އިޤްތިޞާދުގައި ނުނިވި ހުރި އިންޖީނުގެ ދުވެލި ބާރުކުރަންޖެހޭ!

މަސްވެރިން މަސްއައިނެއްގެ ތެރޭގައި ފޯރިއާއެކު ޙަރަކާތްތެރިވަނީ: ފޮޓޯ ޒުވާން މަސްވެރިޔާ

"އިޤްތިޞާދުގައި މިއަދު ނުނިވި ހުރި އިންޖީނަކީ މަސްވެރިކަމުގެ އިންޖީނު" މިއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީގެ ދައިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވި ވަރަށް ބޮޑު ޙަޤީޤަތެވެ.

ސަރުކާރުން އިޢްލާން ކުރައްވައިފައިވާ އިޤްތިޞާދީ ޕެކޭޖާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވި ފަދައިން ރާއްޖޭގެ އިޤްތިޞާދަށް "ރަންބިސް" އަޅަމުން އައި ކުކުޅު ކުއްލި އަކަށް މިވަނީ ލޯމަތިން ގެއްލި ފައެވެ. އެހެން ކަމުން އިޤްތިޞާދުގައި ނުނިވި ހުރި އިންޖީނުގެ ދުވެލި ބާރުކުރަން ޖެހެއެވެ. ކޮރޯނާގެ ކޮޅިގަނޑުގައި ގަދަ ކަނޑަށް ނުކުމެ މިޤައުމުގެ އިޤްތިޞާދު ދެމެހެއްޓުމަށް ދުއްވޭވަރުގެ ހަކަތަ އެއިން ޖީނަށް އަޅަން އެބަ ޖެހެއެވެ. މަސްވެރިނަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ޙައްލެއް ގެންނަން  އެބަޖެހެއެވެ. މަސްވެރިން ބާނާ މަސްކޮޅު އުކާލަން ނުޖެހި ކިރޭނެ ކަމުގެ ޔަޤީންކަން ދޭންޖެހެއެވެ. މަސްވެރިންނަށް ހަމައަގެއް ދޭންއެބަ ޖެހެއެވެ. މަސް ޕްރޮސެސްކޮށް މަހަށް ހަމަ އަގު ހޯދޭނެ ގޮތް އަވަސް ކުރަން ޖެހެއެވެ. ޒުވާން މަސްވެރިން މަހަށް ނުކުތުމަށް ހިތް ވަރު ދޭން އެބަޖެއެވެ.

މަސްވެރިން މަސްބޭނުގައި: ފޮޓޯ ދިވެހި މަސްވެރިން

"ރަންބިސް އަޅާ ކުކުޅު ކުއްލިއަކަށް ލޯމަތިން ގެއްލިގެން މިދިޔަ ދަނޑިވަޅުގައ ދިވެހި މަސްވެރިން ކަނޑުތަކަށް ނުކުމެ އެކުރާ މަސައްކަތަކީ ސާބަސް ރައްދުވާ މަސައްކަތެއް. އަޅުގަނޑުމެންގެ އިޤްތިޞާދުގައި މިއަދު ނުނިވި ހުރި އިންޖީނަކީ މަސްވެރިންގެ އިންޖީނު. އެއާއެކު މަސްވެރިން މިއަދު އެބާނަ މަސް، އެންމެ މަހެއްވެސް ބާކީ ނުވާ ގޮތަށް ކިރޭނެ ކަމުގެ ޔަޤީންކަން އޮންނަން އެބަޖެހޭ މަހުގެ އަގު މިދަނޑިވަޅުގައި ދަށްކޮށްގެން ނުވާނެ. ދެތިންމަސް ދުވަހަށް ވިއަސް މަހުގެ އެންމެ ދަށް އަގު ކަނޑައަޅައި އެކަން ވަރަށް ރަނގަޅަށް ރެގިއުލޭޓް ކުރެވެންޖެހޭ. މަސްވެރިންނަށް އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ނުހަނު ބޭނުންތެރިކަމެއް." ހޯރަފުށީ ދާއިރާގެ މެމްބަރ ސަލީމް ވިޅުވިއެވެ.

ކިރާމަސްކޮޅަށް ވެސް ލާރިކޮޅު ނުލިބުން!

