ކޮވިޑް-19: މިތިބީ ބޯމަތީގައިއޮތް ވިލާގަނޑު ތޫފާނަކަށް ބަދަލުވާނީ ކޮންއިރަކުކަން ނޭނގޭ ހާލަތުގައި: މިނިސްޓަރ އަމީން

ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނުގެނެސް ކުރިއަށް ގެންދަންޖެހޭ ކަމަށް ހެލްތު މިނިސްޓަރ ޢަބްދު އަމީން ވިދާޅުވެއްޖެއެވެ.

ޑަބްލިޔުއެޗުއޯއިން ރާއްޖެއަށް ހަދިޔާކުރި 5000 ޓެސްޓިން ކިޓް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮރޯނާ ވައިރަސްގެ ނުރައްކާ އަދިވެސް ރާއްޖެއަށް ކުޑަނޫންކަމަށެވެ. ކިރިޔާ ވެސް ދުލެއްދެވިއްޖެ ކަމަށްވާނަމަ ރާއްޖެ ހޯދައި ނުފެންނަ ހިސާބަށް ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޯމަތީގަ އޮތް އަނދިރި، ކަޅު ވިލާގަނޑު ކުޑަވެގެނެއް ނުދޭ. ވިލާގަނޑު އެއްވެސް ފަރާތަކަށް ސޮއްސާލައިގެނެއް ވެސް ނުދޭ. އޭގެ ނާމާން ކަމާއި ބިރުވެރިކަން އަޅުގަނޑުމެން ބޯމަތީގައި އޮތް ވަރަށް އެބައޮތް،" ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރު ހާމަކޮށް ދެއްވުމުގެ ގޮތުން މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބޯމަތީގައި އޮތް ވިލާގަނޑު ކޮޅިގަނޑަކަށް ނުވަތަ ތޫފާނަކަށް ބަދަލުވާނީ ކޮންއިރަކު ކަމެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް މިހާރުވެސް އެ ތޫފާން އަތުވެއްޖެ ކަމަށާއި އެ ގައުމުތަކުގެ ނިޒާމް އެދަނީ ފުނޑުފުނޑު ކުރަމުން ކަމަށް އެމަނިކުފާނު ވިދާވިއެވެ. އޭގެ ތެރޭގައި އިންޓަލީ، އެމެރިކާ، ސްޕޭން ޗައިނާ ފަދަ ވަރުގަދަ ގައުމުތައް ހިމެނެއެވެ.

"އެ ވިލާގަނޑު ކޮޅިގަނޑަކަށް ނޫނީ ތޫފާނަކަށް ބަދަލުވާނީ ކޮން އިރަކުކަން ނޭނގޭ ޙާލަތުގައި އަޅުގަނޑުމެން މިތިބީ. ދުނިޔޭގެ ގިނަ ގައުމުތަކަށް އެ ތޫފާނު އައިސް، ގައުމުތަކުގެ މުޅި ނިޒާމު ފުނޑުފުނޑުވެގެން އެ ދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް ޖެހިފައިވާ 19 މީހުން ފެނިފައެވެ. އޭގެ ތެރެއިން 13 މީހަކުވަނީ ރަނގަޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.