އޯޓިސްޓިކް ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއި ހިތްހެޔޮކަން ދީގެން މަސައްކަތް ކުރުމަށް ޖެންޑަރ މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ކޯވިޑް-19ގެ ސަބަބުން ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅުގައި އޯޓިސްޓިކް ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއި ހިތްހެޔޮކަން ދީގެން މަސައްކަތްކުރުމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝާ މުޙައްމަދް ދީދީ އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ 'އޯޓިޒަމް އެވެއަރނެސް' ދުވަހާ ގުޅިގެން އާފަތިހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިވަގުތު ބޭރަށް ނުނިކުމެވި އެއް ތަނެއްގައި އެއްގޮތަކަށް އުޅެން ޖެހުމުން އޯޓިސްޓިކް ކުދީންނަށް ދިމާވާ ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އެއްތަނެއްގައި، އެއްގޮތަކަށް އުޅެންޖެހުމަކީ އެކުދީންނަށް ވަރަށް އުނދަގޫ ކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ބައެއްފަހަރު ކުދިން ހުއްޓާނުލާ ހަޅޭއްލަވާކަމުގެ ޝަކުވާތައް ވެސް މިނިސްޓްރީ އަށް ރިޕޯޓުކުރެވެއެވެ. އެފަދަ ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ގިނަފަހަރު އެއީ އޯޓިސްޓިކް ކުއްޖެއް ކަމާއި އެކުއްޖާ ހަޅޭއްލަވަނީ މީހަކު އަދަބު ދީގެން ނުވަތަ އަނިޔާއެއް ކޮށްގެންކަން ނޫންކަން ނޭނގޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި އާބާދީގައި ގިނަ އަދަދަކަށް އޯޓިސްޓީކް މީހުންނާއި ކުދީން ތިބިކަން މިނިސްޓަރ ފާހަގކުރެއްވިއެވެ. ނަމަވެސް ގެއިން ނުނުކުމެ، ގޭގައި ތިބެން މިޖެހެނީ ވަރަށް މާތް މަގްސަދެއްގައި ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތުގައި ސަރުކާރުން ސްކޫލްތައް ބަންދުކޮށް، މި ހުރިހާ މަސައްކަތެއް ކުރަމުން މިގެންދަނީ ކޯވިޑް-19 ފެތުރުނަ ނުދީ، ބަލި ފެތުރުމުގެ ސަބަބުން ކުރާނެ އަސަރު ހިފެހެއްޓުމަށެވެ.

"ކޮންފައިން ވަނީ (ގޭގައި މަޑުރަނީ) ވަރަށް މާތް މަގްސަދެއްގައި. ސްކޫލްތައް ބަންދުކޮށް، މި ހުރިހާ ކަމެއް ސަރުކާރުން މިކުރަނީ ބަލި ކޮންޓެއިން ކުރަން. ބަލި ފެތުރުނަ ނުދީ އޭގެ އިފެކްޓް ހިފަހައްޓަން. މި މަސައްކަތުގައި އުޅޭ އިރު، އެންމެން އުޅެނީ އެހާ ބޮޑެތި ތަންތަނަކު ނޫން. ވަރަށް ކުދިކުދި ތަންތަނުގައި ގިނަ މީހުން އުޅޭ އާއިލާތައް އެބަހުރި. އެހެންވީމާ އެކަކު އަނެކަކާ މެދު އޯގާތެރިވެ، އަޅާލާ، ކެތްތެރިވެ، އެފަދަ މާހައުލެއް އުފައްދާންވީ." މިނިސްޓަރ ވިދާޅުވިއެވެ. އަދި ޚާއްސަކޮށް އޯޓިސްޓިކް ކުދިން ގެންގުޅޭ މައިންބަފައިންނާއި އެފަދަ ކުދިން ބަލަހައްޓާ އެންމެހާ ފަރާތްތަކުން އެކުދީންނާ މެދު އޯގާތެރިކަމާއި ލޯތްބާއި، ހިތްހެޔޮ ކަމާއެކު ކަންކަން ކުރެއްވުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

އޯޓިސްޓިކް ކުދީންނަށް އަދި އެހީ ބޭނުންވާ އެހެން ކުދީންނަށް އަޅާލެވޭނެ އިތުރު ގޮތްތަކެއް ހުރިތޯ ބަލަން ބޭނުންވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުދީންނަށް ޚާއްސަ ތަންތަން ނުވަތަ ޖާގަ ތައްޔާރުކުރެވޭތޯ މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ. ނަމަވެސް ގޭގައި ބައިތިއްބަން މި ބުނަނީ ކުދީންގެ ރައްކަލަށާއި އެހެން އެންމެންގެ ރައްކަލަށްޓަކައި ކަމަށް ވިދާޅުވިއެވެ.