ސަރުކާރުން އިޢުލާންކޮށްފައިވާ އިޤްތިޞާދީ ޕެކޭޖާ ގުޅިގެންމަޖިލީހުގައި ކުރެވުނު ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ކަންބޮޑުވުން ފާޅުކުރަމުން ގެންދިޔަ އެއްކަމަކީ މަސްވެރިން ބާނާ މަސްކޮޅު ނުކިރުމުގެ މައްސަލައެވެ. ކިރާމަސްކޮޅަށް ވެސް ފައިސާ ނުލިބުމުގެ މައްސަލައެވެ. މިކަމުގެ ކަންބޮޑުވުން ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ އިތުރުން އަމިއްލަ މެމްބަރުން ވެސް ފާޅުކުރެއްވިއެވެ. ކިރާމަސްކޮޅަށް ލާރިކޮޅު ނުލިބި މަސްވެރިންނަށް މަހަށް ނުފުރުމުގެ މައްސަލައެވެ. މެމްބަރުން ފާހަގަ ކުރައްވައިފައިވަނީ މަސްވެރިންނަށް މަހަށް ފުރޭނެ ގޮތެއް ހަދައިންދޭން ޖެހޭނެކަމަށެވެ. ތެލާއި އައިސް ކްރެޑިޓަށް ނުވަތަ ހިލޭ ދީގެން ވިއަސް މެއެވެ. އަދި މަސްވެރިން ބާނާ މަސް އެންމެ މަހެއްވެސް ބާކީ ނުކޮށް ގަންނާނެކަމުގެ ޔަޤީންކަން މަސްވެރިންނަށް ދޭންޖެހޭ ކަމަށެވެ.

އިޤްތިޞާދީ ޕެކޭޖްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވީ، މިފްކޯއާއި އެނޫންވެސް މަސްގަންނަ ފަރާތްތަކަށް ވިއްކައިފައިވާ މަހަށް ފައިސާ ނުލިބި އެތައް މަސްވެރިންނެއް ތިބެންޖެހިފަވާކަމަށެވެ. އެ މަސްވެރިންނަށް އިތުރަށް މަސްވެރިކަންކުރުމަށް ނުކުމެ މަސައްކަތްކުރެވޭން އޮތީ ވީ އެންމެ އަވަހަކަށް އެ ފައިސާކޮޅު ދިނުމުންކަމަށް ޢާޒިމް ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މަސްނުކިރުމުގެ މައްސަލަ ފާހަގަކުރައްވައި އިދިކޮޅު ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިން ބާނާ މަސްކޮޅަށް ފައިސާ ނުލިބޭތާ 24 ދުވަސް ވެފައިވާ ކަމަށެވެ. ރިސޯޓްތަކުން ވަކި ކުރާ މީހުންވެސް އާމްދަނީ ހޯދުމަށް މަހަށް ދާން ފަށައިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މަސްކޮޅު ނުކިރޭ ކަމަށް ވާނަމަ އެކަމުން ވެސް އެމީހުންނަށް އާއްމުދަނީއެއް ލިބޭނެ ކަމުގެ އެއްވެސް އުމީދެއް ނޯނާނެކަމަށެވެ. ރިސޯޓްތަކުން 11 ހާހަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރ ޢަބްދުﷲ ސަނީފް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށް ވީނަމަވެސް މަސްވެރިން ކިރާ މަސްކޮޅަށް ލާރި ނުލިބޭތާ ދެ ހަފްތާ ވެގެން ގޮސްފައިވާކަމަށެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އެންމެ ފަހުން ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވެސް މަސްވެރިންނަށް ދަތިކަމަކާ ނުލައި މަހުގެ ލާރި ލިބިގެންދާނެ ވާހަކަ ވިދާޅުވިކަން މެމްބަރ ސަނީފް ފާހަގަ ކުރެއްވިއެވެ. މަސްކިރުވާނެ ބޯޓް ފަހަރުތައް ވެސް އެކި ސަރަޙައްދުގައި ނެތުމުގެ ޝަކުވާވެސް ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްވެރީން މާކަނޑުގައި މަސް ބޭނުމުގައި: ފޮޓޯ ޒުވާން މަސްވެރިޔާ

" ދޮށީގެ މަސްވެރިކަންވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. ވޭތުވެދިޔަ ދެދުވަހުވެސް، ކޮންމެ ދުވަހަކު 300 އަށްވުރެ ގިނަ ޓަނު، މިފްކޯއަށް ކިރުވިއްޖެ.

