ފުސްބިއްލޫރި - 6

(22 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާގުޅޭ)

ޒަނީންގެ އަޑު ވަރަށް ސާފެވެ. ރިސެޕްޝަންގައި ތިބި އެންމެންނަށް އޭނާ ދެއްކި ވާހަކަ ސާފުކޮށް އިވުނެވެ. އޭނާ ވާހަކަ ދެއްކީވެސް ބާރަށެވެ. ރުޅިއައިސްފައި އިންކަން އަޑުން އެނގެއެވެ. ކެބިންގައި އިން މީހަކު ސިއްރުސިއްރުން އެއްޗެއް ބުނި އަޑުވެސް އިވުނެވެ. އިންޓަރކޮމް އިން އެއީ ކާކުކަމެއް ސާފެއް ނުވެއެވެ.

"ދަރަޚްޝާން، ހައެއްކަ ދުވަސް ފަހުން އަންނާށޭ ބުނޭ. މިވަގުތު ވަރަށް ބުރަކޮށް މިއުޅެނީ."

"އެންމެ ރަނގަޅު." ދަރަޚްޝާން ފޯނު ބޭއްވިއެވެ.

"ޝުކުރިއްޔާ." ރިސެޕްޝަނިސްޓު އޭނާއާ މުހާތަބުކުރުމުގެ ކުރިން މަރިޔަމް ބުންޏެވެ. އޭނާ ލޮލުން ކަރުނަ ހިލުނެވެ. އަވަސްއަވަހަށް އޮފިހުން ބޭރަށް ނުކުތެވެ. ދުވަހަކުވެސް މީހަކު މިވަރަށް އޭނާ ލަދުނުގަންނަވައެވެ.

ގެއަށް ވަދެ ދަބަހާއި ފޮތް ބިންމައްޗަށް އުކައިލުމަށްފަހު އެނދުގައި ބަންޑުން އޮށޯވެ މަރިޔަމް ރޯން ފެށިއެވެ. މަންމަ ދުވެފައި ކޮޓަރިއަށް ވަނެވެ.

"ދަރިފުޅާ، ކިހިނެއްވީ؟" މަރިޔަމްގެ ކޮނޑުގައި އަތް ބާއްވައިލަމުން މަންމަ އެހިއެވެ. މަންމަގެ އަތް ފޮޅުވާލާފާ މަރިޔަމް ތެދުވެ އެނދުގައި އިށީނެވެ. "ކަމެއް ނުވޭ، އެއްވެސް ކަމެއް ނުވޭ. މަންމަ އަހަންނަށް ދުވަހަކުވެސް އެއްވެސް ކަމެއް ނުކޮށްދޭނެ. ކޮންމެވެސް ދުވަހަކުން މިގެއިން ފިލާނަން. ބަލަން ހުންނާތި!" ރުޅި އައިސްފައި ހުރިވަރުން ދެއްކޭ ނުދެއްކޭ ވާހަކައެއް މަރިޔަމް އަކަށް ނޭނގެއެވެ.

"އިންޓަވިއު ދިޔައީ ކިހިނެއް؟" މަރިޔަމް ރުޅި އައިސްގެން އުޅޭ ސަބަބު މަންމައަށް ރޭކާލިއެވެ. ފާއިތުވީ ދެ ދުވަހު އޭނާ ހުރީ ނުލާހިކު ހިތްހަމަޖެހިފައެވެ. މަރިޔަމަށް ރަނގަޅު ފުރުސަތެއް ފަހިވާން އުޅޭތީ މަންމަވެސް ހުރީ އުފަލުންނެވެ.

"ޕްރޮޖެކްޓަކާ ޕްރޮޖެކްޓެއް!" މަރިޔަމް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. "އެމީހުންގެ ހިތަށް އަރަނީ ކީކޭތަ؟ މާ މާތް ބައެއްތަ؟ އެއީ އަހަރެމެންނަށް ވަޒީފާ ދޭން އުޅޭ ބައެއް ނޫން. އެމީހުން ބޭނުންވަނީ އަހަރެމެން ލައްވައި ސަލާން ޖައްސުވަން." މަރިޔަމް އަނެއްކާވެސް ރޮމުން އޮށޯތެވެ.

"އަޅާނުލާ. އެއަށްވުރެ ރަނގަޅު ފުރުސަތެއް އަދި ލިބޭނެ." ބުރަކަށީގައި ފިރުމަމުން މަންމަ ބުންޏެވެ. މަންމަ މަސައްކަތްކުރީ އޭނާގެ ހިތް ހަމަޖައްސައިދޭށެވެ.

