(18 މާރޗް 2017 ގައި ޝާއިއު ކުރި ބަޔާ ގުޅޭ)
ރުބީން ގެ ހިތަށް މީހަކު ފިތާލީމަ ވާނެ ފަދަ ތަދެއް އިޙުސާސް ވިއެވެ. ފައިހާ ގެ މޫނާއި ދެލޯ ފެނިފައި ވަރަށް ދެރަވިއެވެ. ފޮރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް ފައިހާ ވަރަށް ގިނައި ރޮއެފަ ހުރިކަން އޭނަގެ ދެލޮލުން އެނގެއެވެ.
ފައިހާ ދާންވެގެން މަސައްކަތް ކުރުމުން ރުބީން ގުޑާވެސް ނުލިއެވެ. "ފައިހާ، ކިހިނެތްވީތަ؟ ބުނެބަލަ. ކޮން ކަމަކާތަ މިއަދު މާ ކަންބޮޑުވެގެން ތި އުޅެނީ؟"
އެވަގުތު ތިރިން ގޮވާލި އަޑު އިވުނެވެ. "ފައިހާ! ކޮބާ ތިރިއަށް އަންނާކަށް ނުވޭތަ؟ މިތާ ތިބި އެންމެން ހާންތި ވެފައޭ މިތިބީ!" އިރުކޮޅެއް ނުވެ އަނެއްކާ ޒައިނަބް ގޮވާ އަޑު އިވުނެވެ. "ރުބީން! ފައިހާ ހޯދަންށޭ ފޮނުވީ. ތި ދެމީހުން ވަކިން ސައްލާކުރާނީ ގެއަށް ގޮއްސަ. އަވަހަށް އާދޭ."
އެއާއެކު ރުބީން ގެ އެއް ކައިރިން ދެމިގަނެގެން ކޮޓަރީގެ ދޮރުން ނިކުމެ ފައިހާ ތިރިއަށް ދާން ހިނގައިގަތެވެ.
ރުބީން ފައިހާ ގެ ފަހަތުން ގޮސް ކާކޮޓަރިއަށް ނުވަދެވެނީސް ޙަމީދު ގޮވާލި އަޑު އިވުނެވެ. "ދަރިފުޅާ. ދޭބަ ރުބީން އާ ދެކުދިން ދޮރު ކައިރިއަށް. ބައްޕައަށް ގެނައި އެއްޗެހިތަކެއް ހިފައިގެން އައި މީހަކު ހުންނާނެ ބޭރުގަ މިހާރު. އޭނަ ގެނައި އެއްޗިހި ގެންގޮސް ސިޓިންގ ރޫމްގަ ބަހައްޓާދީފަ އާދޭ މިކޮޅަށް."
އެއާކު ފައިހާ އަވަސް އަވަހަށް މިސްރާުބު ބަދަލު ކޮށްލިއެވެ. ބޭރު ދޮރު ކައިރިއަށް ނިކުތް އިރު އެތާގަ ހުރީ ބަންގްލަދޭޝް މީހެކެވެ. "ޙަމީދުސާހަބް އާ ޙަވާލުކުރަން ބޮސް ފޮނުވި އެއްޗެހި." އޭނާ ސައިކަލުގައި އެލުވާފައި އޮތް ވަރަށް ބޮޑު ދެ ކޮތަޅާއި އަތުގައި އޮތް ތިން ޕާރުސަލް އަށް އިޝާރާތްކޮށްފައި ވަރަށް ރީތިކޮށް ދިވެހި ބަހުން ބުންޏެވެ. "އާނ. ގެނޭ. މީ ޙަމީދުސާހަބްގެ ދަރިފުޅު." ފައިހާ އަމިއްލަ މީހާއަށް އިޝާރާތްކޮށް މިހެން ބުނުމަށް ފަހު ޕާރުސަލްތައް އަތުލަން އަތް ދިއްކުރިއެވެ. އެމީހާ ފައިހާ އަތަށް ޕާރސަލްތައް ދިނުމަށްފަހު ސައިކަލުގައި އޮތް ދެ ކޮތަޅު ނަގާފައި ރުބީންގެ އަތަށް ދިނެވެ. "އޯކޭ ދޯ؟" "އާން، އޯކޭ. ބޮސް ކައިރީ ބުނޭ ޙަވާލު ވެއްޖެއޭ." ރުބީން ޖަވާބު ދިނުމުން އޭނާ ސައިކަލަށް އަރާ ދުއްވާލިއެވެ.