މި ދުވަސްވަރު މަސްވެރިންނަށް ދަތިނުވާނެގޮތަށް، ވީއެންމެ ރަނގަޅަކަށް މަސްވެރިންނަށް ސަރުކާރުން އިރާދަކުރެއްވިއްޔާ ފައިސާ ދޫކުރާނެ" ކޮވިޑް -19 އާ ގުޅިގެން ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިން ކިރާ މަހަށް ލާރިދިނުމާ ގުޅޭ ގޮތުން ރައީސް ޞާލީހް ވިދާޅުވިއެވެ.

 ބޮޑުކަންނެލީގެ މަސްވެރިކަމަށް 100 މިލިއަން ރުފިޔާގެ ލޯން ފެސިލިޓިއެއް!

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާއެކު މަޝްވަރާކޮށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމުންތަކެއް ނިންމަވައިފައެވެ. އެ މިނިސްޓްރީން ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށެވެ. އެގޮތުން، އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަނާއި، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ފަރާތްތަކާއިއެކު ކުރެވުނު ފަސް ދުވަހުގެ ސިލްސިލާ މަޝްވަރާތަކަށްފަހު، ވަނީ ގޮތްތަކެއް ނިންމައިފައެވެ. މަސްވެރިންނާއި މަސް ގަންނަ ފަރާތްތަކުގެ ވިޔަފާރި ދެމެހެއްޓުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމައިފިއެވެ.

އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ، ބޮޑުކަންނެލީގެ މަސްވެރިކަމަށް، ކަން މަޝްވަރާތަކުން ފާހަގަކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކުރައްވައިފައެވެ. މިގޮތުން، ފާހަގަ ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާމަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ގޮސްފައިވުން ހިމެނެއެވެ. އެކަމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި މަސްވެރިން އަތުން މަސްގަނެ ޕްރޮސެސްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް ހީނަރުކަން އަންނަމުންދިއުން އެފަރާތްތަކުން ވަރަށް ބޮޑަށް ފާހަގަކުރެއްވިކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާގަކުރައްވައިފައެވެ. އެހެންކަމުން، ބޮޑުކަންނެލީގެ މަސްވެރިކަމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމާއެކު މަސްވެރިކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ފަހިކުރުމަށް ފިޔަވަޅުތައް އެޅުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ އެއްބަސްވެފައެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ:-

  • ބޮޑުކަންނެލި ގަނެ އެކްސްޕޯޓްކުރާ ކުންފުނިތަކުން ގަނޑުކުރިމަހުގެ ގޮތުގައި މަސް އެކްސްޕޯޓްކުރުމަށް ބޭނުންވާ ކޭޝްފްލޯ ފޯރުކޮށްދިނުމަށް 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީއެއް ޤާއިމުކޮށްދިނުން.
  • ލޯނު ފެސިލިޓީގެ ބޭނުން ހިފާ ކުންފުނިތަކުން 25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއްގައި މަސް ގަތުން.
  • ބޮޑުކަންނެލީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ތެރެއިން، އިންޖީނު ލޯނު ނުވަތަ އޮޑިބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުޔެއް ހޯދައިދިނުން.

"މިފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަސް ގަތުމުގައި ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެކަމުގައި މިމިނިސްޓްރީއިން ޤަބޫލުކުރަމެވެ. އަދި، ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް މަގުފަހިވެގެންދާނެކަމުގައި މިމިނިސްޓްރީއިން ދެކެމެވެ." މިނިސްޓްރީން ތަޢާރަފް ކުރި ލޯން ސްކީމާ ގުޅިގެން ހާމަކުރައްވައިފައި ވެއެވެ.

