ކޮވިޑް- 19: މިރެއިން ފެށިގެން މައްކާއާއި މަދީނާގެ ހުރިހާ ހިސާބެއްގައި 24 ގަޑިއިރުގެ ކާފިއު

ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) ފެތުރުން ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ވަކި ގޮތެއް އަންގަންދެން މައްކާއާއި މަދީނާގެ ހުރިހާ ހިސާބެއްގައި 24 ގަޑިއިރުގެ ކާފިއު ހިންގަައި އެ ދެރަށަށް ވަދެ ނިކުމެ އުޅުން މަނާކުރަން ސައޫދީ ސަރުކާރުން ނިންމައިފިއެވެެ.

ކާފިއު ހިންގާފައި އޮތް ނަމަވެސް ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 3:00 އަށް ބޭސްފަރުވާއަށާއި، ކާބޯތިކަތި ގަތުމަށް ގެއިން ނުކުމެ އެގެއް ހުރި އަވަށުގެ ފިހާރަތަކުން ވިޔަފާރިކުރުުމުގެ ހުއްދަ ދެވޭނެއެވެ. ކޮންމެ ކާރެއްގައި ވެސް ދަތުރުކުރެވޭނީ ގިނަވެގެން ދެ މީހުންނަށެވެ. އެއީ، ޑްރައިވަރުގެ އިތުރުން ތަކެތި ގަންނަން ދާ މީހާއެވެ.

އިސްލާމުންގެ އެންމެ މުޤައްދަސް ދެ ހަރަމްފުޅު ހުންނަ ދެ ރަށުގައި ކާފިިއު ހިންގާއި އޮންނަ އިރު ހުޅުވަން ހުއްދަދެވޭނެ ވިޔަފާރިތަކަކީ ބޭސްފިހާރަތަކާއި، ސުޕަމާކެޓްތަކާއި، ބޭންކްތަކާއި، ޕެޓްރޯލް ސްޓޭޝަންތައް އެކަންޏެވެ.

މި ކާފިއުއިން އިސްތިސްނާ ވަނީ ސިއްހީ ޚިދުމަތާއި، ސަލާމަތީ ޚިދުމަތްތަކާއި، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތަކުގައި މަސައްކަތްކުރާ މީހުންނެވެ.

އަރަބި ގައުމުތަކުގެ ތެރެއިން ކޮވިޑް- 19 ޖެހިފައިވާ މީހުން އެންމެ ގިނައިން ތިބީ ސައޫދީ އަރަބިއްޔާގައެެވެ. އެ ގައުމުގައި މި ބައްޔަށް ޕޮޒިޓިވްވެފައިވާ 1885 މީހުން އެބަތިއްބެވެ. އަދި އެ ގައުމުން މި ބަލީގައި 21 މީހަކު ވަނީ މަރުވެފައެވެ. ފާއިތުވި ޑިސެންބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް މިހާރު ދުނޔޭގެ 200 އަށްވުރެ ގިނަ ގައުމަށް ފެތުރިފައި ވާއިރު، މިބަލި ޖެހިފައިވާ މީހުން މިހާރު މިލިއަނަކާ ގާތްކުރަނީއެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 50 ހާހަށް އަރާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.