އެއްޗެހިތައް ސިޓިންގރޫމްގައި ބަހައްޓާފައި ފައިހާއާ ރުބީން ކާކޮޓަރިއަށް ދިޔައެވެ. އެތަނަށް ވަތް އިރު އެއް ބަޔަކު ކާމޭޒު ދޮށުގަ އިށީންދެގެން ތިއްބެވެ. އަނެއްބަޔަކު ބަދިގޭގެ އެކި ދިމާލުގައި އެނބުރެނީއެވެ. ފައިހާއާ ރުބީންއާ ދެ މީހުންގެ ބައްޕަވެސް ތިބީ އުނދުން ކައިރީގައެވެ. "މިރޭ ބައްޕަ އާ ޙަލީމްބެ އާ ދެމީހުންގެ ކެއްކުމުގެ މޮޅުކަން ދައްކާލާ ރެއެކޯ." އޮތްގޮަތަށް އޮތް އެއް ކެރެޓެއް ހިފަހައްޓާލައިގެން ހަފާލަ ހަފާލާ ހުރި ޒައިނަބް އުނދުނާ ދިމާލަށް ނިތް އެއްލާލަމުން ހިނިއައިސްފަ ބުންޏެވެ. "އޭ. ތީ މުޅިން ބޭއިންސާފު އިނގޭ. މަގޭ ޙިއްސާ ކޮބާ؟ ބައްޕައާ ޙަލީމްބެ އަށް ވުރެ ގިނަ އެއްޗެހި ތައްޔާރުކުރީ މަށެއްނު؟" އޭރުވެސް މޭވާ ތަކެއް ތަށްޓަކަށް ކޮށަމުން ގެންދިޔަ ތާއިބް އެހެން ބުނުމުން މޭޒުކައިރީ އިށީނދެ އިން އޭނަގެ އަނބިމީހާ އަނެއްކާވެސް ކެރެޓުން ތަންކޮޅެއް ކާލަމުން ޖަވާބު ދިނެވެ. "ތާއިބް އޭ ބުނެފިއްޔާއެއްނު ރަނގަޅަށް ބޭއިންސާފު ވާނީ. އެހެންޏަ. ކޮންމެ އެއްޗެއް ފަށާފަ ތާއިބް ދުއްވައިގަތީމަ ދޮންތައާ މަށާ ދެމީހުުންނަށް ވިއްޔަ އެ ނިންމަން ޖެހުނީ."
"ރުބީން ރަނގަޅު އިނގޭ ނައިކަން މީގެން އެއްވެސް ކަމެއް ކުރަން. އަޔަސް މި އަންހެންވެރިންގެ ފަރާތުން ރަނގަޅު ބަހެއް ވެސް ލިބެނީކީ ނޫންވިއްޔަ." ތާއިބް ބޯ ދެފަރާތަކަށް ތަޅުވާލަމުން ރުބީން އަށް ވާހަކައިގެ ވާފަށް އެއްލާލިއެވެ. "ރުބީން އައި ނަމަ ތިއަށްވުރެ ރަނގަޅުވީސް." ޒައިނަބް ހަމަޖެހިލައިގެން ކާލަ ކާލާ އިނދެ އަނެއްކާވެސް ބުންޏެވެ. "އޯކޭ އޯކޭ. ވާވަރު ވެއްޖެ. ދެން އިތުރަށް ހިތުގަ ނުޖައްސާ. އެހެން ނޫނީ މިރޭ ފަތިހު އޮޕަރޭޝަން ކުރާ މީހާގެ ހިތުގަ ލޭގެ ބަދަލުގަ ހިނގާނީ މަގޭ ލޮލުން އޮހޮރޭ ކަރުނަ." ތާއިބް ހިތުގަ އަތްއަޅާފަ ދެރަވާ ވައްތަރު މޫނަށް ޖައްސާލަމުން ހިތާމަވެރި އަޑަކުން ބުންޏެވެ. "އެ ދިޔައީ ފަތިހު ހިނގާލަން ދާން ހެދި ޕްލޭން" ޒައިނަބް އެކަމަށް އާދަވެފައިވާ ފަދަ ރާގަކަށް ބޯ ހޫރާލަމުން ބުންޏެވެ. "ސޮރީ ޒައި." ތާއިބް މިފަހަރު އަސްލުގަވެސް ދެރަވީކަން އޭނަގެ މޫނުމަތިން އެނގުމުން ޒައިނަބް ކާން އިން ކެރެޓް ހުސްކޮށްލާފައި އަތް ދޮންނަން ސިންކު ދޮށަށް ދަމުން ތާއިބް ގެ އަތުގައި ހިފާލާފައި ބުންޏެވެ. "އެހާ ވަރުގެ ކަމެއް ނޫން. މިއަދު ނުވި ކަމެއް މާދަމާ ކުރަން ނިޔަތް ގަންނާނީ."