"މައިންބަފައިން ކުދިންނަށް ދަސްކޮށްދޭންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ސްކޫލް ބިޒީވުމުން ބެލެނިވެރިން ކުރުވަން ބޭނުންވާ ވަރަށް ގިނަ ކަންކަން ނުކުރުވި ހުރޭ. އެހެންވީމާ ގޭގައި މިތިބޭ ވަގުތުތައް އުފާވެރި، މަޖާ ވަގުތުތަކަކަށް ހަދަންވީ. ކުދީންނަށް އަމިއްލަ ވަގުތު ދީ، އެއާއެކު އެހެން މަސައްކަތުގައި މަޝްޣޫލުކޮށް އެގޮތަށް ތަރުބިއްޔަތުކުރެވޭތޯ ބަލަންވީ." މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ ދުވަހެއްގެ ވަގުތުތައް ވެސް ރަނގަޅަށް ބަހާލައި، އެކި ހަރަކާތްތައް ރާވައި ކުދިން ލައްވައި އެމަސައްކަތް ކުރުވުމުގެ މުހިއްމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަތުން ޚަރަދުނުކޮށް ކުރެވޭނެ ވަރަށް އާދައިގެ ކަންކަން ހުރިކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޯޓިޒަމާ ގުޅުން ނެތްކަމުގައި ވީނަމަވެސް މި ދުވަސްކޮޅު ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައް ކޮންމެ ދުވަހަކު ރިޕޯޓުކުރެވޭކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް އެފަދަ މައްސަލަތައް ރިޕޯޓުކުރެވޭ ކަމަށް ވިދާޅުވިއެވެ. ޖާގަތައް ކުޑަވެފައި، އަބަދު އެކުގައި އުޅެންޖެހުމުން، އަނިޔާ އިސްނުކޮށް ދުއާ ކުރުމާއި، ހެޔޮގޮތަށް ކުދިން ތަރުބިއްޔަތުކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސްކުރެއްވިއެވެ.

ސްކޫލް ބަންދުވީ ކަމުގައި ވީ ނަމަވެސް ފުރާވަރު އުމުރުގެ ކުދީންވެސް އަބަދު ނިދަން ނުބައތިއްބައި ގަޑިންގަޑިއަށް ކަންކަން ކުރާން ދަސްކޮށްދީ އެކަމަށް ބާރުއެޅުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ. ގުރްއާން ކިޔައްވައި، ނަމާދުކުރުވައި އެންމެން އެކީ އެފަދަ ކަންކަން ވެވޭތޯ ހިތްވަރުކުރުމަށް ވެސް މިނިސްޓަރ ބާރުއެޅުއްވިއެވެ. މިކަމުން އަޅުގަނޑުމެން ސަލާމަތްކޮށްދެއްވޭނީ ﷲ ސުބްހާނަހޫ ވަތަޢާލާއަށް ކަމަށާއި އެހެންކަމުން ﷲގެ ހަޟްރަތުގައި ދެންނެވުމުގެ އިތުރުން އަމަލުތައް ރަނގަޅަށް ބެހެއްޓުމަށް އިލްތިމާސްކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ބަލި ޖެހިފައިވާ މީހަކު އުޅޭގޮތަށް އުޅޭން ބޭރު މީހުން ބުނާ ކަމަށާއި އޭގެ މާނައަކީ ތިމާގެ ފަރާތުން އެހެން މީހަކަށް ބަލި ނުޖެހޭގޮތަށް އުޅުން ބެހެއްޓުން ކަމަށެވެ. އެހެން އުޅޭ ކޮންމެ މީހަކީ އެހެން މީހުންގެ ސަލާމަތަށް ވިސްނާނެ މީހެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ރަނގަޅު އަޚްލާގާއި، ރަނގަޅު ޚުލްގަކާއެކު އުޅެވޭތޯ ބެލުމަށް އިލްތިމާސްކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.