ރައީސް ޔާމީންގެ މައްޗަށްކޮށްފައިވަނީ ސިޔާސީ ދަޢުވާއެއްކަން ކަށަވަރު ވެއްޖެ:ވަކީލު

ރާއްޖޭގޭ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ސިޔާސީ ދަޢުވާއެއްކަން ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުން ކަށަވަރު ވެއްޖެ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު އާސިފް ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދުއޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅު ފާހަގަ ކުރެއްވި 75 ނުކުތާއަށް ދައުލަތުން ޖަވާބުދެއްވުމެވެ.

އެޖަވާބު ދެއްވުމުގައި ވަކިކަމެއްވަކި ގޮތަކަށް ކުރުމަށް ދައުލަތުގެވަކީލް ތައްޔާރުވެގެން އައިސް ރައީސް ޔާމީނަށް ރައްދުވާގޮތަށް ބޭއަދަބީ ގޮތަކަށް ވާހަކަ ދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީ ޢަބްދުﷲ ޔާމީން ނުވަތަ ޔާމީންގެ މިހެން ވިދާޅުވުމުގެ ބަދަލުގައި އޭނަ މީނަ ވިދާޅުވެ ދައުލަތުގެ ވަކީލް ވާހަކަ ދެއްކެވި ކަމަށް ޢާސިފް ވިދާޅުވިއެވެ.

"ޕްރޮސެކިޔުޓަރެގެ ފަރާތުން ފާހަގަވީ ޒާތީ ވެފައހުންނެވިތަން. އޭނާމީނާ ކިޔައިގެން ވާހަކަދެއްކީ. ޚާއްސަކޮށް އެތަނުން އެއްބޭފުޅަކު. ވަރަށް އާދައިގެ ގޮތަކަށް ވާހަކަ ދެއްކެވީ. ވާހަކަ ދެއްކެވީ  ޖަޒުބާތުގައި ޖެހިވަޑައިގެން،" އާސިފް ވިދާޅުވިއެވެ.

ރައީސް ޔާމީން މަނީ ލޯންޑަރ ކުރެއްވި ކަމުގެ މައްސަލައިގެ ތަހުގީގު ކުރައްވަން ފުލުހުން ފެއްޓެވީ ވެސް އޭސީސީގެ އެދުމުގެ މަތީން ކަމަށާއި އެތަހުގީގުގައި، ގއ. ވޮޑަމުއްލާއާ ބެހޭ އެއްވެސް ސުވާލެއް ތަހުގީގުމަރުހަލާގައި ކޮށްފައެއްނެތް ކަމަށް ވެސް އާސިފް ވިދާޅުވިއެވެ. އެހެންނަމަވެސް ޝަރީއަތުގައި ދައުލަތުން ވަނީ އެކަން ނަންގަވާފައި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް އަޙުމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ނުކުތާތަކަށް ދައުލަތުން އެކަށީގެންވާ ގޮތެއްގައި ޤާނޫނީ ޖަވާބެއް ނުދެއްވާ ކަމަށެވެ. އެހެންނަމަވެސް ޤާނޫނުގައި ނެތްކަންތައްތަކެއް ތިލަކުރައްވައިގެން 6 ނުކުތާއަކަށް އެބޭފުޅުން ވާހަކަ ދެއްކެވި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވާންޖެހޭނީ ކޮންމެމީހެއްގެ މަސްލަހަތު ހިފަހައްޓާ ބަޔަކަށް ކަމަށާއި އެހެންނަމަވެސް މިއަދު އެކަމެއް ނުފެންނަ ކަމަށް ޖަމީލް ވިދާޅުވިއެވެ. މަނީލޯޑަރ ކުރުމަކީ ވަރަށްބޮޑު ކަމެއްކަމަށާއި އެކަން ވަރަށްރަނގަޅަށް އެނގެން އޮންއިރު ދައުލަތުން ކުރައްވާފައިވާ ދަޢުވާގައި ސީދާ މައްސަލައަކީ ކޮބައިކަން ޤާނޫނީ ގޮތުން ފާހަގަ ކުރައްވާފައިނެތް ކަމަށް ވެސް ވިދާޅުވިއެވެ. އެއްބޭންކެއްގައި އޮތް އެކެއްދެ ދެ އެއަކުންޓުން އެއްކައުންޓުން އަނެއް އެކައުންޓަށް ފައިސާ ބަދަލު ކުރުމަކީ މަނީލޯޑަރ ކުރުން ކަމަށްވާނަމަ އެކަން ބޭންގުތަކުގައި ކޮންމެ ދުވަހަކުވެސް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

ހެއްކާބެހޭ ގޮތުން އޭސީސީގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ދެއްކެވި ވާހަކަ ބަލައިގަނެވޭނެ ޖާގައެއްވެސް ނެތްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އެއީ އޭނާ ރައީސް ޔާމީނަށް މައުލޫމާތު ދެއްވަން ބައްދަލު ކުރެވި ކަމަށާއި އެ ބައްދަލުވުމުގައި ހަސަން ލުތުފީއާއި ރައީސް ޔާމީން ތިއްބެވި ކަމަށް ވިދާޅުވެފައިވާއިރު އެކަމަށް ރައީސް ޔަމީނާއި ހަސަން ލުތުފީ ވަނީ އިންކާރު ކުރައްވާފައި ކަނަށް ޖަމީލް ވިދާޅުވިއެވެ. ތިން މީހުން ތިއްބެވިއިރު ދެ މީހުން އެކަމަށް ދެކޮޅުހެދީމާ އޭގައި ބުރަދަނެއްނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.