ހިމަބިހިން ސަލާމަތްވުން ގުޅިފައިވަނީ ވެކްސިނާ: މިނިސްޓަރ އަމީން

ހިމަބިހިން ސަލާމަތްވުން ނުވަތަ އެބަލީން ރައްކާތެރިވުން ގުޅިފައިފައިވަނީ ވެކްސިންޖެހުމާއި ނުޖެހުމުގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ވެކްސިން ޖަހައިފައިތިބި ކުދިންގެ ގައިން މިބަލި އަދި ފެނިފައި ނުވާކަމަށެވެ. ބަލިފެނިފައިވާ ކުއްޖާއަކީ ވެކްސިން ނުދީހުރި ކުއްޖެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާތަނަށް އެބަލި ފެނިފައިވަނީ ކުޑަކުއްޖަކާއި ތިރީސް އަހަރުގެ މީހެއްގެ ގައިންނެވެ. އެބައްޔަށް ދެން ޝައްކުކުރެވުނު 17 އަހަރުގެ ކުއްޖާ އެބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެއީ ވެކްސިން ޖަހައިފައިވާ ކުއްޖެކެވެ.

"ވެކްސިން ނުޖަހާތިބި ފަރާތްތަކަށް އެބަލި ޖެހުމުގެ ފުރުސަތު މިއޮތީ. އެންމެފުރަތަމަ ޕޮޒިޓިވްވި ކުއްޖާއަށް ވެސް ވެކްސިން ދެވިފައިނެތުމުގެ ސަބަބުން މިމައްސަލަ ދިމާވީ. މިކަމާ ގުޅޭ ހުރިހާ ކަމެއް މައިގަނޑުކޮށް ގުޅިފައިވަނީ ވެކްސިނާ،" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ނައްތާލައިފައިވާ މިބަލި ރާއްޖެއިން ފެނުމުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން މިހާރުވަނީ އަޅައިފައި ކަމަށެވެ. "އެގޮތުން ހިމަބިއްސަށް ޝައްކުކުރެވޭ ކަހަލަ އަލާމާތްތަކެއް މާލެއިން ފެނިއްޖެ ކަމަށްވާނަމަ އަޅުގަނޑުމެން އިރުޝާދު ދެނީ އައިޖީއެމް ހޮސްޕިޓަލަށް ދިޔުމަށް އަދި ހުޅުމާލެއިން ފާހަގަ ކުރެއްވިއްޖެނަމަ ހުޅުމާލޭ ހޮސްޕިޓަލަށް ދިޔުމަށް. ދެން އަތޮޅުތެރޭ ސިއްހީ ޚިދުމަތްދޭ ތަނަކަށް ދިއުމަށް އިރުޝާދު މިދެނީ،" މިނިސްޓަރ ވިދާޅުވިއެވެ. ބަލި ފެތުރި އައިސޮލޭޝަނަކަށްދާން ޖެހުނަސް ހުޅުމާލޭގައި އެކަން ކުރެވޭނެ އިންތިޒާމް އެ ނިސްބަތަކުން ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލައިފައިވާ ބައްޔަކަށް ވީހިނދު ޑަބްލިޔުއެޗުއޯގެ މިންގަނޑަށް ބަލާއިރު އެންމެ މީހަކު ފެނުނަސް އެއީ އައުޓުބްރޭކެއް ކަމަށް ބަލަންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެކްސިން ނުޖަހައިތިބި މީހުން ވެކްސިމް ނުޖެހުމުގެ ސަބަބުން މުޅިގައުމުގެ އެންމެންނަށް މިކަމުގެ ނުރައްކާ ވުމަކީ ވެގެންވާނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. އަދި ވެކްސިން ނުޖަހައިތިބި ކުދިން ސްކޫލަށް ނުފޮނުވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވެ.

އިއްޔެ ހަވީރު 4:00 އިން ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށައިފައެވެ. އަދު ކުރިއަށްއޮތް ތިންމަހަށް ވެކްސިން ޖެހުމުގެ ޚާއްސަ ޕްރޮގްރާމެއް ވެސް ވަނީ ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.