ނިމިގެން ދިޔައީ އުފާވެރިކަން މުޖުތަމައުގައި ފަތުރައިލަދިން އަހަރެއް: ރައީސް

ނިމިގެންދިޔާ 2019 ވަނަ އަހަރަކީ އިޖުތިމާޢީ ގުޅުންތަކުން މުޖުތަމަޢުގައި އުފާވެރިކަން ފަތުރައިލާ ދިން އަހަރެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އައުއަހަރާ ގުޅިގެން އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅެވެފައިވަނީ އޭގެ އިތުރުން އެއަހަރު ވެގެންދިޔައީ ބައިނަލް އަޤުވާމީ މުޖުތަމަޢުގެ އިޙުތިރާމާއި ޤަދަރުވެސް ރާއްޖެއަށް ލިބިގެންދިޔަ އަހަރެއް ކަމަށެވެ. އަދި އިޤްތިސާދީ ގޮތުން ފަހަގަތި އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އެއަހަރަކީ މުޅި ރާއްޖޭގައި ސުލްޙަވެރިކަން ޤާއިމުކުރެވުނު އަހަރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ "ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން ދުރަށްޖެހި، ޢާއިލީ އަދި އިޖުތިމާޢީ ގުޅުންތަކުން، މުޖުތަމަޢުގައި އުފާވެރިކަން ފަތުރައިލަދިން އަހަރެއް.ކެވެ. ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި ޤަދަރު ރާއްޖެއަށް ލިބުނު އަހަރެއް. އިޤްތިޞާދީ ގޮތުންވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެއް،" ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެމަނުކުފާނު ވިދާޅުވީ ރައްޔިތުންގެ މިސަރުކާރު މާތް ﷲގެ ވާގިފުޅާއެކު އޮންނާނީ ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް، ޙަޤީޤަތަކަށް ހަދައިދިނުމުގައި ކަމަށެވެ. ފެށުނު އައު އަހަރުގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށް، ރައްޔިތުންނަށް އުފާވެރި އަދި ފާގަތި ދިރިއުޅުމެއް ހޯދައިދެއްވުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް  އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގުތައް، ހަމަހަމަކަމާއި ޢަދުލުވެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"ރާއްޖޭގެ ޙަޔާތުން މުޅިން އައު އަހަރަކާ މި ކުރިމަތިލަނީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައެވެ. އެ ބަދަލުތަކުން އަޅުގަނޑުމެންނާ ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އައު މަރުޙަލާއެކެވެ. އަޅުގަނޑުމެންނާ ދެން ބައްދަލުކުރާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ މުޅިން އައު ފެށުމެކެވެ. ދިވެހިން ދެކެން ފަށާނީ، މުޖްތަމަޢުގައި އަންހެނުންނަށް ޙައްޤުވާ މަޤާމު ލިބިދީ، އަންހެނުން ބާރުވެރިވެގެންދާ، މާ އުފާވެރި ދުވަސްތަކެކެވެ." ރައީސް ވިދާޅުވެފައިވެއެވެ.

އައުއަހަރުގައި ވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާއަކަށް ގެންގޮސްދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިއްޔެ އަޅުގަނޑުމެންނާ ވަކިވި، 2019 ވަނަ އަހަރަށްވުރެ، މިއަދު އަޅުގަނޑުމެންނާ މި ބައްދަލުކުރި 2020 ވަނަ އަހަރަކީ، ހުރިހާ ގޮތަކުންވެސް ދިވެހިންނަށް ކާމިޔާބު، ބާއްޖަވެރި އަދި އުފާ ފާގަތި އަހަރެއް ކަމުގައި ލެއްވުން އެދެމެވެ." ރައީސްގެ ތަހުނިޔާގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.