މިސްކިތުގެ ޖަމާޢަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޒިރު ނުވުމަށް އިލްތިމާސް ކޮށްފި

މިސްކިތުގެ ޖަމާޢަތަށް ކުޑަކުދިންނާއި މުސްކުޅިން ހާޒިރު ނުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އިލްތިމާސް ކޮށްފިއެވެ. އެ މިނިސްޓްރީން އެގޮތަށް އިލްތިމާސް ކުރެއްވީ ރާއްޖެއިން ކޮވިޑް 19 އަށް ދެމީހަކު ޕޮޒިޓިވް ވުމާގުޅިގެން ރައްކާތެރިވުމުގެ ގޮތުންނެވެ.

އެބަލި ރާއްޖޭގައި އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސްގެ އަލާމާތްތައް ކަމަށް ބެލެވޭ ހުންއައުމާއި، ރޯގާ ޖެހުމާއި، ކެއްސައި، ކިނބިހިއަޅާ މީހުން ވެސް މިސްކިތްތަކަށް ނުދިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަރަންޓީންކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، އާއްމުން އެއްވެ އުޅޭ ޖަމާއަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށާއި، އެމީހުން ވެސް މިސްކިތްތުގެ ޖަމާއަތަށް ނުދިއުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

" މިފަދަ ކަންކަމަކީ އިސްލާމް ދީނުގައި މިމަގަށް ބާރު އަޅާ ކަންކަމެވެ. އެގޮތުން ބަލާއިރު ފިޔާ، ލޮނުމެދު ފަދަ ތަކެތީގެ ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގުވާތީވެ އެފަދަ ތަކެތި ކައިގެން މިސްކިތުގެ ޖަމާއަތަށް ދިއުންވަނީ މަނާ ކުރެވިފައެވެ،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

"ޢެހެންކަމަށްވާނަމަ ކޮވިޑް-19 ވައިރަސްފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަ ފަރާތްތަކުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމް ދީނުގެ ރިވެތި އުސޫލު ތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ". އެ ބަޔާނުގައި ވެއެވެ. އެހެންކަމުން ކޮވިޑް 19 ފަދަ ނުރައްކާތެރި ވައިރަސްގެ އަލާމާތެއް ފެންނަ ހުންނަ މީހުން މިސްކިތުގެ ޖަމާއަތަށް ނުދިއުމަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އިތުރަށް އިސްލާމިކް މިނިސްޓްރީން ވަނީ މިފަދަ ދަނޑިވަޅުތަކުގައި ﷲގެ ރަހުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކުރުމަށާއި، ގިނަގިނައިން ދުއާކޮށް އުޅުމަށް ނަސޭހަތްތެރިވެފައެވެ.

މިފަދަނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަން ހުންނަ ހިނދު މިސްކިތުގެ ޖަމާއަތުން އެއްކިބާވެހުރެ ކުރާ ނަމާދަށް އެމީހަކު ފުރިހަމަ ސިއްހަތެއްގައިހުރި އިރު މިސްކިތުގެ ޖަމާއަތުގައި ކުރި ނަމާދަށް ލިބުނު ސަވާބު ލިބޭނެ ކަމަށް ވެސް އެބަޔނުގައި ވެއެވެ.

މި ހާލަތުގައި ﷲގެ ޙަޟުރަތުން މާޔޫސް ނުވުމަށާއި ސަބަބުތަކުގައި ހިފައިގެން ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުޢާކުރުމަށް ވެސް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.