ދިގު މުއްދަތަށް ބޭސްކުރާ މީހުން އަލުން ޑޮކްޓަރަށް ނުދައްކައި ބޭސްނެގޭނެ

އާސަންދަ ކުންފުނިން ކުރިން ހިންގި ހުޅުމާލެ ހޮސްޕިޓަލް: ފޮޓޯ ވަން

ދިގުމުއްދަތަކަށް ބޭސްކުރަމުންދާ މީހުން އަލުން ޑޮކްޓަރަށް ނުދައްކައި ކުރީގެ ބޭސް ސިޓީއަށް ބޭސް ލިބޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައި ކަމަށް އާސަންދަ ކުންފުނީން ވިދާޅުވެއްޖެއެވެ.

މިއީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިވަގުތު ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައިވާ އާއްމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސިއްޙީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތަކަށް އާއްމުން ޒިޔާރަތްކުރުން މަދުކުރުމުގެ ގޮތުން އެޅުއްވި ޚާއްސަ ފިޔަވަޅެއް ކަމަށް ވެސް އާސަންދައިން ވިދާޅުވިއެވެ. މިގޮތުން "އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުންވެސް މާރިޗު 27 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތް ލިބޭނެ ކަމަށް އާސަންދައިން ވިދާޅުވެފައިވެއެވެ.

މިއުސޫލުން ބޭސް ދޫކުރާއިރު އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ކުރިން ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސް ލިބޭނީ ބޭސްސިޓީ ލިޔެދެއްވާފައިވާ ތާރީޚުން ފެށިގެން 3 މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ އަށެވެ. ސްކީމްގެ ޚިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދެއްވާފައިވާ ބޭސްސިޓީއެއްނަމަ، 6 މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ފާމަސީއަށް ގެންދިއުމުން ބޭސް ލިބޭނެ ކަމަށް އާސަންދައިން ވިދާޅުވިއެވެ.

މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އެކުންފުނީން ވިދާޅުވެފައި ވެއެވެ.

ބޭސް ލިބޭނީ ދިގު މުއްދަތަކަށް ފަރުވާކުރާ ބަލިތަކަށް ދޫކޮށްފައިވާ ބޭސް ސިޓީތަކަށް ކަމަށް ވެސް އާސަންދަ ކުންފުނިން ވިދާޅުވިއެވެ. އޭގެ އިތުރުން ބޭސްސިޓީގައި ހުންނަންވާ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމައަށް ހުންނަންވާނެ ކަމަށް ވެސް އެކުންފުނިން ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މަޢުލޫމާތު ހިމެނެންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.  ބޭސްނަންގަވަން ވަޑައިގަންނަވާއިރު، ބަލިމީހާގެ އައި.ޑީ.ކާޑު އަދި ބޭސްސިޓީ ގެންނަންވާނެއެވެ.

މިފަދަ ބޭސްސިޓީއެއްގައި ކުރިން އެހެންކަމަކަށް އެވަގުތަށް ފަރުވާ ހޯދައިފައިވާ އެހެނިހެން ބޭސްތައް އަލުން ދުލެއްނުކުރެވޭނެއެވެ. މިސާލަކަށް އެންމެފަހުން ހަކުރު ބަލީގެ ބޭފުޅަކު ޑޮކްޓަރަށް ދެއްކެވިއިރު، ރޯގާޖެހިފައިވާނަމަ، އޭރު އެކަމަށް ލިޔެދެއްވާފައިވާ ބޭހާއި ހަކުރު ބައްޔަށް ލިޔެދެއްވާފައިވާ ބޭހުގެ ތެރެއިން އަލުން ދޫކުރެވޭނީ ހަމައެކަނި ހަކުރު ބައްޔަށް ލިޔެދެއްވާފައިވާ ބޭސް އެކަނި ކަމަށްވެސް އާސަންދައިން ވިދާޅުވެފައިވެއެވެ.

ބޭސްސިޓީއަށް ބޭސް ނެގުމަށް މިގެނައި ބަދަލަށް އަމަލުކުރެވޭނީ މިވަގުތު ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައިވާ އާއްމު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަންޏެވެ. މިހާލަތު ނިމުމަކަށް ގެންނެވިކަން ރަސްމީކޮށް އިޢުލާންކުރުމާއެކު، "އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދެވޭނީ ކުރީގައިވެސް ސްކީމްގެ ޚިދުމަތް ފޯރުކޮށްދެވެމުންދާ އުޞޫލުން، 30 ދުވަސް ހަމަވެފައިނުވާ، ސްކީމްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ދޫކުރެވިފައިވާ ބޭސްސިޓީ ތަކަށް ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ.

"މިކުންފުނީގެ ފަރާތުން ދިގުމުއްދަތަށް ބޭސްނަންގަވާ ފަރާތްތަކަށް މިގޮތަށް ބޭސްނެންގެވުމަށް ފުރުޞަތު ދެވުނު ކަމުގައި ވީނަމަވެސް، އެފަރާތަކީ ބޭހުގެ ޑޯޒޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ސިއްހީ ޚިދުމަތްފޯރުކޮށްދެއްވާ ފަރާތްތަކުގެ އެހީ ހޯއްދެވުމަށް ދަންނަވަމެވެ." އާސަންދަ ކުންފުނިން ވިދާޅުވިއެވެ. މިބަދަލާއެކު 17 މާރިޗް 2020 ގައި ނެރުވުނު ވަގުތީ އުޞޫލު ބާތިލްކުރެވިފައިވާކަމަށް ވެސް އާސަންދައިން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.