ތަޙްޤީޤްނިންމާ ޕްރޮސެކިއުޓްކުރަން ނުވަތަ ދައުވާކުރުމަށް ހުށަހެޅުނު މައްސަލަތައް އިތުރުވުމަކީ އިންސާފް ހޯދައިދިނުމަށް ފުލުހުންކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ޕޮލިސް ކޮމިޝަނަރ މިހެން ވިދާޅުވެފައި ވަނީ ފުލުހުންގެ 87 ވަނައަހަރީ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ވަނީ 9.73 އިންސައްތަ އިތުރުވެފައިކަން ސީޕީ ފާހަގަ ކުރެއްވިއެވެ. ހުށަހެޅުނު މައްސަލަތައް އިތުރުވުމާއެކު ވެސް ޕްރޮސެކިއުޓް ކުރުމަށް ނުވަތަ ދައުވާ ކުރުމަށް ފޮނުވިފައިވާ މައްސަލަތައް 22.8 އިންސައްތަ އިތުރުކިރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.
"މިއީ އިންސާފް ހޯއްދައި ދިނުމުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމުގައި އަޅުގަނޑު ދެކެން." ސީޕީ ވިދާޅުވިއެވެ.
ފުލުހުންކުރާ މަސައްކަތްތަކުގެ ތެރެއިން އާއްމުރައްޔިތުން އެންމެ ބޭނުންވާނެކަމަކީ ކުށާއި ކުށުގެ ބިރުވެރިކަން ނެތިގެން ދިއުން ކަމަށް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. ކުށުގެ ޙާލަތު ވަޒަންކުރެވޭ މައިގަނޑު އެއްމިންގަނޑަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދާއި މައްސަލަތަކާ ގުޅިގެން ހިންގޭ ފުލުހުންގެ އޮޕަރޭޝްނަތައް ހިންގޭ މިނަވަރާއި ކުރެވޭ ތަޙްޤީޤްތައް ކާމިޔާބުވާ މިންވަރުކަން ވެސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.
މައްސަލަތަކުގެ ބާވަތްތަކަށް ބަލާއިރު މަސްތުވާތަކެތީގެ މައްސަލަތަކަކީ އަދިވެސް ރާއްޖޭގެ ކުށުގެ މާހައުލުގައި އެންމެ ގިނައެއްކުށްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އެއީ ގިނަ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމެއް ކަންވެސް ފާހަގަ ކުރެއްވިއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ އަހަރު ކުރެވިފައިވާކަން ފާހަގަ ކުރައްވިއެވެ. ވޭތުވެދިޔަ އަހަރު 135 އޮޕަރޭޝަނެއް ފުލުހުން ހިންގައި 426 ކިލޯގަރާމަށްވުރެ ގިނަ މަސްތުވާ ތަކެތި އަތުލައިގެންފައިވާކަން ފާހަގަ ކުރެއްވިއެވެ. އެރޮނގުން ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ކަމާގުޅޭ މުޢައްސަސާތަކާ ގުޅިގެން ނެޝަނަލް އެންޓި ޑްރަގް ސްޓްރެޓެޖީ އެއް އެކުލަވާލުމުގެ މަސައްކަތް ފުލުހުން އިސްވެ ކުރަމުންގެންދާކަން ވެސް ސީޕީ ޙަމީދު ފާހަގަ ކުރެއްވިއެވެ.
ޓެރެރިޒާމާއި އަނިޔާވެރި ޢަމަލުތައް ހުއްޓުމަށް ވޭތުވެ ދިޔަ އަހަރު ފުލުހުން ކާމިޔާބު މަސައްކަތްތަކެއް ކުރައްވައިފައިވާކަން ވެސް ސީޕީ ފާހަގަކުރެއެވިއެވެ. ވޭތިވެދިޔަ އަހަރުގެ ކާމިޔާބީ ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ވިކްޓިމް ސަޕޯރޓް މެކޭނިޒަމް ހަރުދަނާ ކުރެވިފައިވާކަމަށެވެ.
މިއަދު ފާހަގަ ކުރަމުންދާ ފުލުހުންގެ އަހަރީ ދުވަހުގެ ޝިޢާރަކީ "އެންމެންގެ ޚިދުމަތުގައި، އަވަށްޓެރި ފުލުހުން" އެވެ.