ކަމަށެވެ.

މިހާތަނަށް ކޮމިޔުނިޓީ ސްޕަރެޑް ހުރިތޯ ބައްލަވަމުން ގެންދަވަނީ ދެ ގޮތަކަށް ކަމަށް ވެސް ޑރ ނަނަޒްލާ  ވިދާޅުވިއެވެ. އެއްގޮތަކީ ނޭވާލާނިޒާމުގެ ބައްޔެއްޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މީހުން ޓެސްޓްކުރަމުން ދިއުންކަމަށެވެ. ހަމައެއާއެކު ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކިހާވަރަކަށްތޯ ރިޕޯރޓް ކުރެވެމުންދަނީ އިތުރުވެތޯ ކޮންމެ ދުވަހަކުވެސް ބައްލަވަމުންގެންދަވާ ކަމަށެވެ. ދޭތެރެއަކުން ފްލޫ ކްލިނިކްތަކަށް ދިޔަ މީހުންގެ ސާމްޕަލް ނަގައިގެން ވެސް އެއްވެސް ވަރަކަށް ކޮމިޔުނިޓީ ތެރޭގައި ބަލި އުޅޭތޯ ބައްލަވަމުން ގެންދަވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ބަލި ފެތުރޭ ކަމުގެ އެއްވެސް އިންޑިކޭޝަނެއް ނުވަތަ ނިޝާނެއް ލިބިފައެއް ނެތްކަމަށް ވިދާޅުވިއެވެ.

"ކޮމިޔުނިޓީ ސްޕްރެޑެއް ފެތުރިއްޖިއްޔާ މިހާރު އެޅިފައިވާ ފިޔަވަޅުތައް، މިސާލަށް ސްކޫލު ހުޅުވީމަ ކެފޭތައް ހުޅުވީމާ ކިހާވަރަކަށްތޯ ބަލި ފެތުރުމުގެ ފުރުޞަތު އޮތީ، ޓެކްނިކަލް ޓީމުން މިހާރު މަސައްކަތް ކުރަމުންދާނީ ކޮމިޔުނިޓީ ސްޕްރެޑް ނެތްކަން ޔަޤީންވީމާ ދެން  ކޮންކޮން ފިޔަވަޅުތަކެއްތޯ އަޅާނީ. އެކަން ޕްލޭން ކުރުމުގެ މަސައްކަތް ފެށިފައި ވަނީ" ޑރ ނަޒަލާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.