ކޮވިޑް-19: ނާޖާއިޒު ފައިދާ ނަގައި ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް އެބަ ހިންގާ: ފުލުހުން

ކޮވިޑް-19 ގެ ފައިދާނަގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކިގޮތްގޮތަށް އިންޓަރނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކެމް ހިންގަމުންދާކަމަށް އިންޓަރޕޯލްއިން ވަނީ އިންޓަރޕޯލްގެ ހުރިހާ މެމްބަރު ޤައުމުތަކަށް އަންގާފައިވާ ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ ސަރޖިކަލް މާސްކާއި، އެހެނިހެން ބޭސްފަރުވާގެ ޑިމާންޑް ބޮޑުވެ މި ތަކެތި ފިހާރަތަކުން ލިބުމުގައި މިއީ ދަތިދުވަސްވަރެއެއް ކަމަށެވެ. އެވަގުތު  އިންޓަރނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދައުވާކުރާ އީ-މެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާކަން އިންޓަރޕޯލްއިން ވަނީ އެންމެންގެ ސަމާލުކަމަށް ގެނެސްފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި އާއްމުން އޮންލައިންކޮށް ގަންނަ މާސްކާއި، އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް "ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން" ވެސް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ފްރޯޑް ސްކީމް ތަކަކީ:

  • ފޯނު ފްރޯޑް: ކްލިނިކް ނުވަތަ ހޮސްޕިޓަލް އޮފިޝަލުންގެ ނަމުގައި ކުށްވެރިން މީހުންނަށް ފޯނުކޮށް އެމީހުންގެ އާއިލާ މެމްބަރެއް މި ބަލީގެ ޝިކާރައަކަށްވެފައިވާކަމަށް ބުނެ އެމީހުންނަށް ފަރުވާކުރުމަށް ޕޭމަންޓް ހެދުމަށް ބުނުން
  • ފިޝިންގ: ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ސިއްޙީ މާހިރުންގެ ނަމުގައި މީހުންނަށް އީ-މެއިލްކޮށް އެ އީ-މެއިލްގެ ޛަރްޢިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތާއި ޕޭމަންޓް ޑީޓެއިލްސް ހޯދުން ނުވަތަ މަލްވެއަރ ހިމެނޭ އެޓޭޗްމަންޓެއް ދީފައި އެ އެޓޭޗްމަންޓް ހުޅުވަން ބުނުން

އޮންލައިންކޮށް އެއްޗެއް ބައްލަވައިގަތުމުގެ ކުރިން ސަމާލުކަން ދެއްވަންވީ ކަންތައްތައް:

  1. އެއްޗެއް އޮންލައިންކޮށް ބައްލަވައިގަތުމުގެ ކުރިން، އެ ތަކެތި ވިއްކާ ކުންފުނި ނުވަތަ މީހަކީ ސައްޚަ ފަރާތެއްތޯ ބައްލަވައި ވެރިފައި ކުރެއްވުން
  2. އެއްޗެއް ބައްލަވައިގަންނަވަން ތި އުޅުއްވަނީ ސައްޚަ ވެބްސައިޓެއް މެދުވެރިކޮށްތޯ ކަށަވަރުކުރެއްވުން. މިސާލަކަށް: com ގެ ބަދަލުގައި abc.org  ކުށްވެރިން ބޭނުންކޮށްފައި އެބަހުރި. ވީމާ، ވެބްސައިޓްގެ ސައްޚަކަން ކަށަވަރުކުރެއްވުން.
  3. އޮންލައިން ރިވިއުތައް ބެއްލެވުން. އެއްވެސް ކަސްޓަމަރަކު ގަތް ތަކެތި ނުލިބިގެން އެ ވާހަކަ ވެބްސައިޓުގައި ލިޔެފައިވާނަމަ އެ ވެބްސައިޓް ބޭނުންފުޅު ނުކުރެއްވުން.
  4. ކުންފުނި ހުރި ޤައުމު ނޫން އެހެން ޤައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ އެ ޕޭމަންޓް ނުހައްދަވާ މިކަން ފުލުހުންގެ ސަމާލުކަމަށް ގެންނެވުން
  5. ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް ޤަބޫލުފުޅު ކުރެއްވޭނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގަވާ އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރެއްވުން
  6. ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުން
  7. މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭކަމަށް ބުނެ ނުވަތަ މެޑިކަލް ޗެކްސް ހަދައިދޭނެކަމަށްބުނެ އީ-މެއިލްގެ ޛަރްޢިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދެއްވުން. ސަބަބަކީ، ސައްޚަ ސިއްހީ އިދާރާތަކުން ޕޭޝަންޓުންގެ މަޢުލޫމާތު ހޯދުމަށް އީ-މެއިލް ގެ ޒަރިއްޔާ ބޭނުން ނުކުރާތީ މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ބައްލަވައިގަންނަވާ ނަމަ އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްހަ ވެއިބްސައިޓެއްތޯ ކަށަވަރުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.