އައްޑޫގެ ފިހާރަތައް ބަންދުކުރަން އެންގީ އެޗުޕީއޭއާ މަޝްވަރާ ނުކޮށް: މަބްރޫކް

ވިޔަފާރިކުރާ ތަންތަން ބަންދުކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްހެލްތު ސާވިސަސްއާ މަޝްވަރާ ކޮށްފައި: މޭޔަރ ސޯބެ

މިއަދުން ފެށިގެން އައްޑޫ ސިޓީގެ ފިހާރަތައް ރޭގަނޑު ނުހުޅުވާ ގޮތަށް ނިންމީ އެޗުޕީއާ މަޝްވަރާ ކޮށްފައި ނޫންކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީކައުންސިލުން ވަނީ އެސީޓީގައި ގާއިމްކޮށްފައިވާ ކޮވިޑް ޓާސްކްފޯހާ މަޝްވާރާ ކުރުމަށްފަހު މިއަދު ހަވީރު 6:00 އިން ފެށިގެން ރޭގަނޑު ފިހާރަތައް ނުހުޅުވަން އަންގަވައިފައެވެ.

ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ސައި ހޮޓާތަކާއި، ކެފޭ ފަދަ ތަންތަން ވެސް މިއަދުން ހަވީރު 6:00 އިން ފެށިގެން ބަންދު ކުރުމަށް ސިޓީކައުންސިލުން ވަނީ އަންގަވައިފައެވެ. އެފަދަ ތަންތަން ހުޅުވޭނީ ހަމައެކަނި ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އަށް ކަށް އައްޑޫ ސިޓީކައުންސިލުން އިއްޔެ ވަނީ އަންގަވައިފައެވެ. މި ގަޑިތަކުގައި ނޫން ވަގުތުގައި ހުޅުވޭނީ ހަމައެކަނި  ސިއްހީ ޚިދުމަތް ދޭ ތަންތަނާއި ބޭސް ފިހާރަތައް ކަމަށް ވެސް އައްޑޫ ސިޓީކައުންސިލުން ވަނީ ވިދާޅުވެފައެވެ.

އައްޑޫސިޓީ ކައުންސިލުން މިފިޔަވަޅު އެޅުއްވީ އެޗުޕީއޭއާ މަޝްވަރާ ނުކޮށް ކަމަށް މަބްރޫކް ވިދާޅުވުމުން އައްޑޫ ސިޓީގެ މޭޔަރުވަނީ ޓުވިޓަރއިން އެއަށް ރައްދު ދެއްވައިފައެވެ. މޭޔަރ ޢަބްދުﷲ ސާދިގު ވިދާޅުވީ ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ސިޓީކައުންސިލުން އަޅުއްވާނެ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫސިޓީ ކައުންސިލުން ޤަވާއިދުން ފިޔަވަޅު އަޅާނެ. ވިޔަފާރިކުރާ ތަންތަން ހަވީރު 6:00 އިން ބަންދުކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކްހެލްތު ސާވިސަސްއާ މަޝްވަރާ ކުރުމަށްފަހު، އަޑޫކޮވިޑް-19 ޓާސްކްފޯސް އިންނިންމައިގެން،" ސޯބެ ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

މިއަދު ހަވީރު 6:00 އިން ފެށިގެން ފިހާރަތަކާއި، ކާބޯތަކެތި ވިއްކާ ތަންތަން ބަންދު ކުރަން އެންގިޔަސް ކައުންސިލުން ހުއްދައެއް ނެގުމަށްފަހު ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެޗުޕީއޭގެ މަޝްވަރާއާ ނުލައި މިފަދަ އެއްވެސް ފިޔަވަޅެއް ކައުންސިލްތަކަށް ނޭޅޭނެ ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ. އައްޑޫ ސިޓީން ވަނީ އަންނަ ހަފްތާ ބަންދުން ފެށިގެން އެސިޓީ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ފަށާނެކަމަށް ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.