މަސް ޕްރޮސެސް ކުރެވޭނެ ގޮތްތައް އަވަސް ކުރުން:-

ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން، ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ އަތުނަނުގެ މަސްވެރިކަމަކީ، އެކްސްޕޯޓަށް ބޮޑަށް ބަރޯސާވެފައިވާ ދެމަސްވެރިކަމެވެ. އަތުނަނުގައި ބާނާ ބޮޑު ކަންނެއްޔަކީ ފިނިކުރި މަހުގެ ގޮތުގައި ތާޒާކޮށް ޔޫރަޕަށް އަދި އެމެރިކާއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތެކެވެ. ކަޅުބިލަމަހާއި ޚިލާފަށް ބޮޑު ކަންނެއްޔަކީ، ފިނިކުރި މަހުގެ ގޮތުގައި އެކްސްޕޯޓްކުރާ ބާވަތަކަށްވާތީ އެއީ (ޝެލްފް ލައިފް)  ކުރު އަވަހަށް ރޯލްވާ ބާވަތެއްކަމަށް ފިޝަރީޒް މިނިސްޓްރީން  ފާހަގަކުރައްވައެވެ. އަދި މިބާވަތްތައް ޔޫރަޕުގައި ޓާގެޓްކުރެވެނީ، ރެސްޓޯރަންޓް ކެފޭ، ނުވަތަ ސުޕަމާކެޓްތަކާއި ހޯލް ސޭލްކުރާ ފަރާތްތަކަށް ކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ރާއްޖޭގައި މަސް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރާ ޔޫރަޕުގައި ހަލުއި މިނެއްގައި މިހާރު ފެތުރެން ފަށާއިފައިވާ ކޮވިޑް-19ގެ ސަބަބުން ޔޫރަޕުގެ ގިނަ ގައުމުތަކެއްގައި (ލޮކް ޑައުން) އިއުލާންކޮށް ކެފޭ، ރެސްޓޯރަންޓް ފަދަ ވިޔަފަރިތައް ވަގުތީގޮތުން ބަންދުކުރުމަށް ނިންމުމާއި ގުޅިގެން އަދި ބައެއް ސަރަޙައްދުތަކުގައި ބޭރަށް ނިކުމެ އުޅުން އެއްކޮށް މަނާކުރުމާއި ގުޅިގެން ޔޫރަޕުގައި ތާޒާ މަހުގެ ވިޔަފާރި ދަށްވެފައިވާކަން ފިޝަރީޒް މިނިސްޓްރީން ވަނީފާހަގަ ކުރައްވައިފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވޭތުވެ ދިޔަ ދެހަފްތާތެރޭގައި ބޮޑު ގެއްލުމަކާކުރިމަތިލާންޖެހުނު ކަމަށް މިދިޔަ މަހު މެދެއްހާ ހިސާބު ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިހާރުގެ ޙާލަތު މިގެ ދެހަފްތާކުރިއާ އަޅާބަލާއިރު ރާއްޖޭގެ މަސް އެކްސްޕޯރޓްކުރާ މާކެޓްތަކުގައި ވެސް ވަނީ  ވަރަށް ގޯސްކޮށެވެ. ކުރިއާ ޚިލާފަށް ގިނަ ދުވަހަށް ރައްކާކުރެވޭ ފްރޯޒަން މަހަށް ނުވަތަ ދަޅުގައި ބަންދުކުރާ މަހުގެ ޑިމާންޑް ކުރިން ތަޒާމަސް އެކްސްޕޯރޓްކުރާ މާކެޓްތަގައި ވެސް މައްޗަށް ގޮސްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ފާހަގަ ކުރައްވައިފައެވެ. ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަމަހުގެ މައިގަނޑު ބާޒާރަކީ ތައިލެންޑް އަދި ޔޫރަޕެވެ. މިމަސްވެރިކަމުގައި ބާނާ މަސް ދިވެހިރާއްޖެއިން އެކްސްޕޯޓްކުރަނީ ގަނޑުކުރިމަހުގެ (ފްރޯޒަން މަހުގެ) ގޮތުގައި ނުވަތަ ދަޅުމަހުގެ ގޮތުގައެވެ. މިދެބާވަތަކީވެސް ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް ތައްޔާރުކުރެވޭ ދެ ބާވެތެވެ.

 ރާއްޖެއަށް ބާނާ މަސް އެކީ ރައްކާކުރެވޭވަރުގެ ކެޕޭސިޓީ ޤާއިމްކުރުމަށް މިއަހަރަށް ބަޖެޓް ކޮށްފައިވާކަން ރައީސް ޞާލިޙް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ރަނގަޅަށް މަސައްކަތް ގެންދެވޭނަމަ ފެލިވަރާއި ކޫއްޑޫގައި 8000 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ މިއަހަރު ތެރޭގައި ޤާއިމް ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު މަހުގެ އަގު ކަނޑައަޅަނީ ބޭރުގެ ފަރާތްތަކުން. އަޅުގަނޑުމެންނަށް މަސް ރައްކާ ކުރެވިއްޖިއްޔާ މީގެ އަގު ހިފެހެއްޓޭނެ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެ މިއަހަރުތެރޭ ކުރާނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމް ވިދާޅުވީ ލޯނު ދޫކުރަންވީ ހަމައެކަނި ބޮޑުކަންނެލީގެ މަސްވެރިކަމަށް ނޫންކަމަށެވެ. ގޭދޮށު މަސްފެކްޓްރީ ހިންގުމުގެ ވިސްނުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެސް ލޯނު ދެވޭނޭ ގޮތް، ނުވަތަ ފައިސާ ދެވޭނޭ ގޮތް ހޯދައިން ދެންޖެހޭކަމަށެވެ.

