ކޮވިޑް- 19 ގެ މައްސަލައިގައި ސާކްގެ އެންމެ އިސް ވެރިންގެ ވީޑިޔޯ ކޮންފަރެންސަކަށް މޯދީ ގޮވާލައްވައިފި

ދުނިޔޭގެ ގިނަ ގައުމުތަކަކަށް ފެތުރި، ކޮންޓުރޯލު ނުކުރެވޭ ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާ ކޮވިޑް- 19 (ކޮރޯނާ ވައިރަސް) އާ އެންމެން ގުޅިގެން ހަނގާރަމަކުރާނޭ ގޮތެއް ހޯދުމަށް ވީޑިޔޯ ކޮންފަރެންސްގެ ޒަރީއާއިން ނަމަވެސް ސާކް (ސައުތު އޭޝިޔަން އެސޯސިއޭޝަން ފޯ ރިޖަނަލް ކޯޕަރޭޝަން) ގެ ގައުމުތަކުގެ އެންމެ އިސްވެރިން ބައްދަލުުވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގޮވާލައްވައިފިއެވެ.

"ސާކުގައުމުތަކުގެ އިސްވެރިން ކޮރޯނާ ވައިރަސްއާ ހަނގުރާމަކުރާނޭ ވަރުގަދަ ސްޓްރެޓެޖީއެއް އެކުލެވާލެއްވުމަށް ގޮވާލަން އަހަރެން ބޭނުންވޭ." މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

"އަހަރުމެންނަށް، ވީޑޔޯ ކޮންފަރެންސުގެ ޒަރީއާއިންވެސް، އަހަރުމެންގެ ރައްޔިތުން ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ބޭތިިއްބުމާ މެދު ވާހަކަދެއްކިދާނެ." މޯދީގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.

ބޮޑު ވަޒީރު މޯދީގެ މި ހުށަހެޅުއްވުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

"މި މުހިއްމު މަސައްކަތުގައި އިސް ނެންގެވީތީ ޝުކުރުދަންނަވަން." ބޮޑުވަޒީރު މޯދީ ޓެގުކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި ވެއެވެ.

"ކޮވިޑް- 19 ބަލިކޮށްލުމަށް އެންމެން ގުޅިގެން މަަސައްކަތްކުރަން ޖެހޭ. މި ހުށަހެޅުއްވުމަށް ދިވެހިރާއެްޖެއިން މަރުހަބާ ކިޔާ. އަދި މިފަދަ ސަރަހައްދީ މަސައްކަތަކަށް ފުރިހަމައަށް ތާއީދުކުރާނެ." އެ މަނިކުފާނުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ބޫޓާނުގެ ބޮޑުވަޒީރުވެސް ވަނީ ބޮޑުވަޒީރު މޯދީގެ ހުށަހެޅުއްވުމަށް މަރުހަބާ ވިދާޅުވިއެވެ.

"މިއަށް އަހަރުމެން ޒައާމަތޭ ކިޔަނީ. ސަރަހައްދުގެ މެންބަރު ގައުމުތަކުގެ ގޮތުަގައި، މިފަދަ ވަގުތުތަކުގައި އަހަރުމެން އެކުގައި މަސައްކަތްކުރަން ޖެހޭ." ބޫޓާނުގެ ބޮޑުވަޒީރު ލޮޓޭ ޝެރިންގ ކުރެއްވި ޓުވީޓުގައި ވެއެވެ.

"މަނިކުފާނުގެ ޒައާމަތުގައި އަވަސް، އަސަރުކުރަނިވި ނަތީޖާއަކާ ހަމައަށް އާދެވޭނެ ކަމާމެދު އަހަރުމެން ޝައްކެއް ނުކުރަން. މި ތިބީ ވީޑިޔޯ ކޮންފަރެންސުގެ އިންތިޒާރުގައި." ބޫޓާނުގެ ބޮޑުވަޒީރުގެ ޓުވީޓު ނިންމާލަމުން ވިދާޅުވެފައި ވެއެވެ.

ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއާއި، ސްރީލަންކާގެ ރައީސު ގޮތާބޭ ރާޖަޕަކްސާވެސް ވަނީ ބޮޑުވަޒީރު މޯދީގެ ހުށަހެޅުއްވުމަށް މަރުހަބާ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މިހުށަހެޅުއްވުން އައިސްފައި މިވަނީ ކޮވިޑް- 19 އާއި ހަނގުރާމަކުރުމަށް ސަރަހައްދުގެ ގައުމުތަކަށް ދެވެން އޮތް އެހީތެރިކަމެއް ދިނުމަށް ޕާކިސްތާނު ތައްޔާރަށް އޮތް ކަމުގައި އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޢާއިޝާ  ފާރޫޤީ އިއްޔެ ހާމަކުރައްވާފައި ވަނިކޮށެވެ.

ސާކްގެ މެންބަރު ގައުމުތަކަކީ: އަފްޣާނިސްތާން، ބަންގްލާދޭޝް، ބޫޓާން، އިންޑިޔާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.