ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާއިން، ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފި

ހަލުއި ކަމާއެކު މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން ދިވެހި ސަރުކާރުންވެސް މަނާކުރައްވައިފިއެވެ. މިކަން އިޢުލާންކުރެއްވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

މީނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މި ނިންމުން ނިންމެވީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަމަށެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެއްކަން، މިކަން އިޢުލާން ކުރައްވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ. މިނިންމުމަށް ޢަމަލުކުރަން ފެށުމަށް ހަމަޖައްސަވައިފައި ވަނީ މިރޭ 12 އިން ފެށިގެންނެވެ. ޗައިނާއިން ރާއްޖެއަށް މީހުން އެރެރެވުން މަނާކުރި ކަމުގައި ވިއަސް އެޤަމުގައި ތިބި ދިވެހިންނަށް ރާއްޖެ އައުން މަނަލެއް ނުވާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމާގުޅިގެން ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭނެގޮތަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން އެއިރެއްގައި އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅުތައް ސަރުކާރުން ގެންދަވަނީ އަޅުއްވަމުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ޗައިނާއިން ރާއްޖެއަށް ސިދާ ދަތުރުތައް މެދުކަނޑާލެއްވިކަން ފާހަގަ ކުރެއްވިއެވެ. ޗައިނާއިން ރާއްޖެއަށް މީހުން އެތެރެވުން މަނާކުރުމަށް ނިންމެވީ ވެސް މިވަގުތަށް އެންމެ މުހިންމު ފިޔަވަޅަކީ އެއީކަމަށް ވާތީކަމަށް ހެލް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިހާރު ރާއްޖޭގައި ތިބި ޗައިނާ ފަތުރުވެރިން އަނބުރާ އެޤައުމަށް ގެންދަނީ ޗައިނާއިން އަންނަ ޗާޓަރ ފްލައިޓްތަކުގައެވެ. އެފްލައިޓްތައް އަންނަނީ ހުސްކޮށެވެ. ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ބައެއް އެހެން ޤައުމުތަކުގައި މާކުރިން ވަނީ ޗައިނާއިން އެޤައުމުތަކަށް މީހުން އެތެރެވުން މަނާކޮށްފައެވެ. އެސަބަބާ ހެދި މާކުރިން ވެސް އާންމުރައްޔިތުން ސޯޝަލް މީޑިއާގައި ދިޔައީ ޗައިނާ މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވައިދިނުމަށް ގޮވާލަމުންނެވެ. ނަމަވެސް އޭރު ސަރުކާރުން ވިދާޅުވަމުން ގެންދެވީ އެ ޙާލަތަށް ކަންތައް ނުދާކަމަށެވެ.

ޗައިނާގެ ވޫހާންގައި ތިބި ނުވަ ދިވެހިންގެ ތެރެއިން އަންނަން ބޭނުންވި ހަތް ދިވެހިން މިއަދު ވަނީ އިންޑިއާއަށް ގެނެސްފައެވެ. މިދިވެހިން އިންޑިއާއަށް ގެންދިޔައީ ޗައިނާގައި ތިބި އިންޑިއާގެ ރައްޔިތުން އެޤައުމަށް އަނބުރާ ގެންދެވުނު އިރުއެވެ. އެމީހުން ރާއްޖެ ގެންނާނީ އިންޑިއާގައި ކަރަންޓީނު މުއްދަތު ހޭދަކުރުމަށްފަހު އެވެ. މިހާރު ޗައިނާގައި ތިބޭނީ 43 ދިވެހިންކަމަށް މިއަދުގެ ހެނދުނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.