"އޭ. އެކަކުވެސް މިއަދު ޓީވީ އެއް ނޫހެއް ނުބަލަން ދޯ." ރުބީން އަހާލިއެވެ. ފުރަތަމަ ޖަވާބު ދިނީ ޙަމީދު އެވެ. "މިއަދު އޮފީހުގެ ކަންތައްތައް ތަންކޮޅެއް ބުރަވީމަ ބައްޕައަކަށް ވަގުތެއް ނުވި ނޫހެއް ބަލާލާކަށް ވެސް." "ބައްޕަވެސް މިއަދު އޮޑިޓެއްގައި ބައިވެރިވާން ޖެހުނީމަ މުޅި ދުވަސް އެކީގަ ދިޔައީ އެކަމުގަ" ޙަމީދުއާ ދެމީހުން ވެގެން އަވަނުގައި ހުރި ކުކުޅުތައް ނަގަމުން ޙަލީމް އޭނަގެ ދަރިފުޅަށް ޖަވާބުދިނެވެ. ދެން ތިބި މީހުންވެސް ޓީވީ ވެސް ނޫސް ވެސް ނުދެކޭ ވާހަކަ ބުނަން ފެށިއެވެ. "ރުބީން. މަ ޓީވީ ބެލިން ވަރަށް ގިނަ އިރު." ޒައިނަބް ޓިޝޫއަކުން އަތްފޮހެމުން އައިސް ރުބީން ކުރިމަތީގަ އިށީނެވެ. ރުބީން ވަރަށް ޝައުޤުވެރިވެފައި ސުވާލުކުރަން އަނގަހުޅުވާލި ތަނާ އަނެއްކާ ޒައިނަބް ވާހަކަ ކުރިއަށް ގެންދިޔައެވެ. "މިއަދު ޓީވީން އެ ދެއްކިހާ މޮޅު ކައްކާއިންނެއް ދުވަހަކުވެސް ނުދެކެން އިނގޭ. މަގޭ ހިތަށް އެރި ޓީވީ ފަޅާލާފަ ވަދެ އެ ހުރިހާ އެއްޗެއް ކާލަފާނަމޭ. " އޭނަގެ ފިރިމީހާ ކޮށަކޮށާ ހުރި މޭވާ ތަކުގެ ތެރެއަށް އަތް ބާނައިގެން އަނެއްކާ ވެސް ކާން ފެށިއެވެ.
ރުބީން އާ ތާއިބް އާ ދެމީހުންނަށް ވެސް ހިނިއައިއްސަ ބޯ ހޫރާލެވުނެވެ. "ޒައި ކާ އެއްޗެހި ބަލަން ހުއްޓާ ވަރަށް މުހިއްމު ވާހަކައެއް ޓީވީއެމް އިން ދެއްކީ." ތާއިބް ތަންކޮޅެއް ބޮޑަށް ކޮށާލާފައި އޮތް މޭޥާ ފޮއްޗެއް އޭނަގެ އަނބިމީހާގެ އަތަށް ދެމުން ބުންޏެވެ.
