ޓެކްސީ ޑްރައިވަރު ޤާސިމް ހަސަންނަށް ހަމަލާދިނީ ފޭރެން އުޅުނު ވަގުތު ޤާސިމް ޙަސަން ހަޅޭއްލަވައިގަތުމުން އެއަޑު ކަނޑުވާލަން ކަމަށް އޭނާގެ ގާތިލް އަދުހަމް މުޙައްމަދު ތަހުގީގުގައި ބުނެފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އޭނާ ބޭނުންވީ ޤާސިމްގެ ކަރުގައި ވަޅިޖައްސައިގެން އޭނާގެ އަތުން ފޭރެން ކަމަށެވެ. އެހެންނަމަވެސް އެއްވެސް ވަރަކަށް އޭނާ މަރާލުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ގެންގުޅެފައި ނުވާކަމަށް އެނާގެ ގާތިލު ތަހުގީގުގައި ބުނެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އޭނާ ޤާސިމް އަތުން ފޭރެން އުޅުނީ ޤާސިމްގެ ޓެކްސީ ފަހަތުގައި އިނދެ ކަނާތުން ވަޅިނަގައި ވާތުން އޭނާގެ ކަރުގައި ހިފަހައްޓައިގެން ކަމަށެވެ. އެހެންނަމަވެސް އެވަގުތު ގާސިމް ހަޅޭއްލަވައިގަތުމުން އެއަޑު ކަނޑުވާލަން އެއްފަހަރު ފަހަރު ވަޅިން އޭނާގެ ކަރަށް ހަމަލާދިން ކަމަށް ގާތިލް އެއްބަސްވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންގެ ތަހުގީގަށް ވެސް ފާހަގަ ވެފައިވަނީ އެއްފަހަރު ހަމަލާދީފައިވާކަން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ހަމަލާއިން ސަލާމަތްވުމަށްޓަކައި ޤާސިމްވަނީ ވަޅީގެ ތިލައިގައި ހިފައިފައި ކަމަށާއި އެކަމުގެ ސަބަބުން އޭނާ ދައަތްތިލަވެސް ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޙަމަލާގައި ޤާސިމް މަރުވުމުން އަދުހަމް ވަނީ ފޭރެންކުރި މަސައްތަކަށްވުރެ ބޮޑު ކަމެއް (ގާސިމް މަރުވުމުން) އެކަން ހުއްޓާލުމަށްފަހު ޓެކްސީން ފައިބައިގެން ދިޔާއި ކަމަށެވެ. އެދިޔަގޮތަށް ގޮސް އޭނާގެ ރައްޓެއްސެއްގެ އަތުން ގަމީހެއް ހޯދައިގެން އެލައިގެން އޭނާ ލައިގެންހުރި ގަމީސް ބާލައި ފޮރުވާފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ.
އަދުހަމަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. ޤާސިމް މަރާލީ ރޭ ވެސް އޭނާ މަސައްކަތް ކުރީ ކޮންމެވެސް މީހެއްގެ އަތުން އެއްޗެއް ޖަހައިގަންނަން ނުވަތަ ފޭރެން ކަމަށް ތަހުގީގުގައި އޭނާ ވަނީ ބުނެފައެވެ. އެގޮތުން އެއާބޯޓާއު ހުޅުމާލޭގައި ވެސް އޭނާ ވަނީ ފޭރިގަންނާނެ ރަނގަޅު މީހަކު ފެނޭތޯ ބަލައިފައެވެ. އެގޮތުން އޭނާ ފޭރެން އުޅުނީ އޭނާގެ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި މަސްތުވާތަކެތި ގަތުމަށް ބޭނުންވާ ފައިސާ ހޯދަން ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފޭރުމަށް އޭނާ ޓޭގެޓުކޮށްފައިވަނީ އުމުރުން ދޮށީ މީހުންނަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"އަދުހަމް މަސައްކަތްކުރީ ޤާސިމް ހަސަނަށް ވަޅިން ބިރުދައްކައި އޭނާގެ އަތުން ފޭރެން. އެގޮތުން އޭނާގެ އެއްއަތުން ވަޅިނަގައި އަނެއްއަތުން ކަރުގައި ހިފައި ބިރުދެއްކުމުން ގާސިމް ހަސަން ދެއަތުން ވަޅީގައި ހިފިކަމަށާއި އެހިނދު ވަޅިދަމައިގަތް ކަމަށާއި އެއަށްފަހު ގާސިމް ހަޅޭއްލަވައިގަނެ ކާރުގެ ދޮރު ހުޅުވުމުން ބިރުން ވަޅިން އޭނާގެ ކަރަށް ހަމަލާދިން ކަމާއި އެހެންނަމަވެސް އެކަންކުރީ އޭނާ މަރާލަން ނޫންކަމަށައި ހަމަލާ ދިނީ އޭނާ ހަޅޭއްލެވުމުން އޭނާ ހުއްޓުވަންކަމަށް ބުނެފައިވޭ،" ފުލުހުން ވިދާޅުވިއެވެ. އޭނާ ޤާސިމް ޙަސަނަށް ޙަމަލާދީފައިވަނީ މަސްކަނޑަން ކަނަށް ބުނެ ހޯޓަލަކުން ހޯދި ވަޅިއަކުންނެވެ.
ފުލުހުން ވިދާޅުވީ އަދުހަމް ވަނީ ޤާސިމް ހަސަން ނޫނަސް އެހެން ޓެކްސީއެއްގެ ޑްރައިވަރަކުވެސް އޭނާގެ ޝިކާރައަކަށް ހަދަން މަސައްކަތްކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެމީހާގެ ވާހަކަތައް ހުރި ގޮތުން އެއީ އޭނާ އެންމެ ބޭނުންވާ މީހާ ނޫންކަމަށްވުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.