މަޢުލޫމާތު ހާމަ ކުރުމަކީ ބިރެއް ކަމުގައި ދެކިގެން ހާމަކަން ބޮޑު ދައުލަތެއް ނުއުފެއްދޭނެ: އިންފޮމޭޝަން ކޮމިޝަނަރ

ދައުލަތުގެ ކޮންމެ ވެރިއަކުވެސް ޤާނޫނުގެ ދަށުން ޖަވާބު ދާރީ ކުރެވޭނެ

މަޢުލޫމާތު ހާމަކުރުމަކީ ބިރެއްކަމުގައި ދެކިގެން ހާމަކަން ބޮޑު ދައުލަތެއް ދުވަހަކުވެސް ނުއުފެއްދޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރ އަދި ރާއްޖޭގެ ތަޖްރިބާކާރު ނޫސްވެރިޔާ ޙުޞައިން ފިޔާޒު މުސާ ވިދާޅުވެއްޖެއެވެ.

އާފަތިސް އޮންލައިންނަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ އެހެން ޙައްޤުތަކެކޭ އެއް މިނެއްގައި މަޢުލޫމާތު ދިނުމުގެ ޙައްޤުވެސް ވަޒަންކުރަން ޖެހޭ ކަމަށެވެ. އެއީ މުޅި ދައުލަތަށް ލިބޭނެ ރަނގަޅަކަށް ވެގެންދާނެކަމަށް އިންފޮމޭޝަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ޖަވާބުދާރީ ކުރުވަނިވި ހާމަކަންބޮޑު ދައުލަތެއްގެ ނިޒާމެއް ނުވަތަ އެފަދަ ސަޤާފަތެއް އުފެއްދޭނީ މިޙައްޤު ރައްޔިތުންނަށް ކަށަވަރުކޮށް ދީގެންކަން ވެސް އިންފޮމޭޝަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.

"ދައުލަތުގެ ކޮންމެ ވެރިއަކުވެސް މި ޤާނޫނުގެ ދަށުން ޖަވާބު ދާރީ ކުރެވޭނެ. އެއީ ރައިސުލް ޖުމްހޫރިއްޔާ ކަމުގައި ވިއަސް. އެޙައްޤަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއްކަން ދައުލަތުގެ ކޮންމެ ބޭފުޅަކު ވެސް ޤަބޫލުކުރުމަކީ އިޚްތިޔާރެއް ނޫން. ޤާނޫނުގައި ބަޔާން ކޮށްފައިވާ ކަށަވަރު ކޮށްދޭން ޖެހޭ ޙައްޤެއް. އެހެންވީމާ، އެމަގަށް ދިއުމަކީ އަޅުގަނޑުމެންނަށް އެންމެ ހެޔޮގޮތް ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ" އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.

މުއައްސަސާ އުފެދުނުތާ ފަސް އަހަރު ވެފައި ވީނަމަވެސް އެންމެ އެކަށީގެންވާ ގޮތުގައި ޤާނޫނު ތަންފީޒު ކުރެވިފައި ނެތުމުން މަޢޫލޫމާތު ހާމަކުރުމުގެ ސަޤާފަތެއް އުފެއްދުމަކީވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ. ޤާނޫނު ތަރުޖަމާ ކުރުމުގައި ޚިޔާލު ތަފާތުވުން އުފެދޭނެކަމަށް ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެންމެ ރަނގަޅު ގޮތަކީ ހާމަކުރަންޖެހޭ މަޢުލޫމާތުތައް ރައްޔިތުން އެދުމުގެ ކުރިން ހާމަކު ރެއްވުން ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ. ނަމަވެސް ކުރިން އެފަދަ ގޮތަކަށް މަޢުލޫމާތި ހާމަ ކުރަމުން ނުދާތީ އެކަން އެމަގުން ފަށައިގަތުމަށް ދަތިތަކެއް ހުރެދާނެކަން ފާހަގަ ކުރެއްވިއެވެ.

"މިގޮތަށް މަޢުލޫމާތު ހާމަކުރުމަށް ފުރަތަމަ ކޮޅުގައި އުދަނގޫވެދާނެ. ރައްޔިތުންގެ ސުވާލުތައް ކުރިމަތި ކުރުވާނޭ، މުއައްސަސާ އަގުވެއްޓި، ހިންގުމަށް ދަތިވެދާނޭ. ނުވަތަ  މުއައްސަސާގެ ވެރިންގެ އަގުވެއްޓިދާނެ، ހިތަށް އަރާފާނެ. ފުރަތަމަ ކޮޅު އެކަހަލަ ކަންކަން އައިސްދާނެ. އާއްމުކޮށް މަޢުލޫމާތު ހާމަކުރަން ފެށުމުން އެކަމަށް ހޭނޭނެކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ"  އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ މަޢުލޫމާތު ހާމަކުރުމުގެ ޤާނޫނެއް ތަންފީޒު ކުރުމަކީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ޤާނޫނު ތަންފީޒު ކުރުމަށް ޤާނޫނުން ލިބިދޭ ހުރިހާ އިޚްތިޔާރެއްގެ ބޭނުން ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އެކަން ކުރައްވާނީ ދައުލަތުގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށްވެސް ވިސްނަވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.