ތާއިބް ތިން މޭވާކޮޅުން އެތިކޮޅެއް ނައްޓާލައިގެން ހަފަން ފަށައިގަތުމާއެކު ޒައިނަބް ޖަވާބު ދިނެވެ. "ކެއުމަށް ވުރެ މުހިއްމު ކަމެއް ކޮބާ؟ ދިރިހުރެވޭނީ ކައިގެން. ނުކައި ބަނޑަށް ހުރެ އެއް ކަމެއްވެސް ނުކުރެވޭނެ."
މި ހުރިހާ މަންޒަރެއް ބަލަން އިން ފައިހާއަކަށް ކެތެއް ނުވިއެވެ. ބާރަށް ހޭން ފެށިއެވެ. "ދޮންތަ މިރޭ ހުސް ކާއެއްޗެހީގެ ވާހަކަ ދައްކާފަ ހަމަ ހުރެގެން ކަނީ. އަނެއްކާ ކިހިނެތްވީތަ؟ ތާއިބް ދޮންތައަށް ކާން ނުދީ ބެހެއްޓީތަ؟"
ތާއިބް އާ ޒައިނަބް އާ އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. އަދި ތާއިބް އަވަސް އަވަހަށް ބުންޏެވެ. "އެހެންވީމަ އެކަކަށްވެސް ޓީވީ އާ ނޫސްތަކުން ކީ ޚަބަރެއް ނޭނގޭ ދޯ؟ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި ދިން ޚަބަރަކީ،" މިހާ ހިސާބަށް ބުނެވުމުން ރުބީން ސަމުސަލަކުން މޭޒު މަތީގައި ރާގަކަށް ތަޅާލިއެވެ. އެއާއެކު އެންމެން ގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ތާއިބް ހިނިއައިސް ހުރެ އަނެއްކާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މިރޭ ފަތިހު ﷲގެ އިރާދަކުރެއްވިއްޔާ ރާއްޖޭގެ އޯގަން ޑޯނަރ އެއްގެ ފަރާތުން ލިބުނު ހިތެއް ރާއްޖޭގެ މީހަކަށް ރާއްޖޭގެ ހޮސްޕިޓަލެއްގައި ރާއްޖޭގެ ސަރޖަނުންގެ ޓީމަކުން ޓްރާންސްޕްލާންޓް ކުރެވޭނެ. މިއީ ރާއްޖޭގައި ކުރެވޭ މިފަދަ ފުރަތަމަ އޮޕަރޭޝަން. ޓީމް ލީޑް ކުރަނީ މަށާ ހައިކަލް އާ. ރުބީން ވެސް އެ ޓީމްގަ ހިމެނޭ."
ހުރިހާ އެންމެން އެއްފަހަރާ ވާހަކަ ދައްކަން ފެށިއެވެ.
"ތާއިބް ނުވެސް ބުނަމެއްނު މަގޭ ކައިރީ. އޭރު ދިޔައީ ޕްރެސް ކޮންފަރަންސަށް ދޯ؟ ކީއްތަވާނީ ބުނެލިނަމަ. ބޮޑު ސްކްރީން ގަ އަޅުވައިގެން ހުރިހާ އެންމެން އެކީގަ ބަލާލެވުނީހެއްނު" ތާއިބްގެ އަތުގައި ޖަހާލާފައި ޒައިނަބް ޝަކުވާ ކޮށްލިއެވެ. "ދަރިފުޅުމެންނަށް ވަރަށް ބޮޑަށް މަރުޙަބާ. ދަރިފުޅުމެން ހިތުގެ ބަލިތަކާ ބެހޭ މަރުކަޒު ހުޅުވި ދުވަހު ދުށް އެއް ހުވަފެން ޙަޤީޤަތަކަށް ވަނީ ދޯ. ﷲ އަށް ޙަމްދު ހުރި." ޙަލީމް އައިސް ތާއިބް އާ ރުބީން އާ ދެމީހުންގެ ކޮނޑުގައި ހިފާލާފައި އުފަލުން ފޮޅިފައި ބުންޏެވެ. "މަގޭ ދަނބިދަރިން އެސްފީނާއިން ސަލާމަތް ކުރައްވާ އެމީހުުންގެ މަސައްކަތުގައި ބަރަކާތްލައްވާ ކާމިޔާބު ދެއްވާށި!" ޙަމީދު ހެޔޮ ދުޢާކުރަމުން އޭނަގެ އަތަށް ލައްވާފައި ހުރި ހޫނު އެއްޗެހީގައި ހިފަން ބޭނުންކުރާ އަންގި ނައްޓާލާފައި ރުބީން އާ ތާއިބް އާ ފަހަރަކު މީހެއްެގެ ކޮނޑުގައި ހިފާލަމުން ސަލާމް ކޮށްލިިއެވެ.
