އެޑިޓޯރިއަލް: ކޮރޯނާ ވައިރަހަކީ ސިޔާސީ ޕާޓީއެއްގެ އެއްޗެއް ނޫން

ކޯވިޑް 19 މިހާރު ރާއްޖޭގައި އެބައޮތެވެ. މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް ކަމަކަށް ނުވޭތޯއެވެ؟

ރާއްޖޭގެ ރަސްމީ އިދާރާތަކުން ރެޔާއި ދުވާލު މަސައްކަތް ކުރަމުން އެ ގެންދަނީ މި ބަލި ރާއްޖެއަށް ފެތުރި ނުރައްކާތެރިހާލަތަކަށް ގައުމު ނުދޭތޯ މަސައްކަތް ކުރަމުންނެވެ. މި ކަމާ މެދު ފަރުވާ ކުޑަ ކުރުމަކީ އެއްވެސް ދާއިރާއެއްގެ މަސްލަހަތެއް އޮތް ކަމެއް ނޫނެވެ. އަޅާނުލައި ހުންނެވުމަކުން ހެލްތު މިނިސްޓަރަކަށް އޮތް ފައިދާއެއް ނެތެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް އަކަށް އޮތް ފައިދާއެއް ނެތެވެ. ޓޫރިޒަމް މިނިސްޓަރަކަށް އޮތް ފައިދާއެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާއަކަށް އޮތް ފައިދާއެއް ނެތެވެ. އެހެންވީމާ ބަޔަކަށް ފައިދާއެއް ލިބޭތީ މި ބަލިން ރާއްޖެ ސަލާމަތް ކުރާން އެކަށީގެންވާ މަސައްކަތެއް ނުކުރެއޭ ކިޔައި ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

ކޮންމެ ކަމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެއެވެ. އަދި ފައިދާއެއްގެ ބޭނުމުގައި އޮންނަ ވަރަށްވުރެ ބޮޑުކުރާ ނުވަތަ ކުޑަ ކުރާން ޖެހޭ ކަމަކަށް ހަދައިގެންވެސް ނުވާނެއެވެ.

ދިވެހިން މިހާރު ތިބީ ބިރުންނެވެ. އެއީ ވަކި ބަޔަކަށް އިތުބާރު ނުކުރާތީ ގަންނަ ބިރެއް ކަމަށް ދައްކާން މަސައްތް ކުރާކަށް ނުވާނެއެވެ. ދިވެހިން ބިރުން ތިބީ ރަސްމީ އިދާރާއިންވެސް ބިރުން ތިބި ސަބަބާ ހެދިއެވެ. ރާއްޖެއަށް ބަލި ފެތުރިގެން ހިނގައިދާނެތީއެވެ. އެނޫން ބިރެއް ނެތެވެ.

ރާއްޖޭގެ ހުރިހައި ޑަކްޓަރުންނާއި ސިއްހީ އެހީތެރިން ތިބީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރާން ނުކުމެއެވެ. ރެޔާއި ދުވާލު ދެމުން ގެންދާ މެސެޖަކީވެސް އެއީއެވެ.

އެކަމަކު ދެރަ ކަމަކީ މުޅި މަސްރަހު އެހެން ގޮތަކަށް ބަދަލު ކޮށްލާން ބައެއް ކަހަލަ މަސައްކަތް ކުރެވޭ ކަމެވެ. ބައެއް ކަހަލަ މާލީ ފައިދާ ލިބޭ ތަންތަން ބަންދު ކުރަނީ ރައްޔިތުންގެ ސަލާމަތަށްޓަކައެވެ. އެއީ އެތަންތަން ހިންގާ މީހުންނަށް ބޮނޑިދޭން ކުރާ ކަމަކަށް ހަދަން މަސައްކަތް ކުރުމަކީ ވަރަށް ދެރަ ކަމެކެވެ.

ސިޔާސީ ގޮތުން ސަރުކާރަށް ފާޑު ކިޔޭނޭ ވަރަށް ގިނަ ކަންތައް އެބަހުއްޓެވެ. އެކަމަކު މިއީ އެ ދަނޑިވަޅު ނޫން ކަމަށް ގަބޫލު ކުރަން ވެއްޖެއެވެ. ފުރަތަމަ ފުރާނަ ސަލާމަތް ކުރަންވީއެވެ. ގައުމު ސަލާމަތް ކުރަންވީއެވެ. ދިރިތިބިއްޔާ އަނެކާގެ މުޅަމަސް ކާނޭ ފުރުސަތު އަދިވެސް ލިބޭނެއެވެ. ހިތުހުރި ވަރަކަށް ނޮޅައިގެން ކާނީއެވެ. އެކަމަކު މިހާރު ކުރަންވީ ކަމަކީ އެންމެން އެކީ އެއް ލަވައެއް ކިޔަމުން ނުކުމެ ގައުމު ސަލާމަތް ކުރުމެވެ. އެންމެން އެކީ އެއް އަޑަކުން ދުޢާ ކުރުމެވެ. މިއީ އެންމެންގެ މައްސަލައެކެވެ. ސަރުކާރުގެ އެކަނި މައްސަލައެއް ނޫނެވެ. ރައްޔިތުންގެ އެކަނި މައްސަލައެއްވެސް ނޫނެވެ. ކޮރޯނާ ވައިރަހަކީ ސަރުކާރު މީހާޔާ އިދިކޮޅު މީހާޔާ ވަކިކޮށްގެން ހަމަލާދޭ އެއްޗެއް ނޫނެވެ. އެއީ ސިޔާސީ ޕާޓީއެއްގެ އެއްޗެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.