ދަރަވަންދުއާއި ގޮއިދުއާއި މާމެންދުއަށް ޖަނަރޭޓަރު، ގައްދުއަށް ފެން ޕުލާންޓް

ބ. އަތޮޅު ދަރަވަންދުއާއި ގޮއިދުއާއި ގއ. ގަމަނަފުށީގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އެރަށްރަށަށް ޖަނަރޭޓު ފޮނުވައިފި ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

ދަރަވަންދޫގެ ކަރަންޓު އިތުރަށް ރަނގަޅު ކުރުމަށް އެރަށަށް ފޮނުވާފައިވަނީ 800 ކޭވީގެ ޖަނަރޭޓަރެއް ކަމަށް ފެނަކައިން ވިދާޅުވިއެވެ. ގޮއިދުއަށް ފޮނުވީ 250 ވޮޓްގެ ޖަނަރޭޓަރެކެވެ. މާމެންދުއަށް ފޮނުވީ 400 ކޭވީގެ ޖަނަރޭޓަރެކެވެ. މިއީ މުޅިން އައު ޖަނަރޭޓަރުތަކެއް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މިއިންޖީންތައް އެރަށްރަށުގެ އިންޖީންގެތަކުގައި ބެހެއްޓުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށައި ނިންމާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ އިންޖީންތައް ބަހައްޓައި ކަރަޓު ދޭން ފެށުމުން ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ވެގެންދާނެ ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. އެކުންފުނިން ގެންދަވަނީ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް އައު އިންޖީނުގެތައް އަޅައި އައު އިންޖީންތައް ބަހައްޓަމުންނެވެ.

މީގެ އިތުރުން ގދ. ގައްދުއަށް ވަނީ ދެ ފެން ޕުލާންޓު ފޮނުވައިފައެވެ. އެއީ ރައްކާތެރި ބޯފެނުގެ ޚިދުމަތް އެރަށުގެ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް ފޮނުވި ދެ ޕްލާންޓެވެ. އެރަށަށް ފޮނުވީ 50 ޓަނުގެ ދެ ޕްލާންޓު ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.