ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުވެގެންދާނެ އެއްޗަކަށް މިނިމަމް ވޭޖް ވެގެން ނުވާނެ- އިކޮނިމިކް މިނިސްޓަރ

ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

އެންމެ ގިނަވަޒީފާތައް އޮތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގައިކަން ފާހަގަކުރައްވައި އެވިޔަފާރިތައް ހަލާކުވެގެންދާނެ އެއްޗަކަށް މިނިމަމް ވޭޖް ވެގެން ނުވާނެކަމަށް އިކޮނިމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

މިނިމަމްވޭޖް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ވޭޖް ބޯރޑްގެ ރިޕޯރޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން އިތުރު ދިރާސާތަކެއް ކޮށްލެއްވިކަމަށެވެ. ޓޫރިޒަމް ދާއިރާއާއި ކޮންސްޓްރަކްޝަން ދާއިރާއާއި ކުދި އަދި މެދު ފަންތީގެވިޔަފާރީތަކާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވާ ކުރާނެ އަސަރުތަކަކީ ކޮބައިތޯ ބެއްލެވި ކަމަށެވެ. އެންމެ ކުޑައުޖޫރައެއްގެ ގޮތުގައި ވޭޖް ބޯޑުން ކަނޑައަޅައިފައިވާ މިންވަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ދެވިދާނެތޯ މިނިސްޓްރީން މަޢުލޫމާތު ހޯއްދެވިކަމަށް ވިދާޅުވިއެވެ. އެމިންވަރު ވަޒީފާ އަދާކުރާ ފަރާތްތަކަށް ނުދެވޭކަމަށްވަންޏާ ވަޒީފާތަކެއް ގެއްލުމުގެ ފުރުޝަތު ކައިރި މުސްތަޤްބަލަކަށް އޮންނާނެކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ އެންމެ ގިނަވަޒީފާތައް އޮތީ ކުދި އަދި މެދު ފަންތީގެވިޔަފާރީގައިކަން ވެސް ފާހަގަކިރެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމަށް އެކުލަވާލެއްވި ބޯޑުން ކުރައްވައިފައި ވަނީ ވަރަށް ޕޮރޮފެޝަނަލް ފަންނީ މަސައްކަތްތަކެއްކަމަށެވެ. ސަރުކާރުން އެއްވެސް ވަރަކަށް އެބޯރޑުގެ މަސައްކަތް ވަކިގޮތަކަށް ގެންދަވަން އަންގައިފައި ނުވާކަމަށެވެ. ސަރުކާރުން ކޮށްދެއްވައިފައިވާނީ ހަމައެކަނި އެކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށް ދެއްވުންކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަސައްކަތައް އައިއެލްއޯގެ ފަންނީއެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރެއްވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ އަލަށް ރާއްޖޭގައި ފަށާ ކަމަކަށް ވުމުން އެކަމުގައި މަޖިލީހުގެ ލަފަޔަކަށްވެސް އެދިވަޑައިގެންނެވީކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވީއެވެ. ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ފޮނުވައިފައިވަނީ ފެބުރުއަރީ 18 ގައެވެ. މައްސަލަ ދިރާސާ ކުރަމުންދާ އިޤްތިޞާދީ ކޮމެޓީން ނިންމައިފައިވަނީ މިމަހު 15 ގެ ކުރިން އެމައްސަލައިގައި މަޖިލީހުން ގޮތެއް ނިންމުމަށެވެ.

މިނިވަން ވޭޖެއްގެ ގޮތުގައި ވޭޖް ބޯރޑުން ކަނޑައަޅައިފައިވަނީ 6،400 ރުފިޔާއެވެ. އެޢަދަދަކީ ހަފަތާއަކު ހަދުވަހު 48 ގަޑީއިރުގައި މަސައްކަތަކުރާ ފަރާތްތަކަށް ލިބެންޖެހޭ ޢަދަދެއްކަމަށް ވޭޖް ބޯރޑުން ވަނީ ނިންމައިފައެވެ. އެއީ ގަޑީ އިރަކަށް ބަލައިފިއްޔާ 30.77 ރުފިޔާ ކަމަށް މިނިމަމްވޭޖް ބޯރޑުން ރޭ ވަނީ ހާމަކޮފައެވެ. ބޭނުންތަކަށް ބަލާ ވޭޖު ބޯޑުގެ ދިރާސާއިން ހޯދުނީ 8،600 ރުފިޔާއާއި 6،100 ރުފިޔާއަށް ވުރެ މަތީޢަދަދެއް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށް އެބޯރޑް ޕްރެޒެންޓޭޝަންގައި ރޭ ހަމާކުރެއްވިއެވެ.

މިނިމަމް ވޭޖް ބޯޑުގެ ރައީސާ، މަރްޔަމް ޚާލިދާ ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައިވަނީ ނޭދެވޭ އަސަރުކުޑަވާނެ ގޮތަކަށް ކަނޑައެޅުމަށް ކަމަށެވެ. އެބޯޑަށް ޢަދަދު ތަކެއް ލިބިފައި ވީނަމަވެސް، ފަސް މަސް ދުވަހުގެ ތެރޭގައި އެބޯރޑުން ވަކި ޢަދަދެއް ކަނޑައަޅައިފައިވަނީ ބޯރޑުން ކުރެއްވި ދިރާސާގެ އަލީގައިކަމަށް ވިދާޅުވިއެވެ. އެބޯރޑުން ކުރި ދިރާސާތަކުން ވަޒީފާ އަދާ ކުރާ މީހުންނަށް 8،600 ރުފިޔާ އަކީ ދެވޭނެ އަދަދެއް ނޫންކަމަށް ޔަގީންވިކަމަށް ޚާލިދާ ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި ދިރިއުޅުމުގެ ބޭނުންތަކަށް ބަލާއިރު 8،600 ރުފިޔާ އަކީ ވެސް އެކަށީގެންވާ އަދަދެއް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ވޭޖް ބޯރޑްގެ ރައީސާ ޚާލިދާ ވިދާޅުވީ އެ ބޯޑުގެ ނިންމުންތައް ނިންމައިފައި ވަނީ ކޮރޯނާ ވައިރަހުގެ ކުރިން ކަމަށެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމެއްގެ އިޤްތިޞާދަށްވެސް އަސަރު ކުރާ ކަމަށެވެ. އަދި ރާއްޖެއަށް ކުރާނެ އަސަރު މާބޮޑުވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ންކަމުން، މިނިމަމްވޭޖެއް އިމްޕްލިމެންޓްކުރަން ނުވަތަ ތަންފީޒު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިނިމަމް ވޭޖް ކަނޑައެޅުމުގައި ސަރުކާރުންވެސް އަދި މަޖިލީހުން ވެސް އެކަމަށް ރިއާޔަތް ކުރައްވަން ޚާލިދާ އެދިވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.