އެގްޒިޓް ސްކްރީނިން ހެދުމަށްފަހު ފަތުރުވެރިންތަކެއް ފުރުވާލައިފި

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ފެނިފައިވާ ތިން ރިސޯޓެއްގައި ތިބި ފަތުރުވެރިންތަކެއް ފުރުވާލައިފި ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބުރޫކު ޢަބްދުލް ޢަޒީޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވީ ފަތުރުވެރިން ފޮނުވާލާއިފައިވާ ތިން ރިސޯޓަކީ ކުރެއްދުއާއި، ބަތަލާއި، ކުރަމަތި ކަމަށެވެ. އެމީހުން ފުރުވާލުމުގެ ކުރިން އެރިސޯޓުތަކަށް ޑޮކްޓަރުންގެ ޓީމްތައް ފޮނުވައިގެން ވަނީ ސްކްރީން ކޮށްފައެވެ.

އެގޮތުން ކުރެއްދޫއިން ފުރުވާލައިފައިވަނީ 104 މީހުންނެވެ. ބަތަލާއިން ފުރުވާލައިފައިވަނީ 15 މީހެކެވެ. ކުރަމަތި އައިލެންޑުން ފުރުވާލައިފައިވަނީ 127 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތިންރިސޯޓު ވެސް އެސެސް ކުރުމަށްފަހު މިހާރުވަނީ ހުޅުވާލައިފައެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު މިހާތަނަށް ވަނީ 91 ސާމްޕަލް ނަގާފައި ކަމަށެވެ. އޭގެތެރެއިން އިތުރު މީހަކު ޕޮޒިޓިވް ނުވާކަމަށާއި މިހާރުވެސް ޕޮޒިޓިވް ވެފައިވަނީ ކުރިން ވެސް ތިބި 8 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. ނެގި ސާމްޕަލްތަކުގެ ތެރެއިން ނެގެޓިވް ވެފައިވަނީ 81 ސާމްޕަލެވެ. ނަތީޖާ ނުލިބޭ 2 ސާމްޕަލެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާތަނަށް ކޮންޓެކްޓް ޓްރޭސް ކުރެވިފައިވާ މީހުންގެ ޢަދަދަކި 243 މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ސަރުކާރުން ދެކެނީ މި ބަލިފެތުރުން މަދުކޮށް އަދިވެސް ސަލާމަތުގެ އައްސޭރިއަށް ރާއްޖެއަށް ދެވިދާނެ ކަމަށް ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޗުއްޓީއަށްފަހު ސްކޫލްތަކަށް ނިކުންނަ ބިދޭސީ ޓީޗަރުން ރާއްޖެ އަންނަ ތަނުން ސްކްރީންކުރާނެ ކަމަށެވެ. ޓީޗަރުންގެ ގައިން އެފަދަ އަލާމާތެއް ފެނިއްޖެނަމަ ދެން ކަންތައް ކުރައްވާނެގޮތް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިއަދު ވަނީ ހަތަރު މީހަކު ދެފަހަރު ޓެސްޓް ކޮށްފައި ކަމަށެވެ. ޑަބަލްކޮށް ޓެސްޓް ކުރުމުން ވެސް ނަތީޖާ ދެއްކީ ނެގެޓިވްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އެކަކީ ފޯކައިދޫ މީހެކެވެ. އޭނާ ރަށަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ. ދެންތިބި މީހުން އެމީހުން މަސައްކަތްކުރާ ރިސޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މެލޭޝިއާގައި ހުރެފައި ރޭ ރާއްޖެއައި ދިވެހި މީހާ ވެސް ކޮވިޑް 19 އަށް ނެގެޓިވް ކަމަށެވެ.

މަބްރޫކް ވިދާޅުވީ ޑަބްލިޔުއެޗުއޯގެ ލަފާގެ މަތީން، ދިމާވެދާނެ ޙަލަތަކަށް ރާއްޖެ ދަނީ ތައްޔާރުވަމުންނެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ވެސް އެހެންވެ ކަމަށާއި އޭގެ ސަބަބުން ގާނޫނީގޮތުން ލިބެންވާ ފުރިހަމަކަން މިހާރުވަނީ ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.