ނަޑާލް ބަލިކޮށް އޮސްޓްރޭލިއަން އޯޕަން ފެޑެރާ ކާމިޔާބުކޮށްފި

ރަފެލް ނަޑާލް ބަލިކޮށް އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ރޮޖަރ ފެޑެރާ ހޯދައިފިއެވެ.

ފެޑެރާ ނަޑާލް ބަލިކުރީ 6-4، 3-6، 6-1، 3-6، 6-3، އިންނެވެ. މިއީ އޮސްޓްރޭލިއަން އޯޕަން ޓައިޓެލް ފެޑެރާ ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އަދި އޭނާކާމިޔާބު ކުރި 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.

"ފާއިތުވި 20 އަހަރުއްސުރެ އަހަރެން މިގައުމަށް އެބަ އަންނަން. އަހަންނަށް މި ގައުމުން އަބަދުވެސް އުފާވެރިކަން ލިބޭ." އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރުމަށްފަހު ރޮޖަރ ފެޑެރާ ބުންޏެވެ. "އަހަރެންގެ އާއިލާއިން ވެސް މިހާރު ދަނީ މި ގައުމުން އުފާވެރިކަން ހޯދަމުން."

އޭނާގެ ވާހަކައިގައި އަންނަ އަހަރު ވެސް މުބާރާތުގައި ބައިވެރިވެ އޮސްޓްރޭލިއާ މީހުންނާ ބައްދަލުވުމުގެ އުއްމީދު ފާޅުކުރިއެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ފެޑެރާ ދެއްކި ވާހަކައިގައި އޭނާއަށް އޮސްޓްރޭލިއަން އޯޕަންގެ ފައިނަލާ ހަމަޔަށް އާދެވުނީ ވަރަށް ބުރަމަސައްކަތާއި ހަނގުރާމަކޮށްގެންކަމަށް ބުންޏެވެ.

"މިއަދު އަހަންނަށްވުރެ ކުޑަތަންކޮޅެއްނަމަވެސް ރޮޖަރ މޮޅުވުން ހަމަ ހައްގު." ނަޑާލް ބުންޏެވެ. "އަހަރެން މަސައްކަތް ކުރަމުންދާނަން. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި ތަންކޮޅެއް ބޮޑު ކުރިއެރުމެއް އަހަންނަށް ލިބިއްޖެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.