ބައްޕާފުޅުގެ ފަރާތްޕުޅުން ވާރުތަވާ މުދާ ނުނަންގަވަން ސްޕޭންގެ ރަސްގެފާނު ނިންމަވައިފި

ބައްޕާފުޅަށް ލިބަވަޑައިގަންނަވާ އިނާޔަތް ވެސް ކަޑުއްވާލައްވައިފި

ސްޕޭން ގެ ރަސްގެފާނު ފެލިޕޭ 6 (ވ) އާއި އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރަސްގެފާނު ޚުވާން ކާރްލޯސް 1

ސްޕޭންގެ ރަސްގެފާނު ފެލިޕޭ 6 އަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރަސްގެފާނު ޚުވާން ކާރްލޯސްގެ ފަރާތްޕުޅުން ވާރުތަވާ މުދާ ނުނަންގަވަން ރަސްގެފާނު ނިންމަވައިފިއެވެ. އަދި އޭނާވަނީ އޭނާގެ ބައްޕާފުޅަށް އަހަރަކު ލިބިވަޑައިގަންނަވާ 2 ލައްކަ ޔޫރޯގެ އިނާޔަތްވެސް ކަނޑުއްވާލައްވަން ނިންމަވާފައެވެ.

ޝާހީ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވާގޮތުން ރަސްގެފާނު ފެލިޕޭ 6 މި ގޮތަށް ނިންމެވީ ބައްޕާފުޅު ރިޝްވަތު ނަންގަވާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވާގޮތުގައި، އޭނާގެ މިނިންމެވުމަކީ ޖުލައި 2014 ގައި އޭނާ ރަސްކަމާ ހަވާލުވެވަޑައިގަތްއިރު، ރައްޔިތުންނަށް ދެފުށް ފެންނަ ވެރިކަމެއް ކުރައްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ނިންމެވި ނިންމެވުމެކެވެ.

ސުވިޒަލޭންޑުގެ ޕްރޮސެކިއުޓަރުން ކުރިއަށް ގެންދާ ތަހުގީގުން ހާމަވި ގޮތުގައި، ގައުމުން ބޭރުގެ ބޭންކެއްގައި އޮންނަ ޚުވާން ކާރްލޯސްގެ އެކައުންޓަކަށް ސައޫދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ޢަބްދުﷲގެ ފަރާތްޕުޅުން 88 މިލިއަން ޔޫރޯ (1.52 ބިލިއަން ދިވެހި ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޕްރޮސެކިއުޓަރުން ގަބޫލުކުރާ ގޮތުގައި އެ ފައިސާ ބެލެވެނީ ރިޝްވަތުގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާ ކަމުގައެވެ.

ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ނޫހަކުން ހާމަކުރި ގޮތުގައި ބޭންކު އެކައުންޓުގައި ހުރި ފައިސާ ލިބޭ ފަރާތްތަކުގެ ތެރޭގައި ރަސްގެފާނު ފެލިޕޭވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންނަމަވެސް ރަސްގެފާނު ވިދާޅުވެފައި ވަނީ އޭނާއަށް ކުރިން އެކަން އެނގިވަޑައިގެންފައި ނުވާ ކަމުގައެވެ.

ޔޫރަޕުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ސައޫދީން ރަސްގެފާނު ޚުވާން ކާރްލޯސްއަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައި ވަނީ ސައޫދީ އެކްސްޕްރެސް ރޭލުގެ މަޝްރޫއަށް ސްޕޭންގެ ކުންފުންޏެއް ހަމަޖައްސަވައިދެއްވުމަށް އޭނާ ކުރެއްވި މަސައްކަތުގެ ބަދަލެއްގެ ގޮތުގައެވެ.

2009 ވަނަ އަހަރު މަސައްކަތް ފަށައި، 2018 ވަނަ އަހަރު ހުޅުވި ހަރަމައިން ހައިސްޕީޑް ރޭލްވޭގައި ބޭނުންކުރާ ރޭލަކީ ސްޕޭންގެ ޓެލްގޯ ކުންފުނީގެ 350 އެސްއާރްއޯ މަރުކާގެ ރޭލެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.