އިކޮނޮމިކް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ – ރައީސް

އިކޮނޮމިކް ޕެކޭޖުގެ ދަށުން ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް  ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުން އިޢްލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ކޮވިޑް-19 އާގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ލޯނު  ދޫކުރައްވަން ހަމަޖައްސަވައި  ފައި ވަނީ ބީއެމްއެލް އާއި އެޗްޑީއެފްސީ މެދުވެރިކޮށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވީ  ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހަމަސް ދުވަސް ލަސްކޮށް ދެއްވައިފައިވާ ކަމަށެވެ. ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް ވެސް ހަމަސް ދުވަސް އިތުރު ކޮށްދެއްވުމަށް ނިންމަވައިފައިވާކަމަށް ވިދާޅުވިއެވެ. އަދި ފުރަތަމަ ހަމަސް ދުވަހަށްފަހު ލޯނު ދައްކަން ފަށާއިރު  20 އިންސައްތަ އުނިކޮށް ދެއްވުމަށް ވެސް ބީއެމްއެލް އިން ނިންމަވައިފައިވާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

"މާނައަކީ ތިންއަހަރަށް ދޫކޮށްފައިވާ ލޯނެއް ކަމުގައި ވާނަމަ ލޯން އަނބުރާ ދެއްކުމަށް ހަމަސް ދުވަސް އިތުރުކޮށް ދެއްވުން" އިތުރަށް ތަފްޞީލް ކޮށްދެއްވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެޗްޑީއެފްސީ އިން ދޫކޮށްފައިވާ  ހައުސިންގ ސްކީމްގެ ލޯންތަކަށްވެސް  މާރޗް މަހުން ފެށިގެން ދައްކަން ޖެހޭ ފައިސާ ހަމަސް ދުވަހަށް ފަސްކޮށްދެއްވައިފައި ވާކަން ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރިސޯރޓް ގެސްޓް ހައުސް ތަކާއި އަދި އެނޫން ވިޔަފާރިތަކަށް ވެސް  ބީއެމްއެލްގެ އަމިއްލަ ފައިދާއިން 308 މިލިއަން ރުފިޔާ ދޫކުރުމަށް  އެބޭންކުން ނިންމަވައިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެޗްޑީއެފްސީ އިން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކަށް ވެސް މާރޗް މަހުން ފެށިގެން ދައްކަން ޖެހޭ ފައިސާ ވެސް މިހާރު ވަނީ ހަމަސް ދުވަހަށް ފަސްކޮށް ދެއްވައިފައި ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ސަރުކާރުން އިޢްލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖްގެ ދަށުން ކޮވިޑް-19 އާގުޅިގެން ގެއްލުން ލިބޭ ވިޔަފާރިތަކަށްލޯނުދޫކުރުމަށް ނިންމަވައިފައި ވަނީ ހަ ޕަސަންޓް ގެ އިންޓަރެސްޓާއެކު ތިން އަހަރުން އަނބުރާ ދައްކާގޮތަށް ހަމަމަހުގެ ގްރޭސް ޕީރިއެޑަކާއެކުގައެވެ. މި ޕެކޭޖްގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމުގެ ސަބަބުން ދިވެހިންގެ ވަޒިފާ ގެއްލުމުގެ ފުރުޞަތާއި ޕްރައިވެޓް ސެކްޓަރގެ މުސާރަތައް ކުޑަކުރުމަށް އޮވެދާނެ ފުރުޞަތުތައް ކުޑަކުރުންކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެ ފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.