ކަނޑުފަޅާއި ފަރުތަކުގެ މާހައުލަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިއްމު ބައެއް :ސްޓޭޓް މިނިސްޓަރ ޒިޔާދު

ކަނޑުފަޅާއި ފަރުތަކުގެ މާހައުލަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިއްމު ބައެއް ކަމަށާއި ކަނޑުފަޅާއި ފަރުތަކުން އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތައް ލިބެމުންދާކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑުމެންގެ ފަރުތަކަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ މުއްސަނދި އަދި ހަތްވަނައަށް އެންމެ ބޮޑުފަރުގެ ނިޒާމަށްވުމީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް. އަދި މިފަރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަކީ ސަރުކާރުގެ އެކި ސިޔާސަތުތަކާއި ޕްލޭންތަކުގައި މައިމަގަށް ނެރެފައިވާ ކަމެއް."

ހޮނިހިރުދުވަހު އއ. ރަސްދޫގައި ބޭއްވި "މޫދު މާކަނޑު ފެސްޓިވަލް 2017" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޒިޔާދު ވިދާޅުވިއެވެ. " ނެޝެނަލް ބަޔޯޑައިވަސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން 2016-2015 އަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އެންޑޯޒް ކުރައްވާފައިވާ އަދި މިހާރު އަމަލުކުރަމުންދާ ޢަމަލީ މަޝްރޫޢެއް. މި ޕްލޭންގައި ފަރުތަކާއި ކަނޑާއި ފަޅުގެ މާހައުލީ ނިޒާމުތަކާއި ދިރުންތައް ހިމާޔަތްކުރުމާއި މެނޭޖުކުރުމާއި ބެހޭ ގޮތުން ގިނަ އަމާޒުތަކެއް ކަނޑައެޅިފައިވޭ."   

ރަސްދޫގައި ބޭއްވި ފެސްޓިވަލުގައި އެ އަތޮޅުގެ ހަތް ރަށުގެ 140 ދަރިވަރުންނާއި 40 ޓީޗަރުން ބައިވެރިވިއެވެ.

"ތިމާވެށީގެ މިފަދަ ހަރަކާތްތަކުގައި ދަރިވަރުން މަޝްޢޫލު ކުރުވުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއްދޭ. އެއީ މިއަދުގެ ސްކޫލް ކުދީންނާއި ޒުވާނުންނަކީ މާދަމާގެ ލީޑަރުންކަމަށްވާނެތީ." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ އަދި ނެތި ދިއުމުގެ ބިރުވެރިކަން ކުރިމަތިވެފައިވާ އެތައް ދިރުންތަކެއް އަޅުގަނޑުމެންގެ ކަނޑުތަކުގައި ދިރިއުޅެއެވެ.

"ދިވެހިރާއްޖެއަކީ މޫސުމީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ އެންމެ ނޭދެވޭ އަސަރުތަކެއް ކުރިމަތިވާ ގައުމުތަކުގެތެރޭގައި ހިމެނޭ ގައުމެއް. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ކަނޑުގެ ފިނިހޫނުމިން މަތިވުންފަދަ ކަންކަމަށް މަގުފަހިވެގެންދޭ. މުރަކަހުދުވުމާއި ރަށްތައް ގިރުމާއި ފެންބޮޑުވުމާއި މަސްވެރިކަން ދަށްވުމަކީ މިކަމުގެ ބައެއް ނޭދެވޭ އަސަރުތައް. އަދި މިކަންތައްތަކުގެ އަސަރު ކުޑަކުރުމަކީ އަޅުގަނޑުމެން ދިރިއުޅެމުންދާ މާހައުލު ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ނަގަންޖެހޭ ފަރުދީ ޒިއްމާއެއް." ޒިޔާދު ވިދާޅުވިއެވެ.

ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯރ އިންޓަރނޭޝަނަލް  (ޔޫއެސްއެއިޑް) ގެ އެހީގެދަށުން ދިވެހި ސަރުކާރުން އައިޔޫސީއެން އާ ގުޅިގެން ކުރިއަށް ގެންދާ ރީޖެނެރޭޓް ޕްރޮޖެކްޓުގެ ގިނަ މަސައްކަތްތަކެއް 2013 ވަނަ އަހަރުން ފެށިގެން އަރިއަތޮޅު އުތުރުބުރީގައި ކުރިއަށް އެބަގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.