ކޮވިޑް-19: ކޮންމެ ބަލިމީހެއްގެފަރާތުން ދެތިން މީހަކަށް ވައިރަސް ފެތުރިފައި ހުރެދާނެ: ޑރ. އިސްމާޢިޅް

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކޮންމެ ބަލިމީހެއްގެފަރާތުން ދެތިން މީހަކަށް ވައިރަސް ފެތުރިފައި ހުރެދާނެ ކަމަށް ފުއްޕާމޭ ބަލިތަކަށް ޚާއްސަ ޑޮކްޓަރ، ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދަރުބާރުގޭގައި މިއަދު ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. "މިދުވަސްވަރު ސޯޝަލް އައިސޮލޭޝަންގައި ތިއްބެވުމުގެ އެންމެ މުހިންމު އެއްކަމަކީ ކޮންމެ ބަލިމީހެއްގެ ފަރާތުން ދޭއް ނުވަތަ ތިން މީހުންނަށް ވައިރަސް ފެތުރިފައި ހުރެދާނެ. އެހެން ވެއްޖެއްޔާ އެމީހުންގެ ފަރާތުން އަނެއްކާ އެހެން މީހުންނަށް ފެތުރިފައިހުރެދާނެ،" ޑރ. އިސްމާޢީލް ވިދާޅުވިއެވެ.

އައިސޮލޭޓުވާންޖެހޭ މައިގަނޑު އެއްސަބަބަކީ އެގޮތަށް ދެމިފައިވާ ޗެއިން ބުކިކޮށްލުން ނުވަތަ ބްރޭކްކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ. "މި ޗެއިން ބްރޭކްކޮށްލުން ސޯޝަލް އައިސޮލޭޝަންގައި ތިބުމުގެ އެންމެ މުހިންމު އެއްކަމަކީ. ސަބަބަކީ މިއެންމެން ރިކަވަރ ވުމުގެ ކުރިން ނުވަތަ މިހާރުވެސް ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ މީހުން ނެގެޓިވް ނުވާހިނދަކު އަބަދުވެސް އެ ނުރައްކާ އޮންނާނެ،" ޑރ. އިސްމާޢިލް ވިދާޅުވިއެވެ.

ޑރ. ވިދޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނައިރު ވެސް އަދި އެފަދަ ދަތުރެއް ނުކުރިނަމަވެސް ބަލީގެ އެއްވެސް ކަހަލަ ނިޝާނެއް ފެނިއްޖެއްޔާ ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގައި ދިނުމަށެވެ. އަދި އެފަދަ ކަންކަން އަންގަން ޚާއްސަކޮށްފައިވާ ހޮޓްލައިނަށް ގުޅުއްވައިގެން ޓެސްޓް ކުރުމާއި އެއާ ގުޅޭ އެހެން ކަންކަން ކުރިއަށް ގެންދަންވާނެ ކަމަށް ވެސް ވިދާވިއެވެ. އަދި  ދެވުނު ތަންތަނާއި ބައްދަލުވި މީހުން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.

"ބައެއްފަހަރު ކޮންމެވެސް ތާކުން ދިމާވި މިހަކު އެމީހާ ތަންކޮޅެއް ފަހުން ޕޮޒިޓިވްވެފައި އެބަހުރި. އެކަހަލަ ހާލަތެއް ދިމާވެއްޖެއްޔާ ދެވުނީ ކޮންތާކަށްތޯ ބައްދަލުވީ ކޮންބަޔަކާތޯ ނޭގޭ ކަމަށްވާނަމަ ކަމާބެހޭ ފަރާތްތަކަށް ކޮންޓެކްޓް ޓްރޭސިން ހަދަން ވަރަށްބޮޑަށް އުދަގޫވެގެންދާނެ. އެހެންވީމައި އަޅުގަނޑުގެ އިލްތިމާސަކީ ބޭރަށް ނުކުމެ ނޫޅޭށޭ ގޭގައި އިހަށް މަޑުކޮށްލަ ދޭށޭ. ފެތުރިއްޖެނަމަ ކާރސާއަކަށް ވެދާނެޔޭ،" ޑރ. މުހައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.