"ކޮބާ، އެންމެން ކުޑަކޮށް ތާއިބްއާ ޒައިނަބް އާ ކައިރިވެލަބަލަ. މީ ފޮޓޯ ނަގާލަން ރަނގަޅު ވަގުތެއްނު." ރުބީން ގެ މަންމަ އޭނަ ގެންގުޅޭ ކެމެރާ ބަދިގޭ ފާރުމަތީގައި ބަހައްޓާފައި ސެޓް ކުރަމުން ގޮވާލިއެވެ.
ހުރިހާ އެންމެން ތިބި ދިމާލަކުން ތާއިބްމެންނާ ކައިރިއަށް ޖެހިލިއެވެ. ފައިހާ އަށް ހުއްޓެވުނީ އޭނަގެ މަންމައާ ބައްޕައާ ދެމީހުންގެ މެދުގައެވެ. ދެމީހުންވެސް ތިބީ ފައިހާގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ.
"ކޮބާ، ނަގަނީއޭ! ދިހަ ސިކުންތު. ރީތި ވާނެވަރަކަށް ރީތިވޭ." މިހެން ބުނެފައި އާސިޔާ ދުވެފައި އައިސް ފޮޓޯއަށް އެރިއެވެ.
ރުބީން ގުނަން ފެށި އަޑު އިވުނެވެ. "އަށެއް، ހަތެއް، ހަޔެއް، ފަހެއް، ހަތަރެއް، ތިނެއް..."
"އަލްޙަމްދުލިﷲ. ޒައިނަބް އާ މަށަށް އެއްމާބަނޑު ދެ އަންހެން ކުދިން ލިބެނީޔޯ"
ތާއިބް ބާރުބާރަށް ބުނި ޖުމްލައާއެކު ބަދިގެ ހީވީ ފަޅައިގެން ދިޔަ ހެންނެވެ. ކެމެރާއިން ފްލޭޝްވެފައި ފޮޓޯތަކެއް ފުލުފުލުގައި ނެގެމުން ދިޔަ ވަގުތު އެކަކުވެސް ފޮޓޯގެ މަތިން ހަނދާނެއް ނެތެވެ. އެންމެންގެ އުފަލުގެ ހަޅޭކުގެ އަޑަށް ގޭގައި ގެންގުޅޭ މީހުންވެސް ބާރަށް ދުވެފައި އައިސް ބަދިގެއާ ދިމާލަށް ބޯ ދިއްކުރަން ފެށިއެވެ. އޭރު އެއް ބަޔަކު ޒައިނަބް ވަށާލައިގެން އޭނަގެ ގައިގަ ބައްދަނީއެވެ. އަނެއް ބަޔަކު ތާއިބް އުރާލައިގެން ދުވަނީ އެވެ. އަނެއް ބަޔަކު ސަޖިދަކުރަނީއެވެ.
މަންޒަރު ބަލަން ތިބި ޚާދިމުން ހިތާހިތުން އުފާކުރިއެވެ. ވެގެން އުޅެނީ ކޮން ކަމެއްކަން ނޭނގުނަސް ޙާމދުގެ ޢާއިލާއަށް އެތައް ދުވަހަކަށް ފަހު އެ އައި އުފާވެރިކަން އެއީ އެ ގެއަށް ޙައްޤު އުފާވެރިކަމެކެވެ.
- ނުނިމޭ -
"ހިތް އަތުލީ އޯގާތެރިކަން " މީ ނުނިމޭ ވާހަކައެއްތަ؟ ހަމަ ބުނެލީ އަނެއްކާ އަނެއް ބައި ލިޔަން ހަނދާން ނެތުނީތޯ؟