މަސްވެރިކަމަށް ކަނޑައަޅާފައިވާ ޕެކޭޖްގެތެރޭގައި މަސްރައްކާކުރެވޭނެ ގޮތް ހަދައި (މަސްކައްކައި/ ހިއްކައި) ރާއްޖޭގެ ބާޒާރަށާއި ދުނިޔޭގެ ބާޒާރަށް އުފެއްދުންތައް ފުޅާކުރަން ބޭނުންވާ މީހުންނަށް ޚާއްޞަ ޕެކޭޖެއް ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.

ފަރުމަހުގެ މަސްވެރިކަމަކީވެސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުން އައި މަސްވެރިކަމެކެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމުން އެމަސައްކަތް ކުރަމުންދިޔަ މީހުންގެ މާރކެޓްވެސް ވަނީގެއްލިފައެވެ. މިކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރ ވެސް ވަނީ ފާޅުކުރައްވައިފައެވެ. ރިސޯޓުތައް ބަންދުކުރުމުގެ ސަބަބުން ފަރުމަހުގެ ބާވަތްތައް މަސްވެރިންގެ އަތުން ގަންނާނެ ބަޔަކަށް މިވަގުތު ވަނީ އިންތިހާޔަށް ބޭނުންވެފައިކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. ފަރުމަހާއި ލައްޓި ރާގޮނޑީގެ މަސްވެރިކަމުން ކައިބޮއެ އުޅޭ ޢާއިލާތައް ރާއްޖޭގައި ނުހަނު ގިނަ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. ސަރުކާރުގެ އެހީތެރިކަން އެމީހުންނަށް ވެސް ބޭނުންވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ސީދާ އެފަދަ ގޮތަކަށް މަސްވެރިކަންކުރާ ފަރާތްތަކަށް ވަކި ޕްލޭނެއް އޮތް ކަމެއް މިހާތަނަށް ހާމަކުރައްވައިފައެއް ނުވެއެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ޤައުމަކަށް ވުމުން އެންމެ ކުރިން ފެށިގެންވެސް ދިވެހިން ކުރަމުން އައި އިޤްތިޞާދީ މަސައްކަތަކީ މަސްވެރިކަމެވެ. އެމަސައްކަތް ކާބަފައިން ކޮށްފައިވަނީ އެއީ އިޤްތިޞާދުގެ "މައިނާރު" ކަމުގައި ދެކިގެންނެވެ. ނަމަވެސް އިޤްތިޞާދުގެ މައިނާރު ބަލިކަށިވެގެން ދިޔައީ "ރަންބިސްއަޅާ ކުކުޅެއްގެ" ގޮތުގައި ހަމައެކަނި ފަތުރުވެރިކަންކުރިއެރުމަށް ފުރުޞަތު ދީ  ކުރިން އިޤްތިޞާދުގެ "މައިނާރުގެ" ގޮތުގައި އޮތް މަސްވެރިކަމަށް އެކަށީގެންވާ ވަރަށް އިންވެސްޓް ނުކުރެވުމުންނެވެ. ނުވަތަ އަޅާ ނުލެވުމުންނެވެ. އެންމެ ކަމަކަށް ބަރޯސާވެފައި އޮތުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންގެ އިޤްތިޞާދުން މިދަނީ ފެންނަމުންނެވެ. އިޤްތިޞާދުގައި ނުނިވި ހުރި މަސްވެރިކަމުގެ އިންޖީނުގެ ދުވެލި ބާރު ކުރެވެން އޮތް ހުރިހާ ގޮތެއް ހޯދައި އެ އިންޖީނުގެ ދުވެލި ބާރު ކުރަންއެބަޖެހެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.