މިއީ އެހެން ދިވެހީންނަށްޓަކައި ޚިދުމަތް ދޭންވީ ވަގުތު: އިހުސާން

"ހެޕީމާކެޓު ޝޮޕް 7" ހުޅުވުމުގެ ރަސްމިއްޔާތުގައި ހެޕީމާކެޓުގެ ސީއީއޯ އަލީ އިޙުސާން ވާހަކަ ދައްކަވަނީ: ފޮޓޯ ހެޕީމާކެޓު

އެންމެހާ ވިޔަފާރިވެރިންނާއި ކުންފުނިތައް ހިންގަވާ ބޭފުޅުންނަށް، މިވަގުތަކީ ގައުމު އަޅުގަނޑުމެންނަށް އެންމެ އެދިގޮވާލާ ވަގުތު.

ފާއިތުވެދިޔަ ހުރިހާ އަހަރު ތަކުގައި  ވިޔަފާރި ކުރެއްވިއްޖެ ކަމަށާއި، މިއީ އެހެން ދިވެހީންނަށްޓަކައި ޚިދުމަތް ދޭންވީ ވަގުތު ކަމަށް މަޝްހޫރު ހެޕީމާކެޓުގެ ސީއީއޯ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވިޔަފާރިވެރިންނަށާއި ވިޔަފާރި ކުންފުނިތައް ހިންގަވާ ބޭފުޅުންނަށް ޚާއްސަ މެސެޖެއް ދެއްވަމުން ފޭސްބުކުގައި އޭނާ ލިޔުއްވައިފައިވަނީ "މިވަގުތަކީ (ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވަގުތު) ގައުމު އަޅުގަނޑުމެންނަށް އެންމެ އެދިގޮވާލާ ވަގުތު،" ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ވިޔަފާރިތައް ކުރެވިއްޖެ ކަމަށާއި. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތާގައި ވެސް ކުރެވޭނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.  "އަޅުގަނޑުމެން މިގައުމުގައި ވިޔަފާރި ކޮށްފިން. އަދި ﷲ އިރާދަފުޅާއެކު ކުރިމަގުގައި ވެސް ކުރާނެ. ނަމަވެސް މިދަނޑިވަޅަކީ ފިޔަފާރި ކުރުމަށްވުރެ އަޅުގަނޑުމެންގެ ގައުމީ ލޯތްބާއި، ވަތަނީ ރޫހު އަދި ދިވެހިވަންތަކަން ކުރިއަށް ނެރެ އެހެން ދިވެހިންނަށްޓަކާ ޚިދުމަތްދޭންވީ ވަގުތު،" އޭނާ ވިދާޅުވެފައިވެއެވެ.

އިހުސާނަކީ ކޮވިޑް- 19 ރާއްޖެއިން ފެނުނަސް ތަކެތީގެ އަގުބޮޑު ނުކޮށް ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި ބޭފުޅުންގެ ތެރެއިން އެންމެ އިސްކޮށް ހުންނެވި އެއްބޭފުޅެކެވެ. މިހާރުގެ ހާލަތު އޮތްގޮތުން ތަކެތީގެ އަގުބޮޑުކުރަން ދެއްވިދާނެ ސަބަބުތައް ބައިވަރު އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.  "ތަކެތީގެ އަގުބޮޑު ކުރަން ދެއްކިދާނެ އެތައް ސަބަބެއް ހުރިނަމަވެސް މައިގަނޑު އެންމެ ސަބަބަކަށްޓަކައި އަގުތައް ހިފަހައްޓަމާތޯ،" އޭނާ ވިދާޅުވެފައިވެއެވެ. އިހުސާން ދެއްކެވީ ވަރަށް ތަފާތު ސަބެކެވެ.  "އެ ސަބަބަކީ ދިވެއްސަކަށް ވީކަން، އަދި މި ފަސްގަނޑުގައި ވިޔަފާރިކުރާކަން،" އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ޒިންމާވާންޖެހޭ ހެޕީމާކެޓުން އެކަން ކުރައްވާނެ ކަމަށާއި އެހެން ބޭފުޅުން ވެސް އެކަން އެގޮތަށް ކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. "އަޅުގަނޑާއި އަޅުގަނޑު ޒިންމާވާ ކުންފުނީން ﷲ އިރާދަކުރެއްވިއްޔާ މިކަން ކުރާނަން. ތިޔަބޭފުޅުން ވެސް މިކަން މިގޮތަށް ކޮށްދެއްވުމަށް އެދި އިޚުލާސްތެރި ކަމާއެކު ދަންނަވަން،" އިހުސާން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.