ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އުފައްދަވައިފި

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ގެ ނަމުގައި މުޅިން އައު އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު އުއްދަވައިފިއެވެ.

މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށް ޚާއްޞަވެގެން މަސައްކަތް ކުރުމަށް އުފެއްދި އިދާރާއެއް ކަމަށް ރައީސް އޮފީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ބުނާ ގޮތުން އެއަށް  ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި އިދާރާ އުފައްދަން ޖެހެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ މިއަދުން ފެށިގެން އެ އިދާރާ ޤާއިމު ކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި އިދާރާ އުފެއްދުމާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެންނަވައި، އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އެހީތެރިކަމާއި އަޅައިލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، އެ އިދާރާއިން ކުރާގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.