ކަރަންޓީންވުމާ ދެކޮޅުހަދާ މީހުންގެ ނަން ހާމަކޮށް 5،000 ރުފިޔާއަށް ވުރެ ބޮޑުނޫން ޢަދަދަކުން ޖުރިމަނާ ކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބަލިކް ހެލްތްގެ އަންގަވާ އެންގުންތަކާ ހިލާފުވާ މީހުން 5،000 ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖުރިމަނާކޮށް ނަން ހާމަކުރަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  މީހަކު އެކަހެރި ކުރުމަށް އެއެޖެންސީ އަންގާ އެންގުމަކާ ހިލާފު ވުމަކީ އާންމު ސިއްހަތަށް ނުރައްކާވާ ހާލަތަކަށް މުޖުތަމައުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމަކަށް ވާތީ، އެފަދަ އެންގުންތަކާ ޚިލާފުވާ ކޮންމެފަރާތަކާމެދު އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެފަދަ އެންގުންތަކާ ޚިލާފުވާ މީހުން 5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އެ ގޮތަށް އަމަލުކުރާ މީހުންގެ ނަންތައް ވެސް ހާމަ ކުރުމަށް ވަނީ ނިންމައިފިއެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނާއި އެ ވައިރަސްއަށް ޕޮޒިޓިވްވާ މީހުން އެކަހެރި ކުރުމަށް އަންގަނީ ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ. އަދި އެކަން ކުރަނީ އެންމެންގެ ރައްކާތެރި ކަމަށް ޓަކައި ކަމަށެވެ.

މިހާތަނަށް ކޮވިޑް-19 ށް ރާއްޖެއިން ޕޮސިޓިވް ވެފައިވަނީ 13 މީހުންނެވެ. އޭގެތެރޭގައި ދިވެއްސަކު ނުހިމެނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.