"ކިހިނެއް ރަނގަޅު ފުރުސަތެއް ލިބޭނީ؟" އެހައި ފަސޭހައިން އޭނާ ހަމައަކަށް އެޅުވުމަކީ ފަސޭހަކަމެއް ނޫނެވެ. "މި ދުނިޔޭގައި އެއްވެސް ކަމެއް ކުރެވޭނީ އަތުގައި ފައިސާ ހުރެގެން. ނުވަތަ މުއްސަނދީންނާ ގުޅުން އޮންނަ މީހުންނަށް. އަހަރެން އަތަކު އެކައްޗެއްވެސް ނެތް. އަހަރެމެން ކަހަލަ ފަންނާނުންނަކީ އަގެއް އޮތް ބައެއް ނޫން. ރަނގަޅު ދިރިއުޅުމެއް ހޯދަން އަހަރެމެންނަށް މިޖެހެނީ މަގުމަތީގައި ސަލާން ޖަހަން. އަހަރެން މުޅި އުމުރު ހޭދަކުރަން ޖެހޭނީ މި ޖަންގަލީގައި."

އޭނާގެ ރުޅިގަނޑު މަައިތިރިއެއް ނުވެއެވެ. "އަހަރެން އަތުގައި އިނގިރޭސި ރައްޔިތުކަން އޮތްނަމަ އެ ކުއްތާއަށް އަހަންނަކީ ކާކުކަން ދައްކައިލާނަން."

"ދަރިފުޅާ، އިންސާނުންނަށް ކުއްތާއަށް ނުގޮވާ." މަންމަ މަޑުމަޑުން ބުނެލިއެެވެ. މަރިޔަމް މިހައި ރުޅިގަދަވެފައި އިންތަނެއް އަދި ދުވަހަކުވެސް އޭނާ ނުދެކެއެވެ.

"ކީއްވެ ނުގޮވަންވީ؟ ކީއްވެ، ބުނެބަލަ؟ ތިނޫން ނަސޭހަތެއް އަހަންނަށް ދިނީ ކޮން ދުވަހަކު؟ ދަރިފުޅާ، އެކަން ކުރޭ! މިކަން ނުކުރޭ! މިއީ އަބަދު ދޭ ނަސޭހަތް. އެކަމަކު ދިރިއުޅޭން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަންވާނެ."

މަރިޔަމްގެ ވާހަކަ ހުރި ގޮތުން މަންމައަށް އެނގުނުހައިވެސް އެއްޗަކީ އޭނާ ވަރަށް ބޮޑަށް ހިތުގައި ޖެހިފައި އިންކަމެވެ. އިންޓަވިއު ދިޔަ ގޮތެއް އޭނާއަކަށް ނޭނގެއެވެ. "އެންމެ ރަނގަޅު. ދަރިފުޅު ބޭނުން އެއްޗެއް ކިޔާ. ދަރިފުޅު އަންނަންވާއިރަށް މަންމަ ހުންނާނެ ޕިރިނީ ހަދާފައި، ހިނގާ ކާން." ކުޑަކުއްޖަކުހެން މަރިޔަމް ހިތްހަމަ ޖައްސައިދޭން މަންމަ މަސައްކަތް ކުރިއެވެ. އެކަމަކު މަރިޔަމްގެ ރުއިމެއް ނުހުއްޓުނެވެ.

(ހަވަނަ ބާބު)

ސިިހިފައި ކެތަރިން އޭނާގެ ކުރިމަތިގައި ހުރި ޒުވާނާއާ ދިމާއަށް އިސްއުފުލައި ބަލައިލިއެވެ. "ސަލާމް، ކިހިނެއްތަ؟" އޭނާގެ އަޑުގައި ހުރީ އޯގާތެރިކަމުގެ އަސަރެވެ.

"ރަނގަޅު، ކިހިނެއްތަ؟" ހިނިތުންވެލަމުން އޭނާ ޖަވާބު ދިނެވެ.

"ހަމަ ރަނގަޅު، އިށީނަސް އެންމެ ރަނގަޅުތަ؟"

"އާނ."

"ޝުކުރިއްޔާ."

އޭނާ އިށީނީ ކެތަރިންއާ ދެތިން ފޫޓު ދުރުގައެވެ. ކެތަރިން އެދެމެދުގައިވާ ދުރުމިނަށް ބަލައިިލިއެވެ.

"މަށައިގެން ދިޔަތަންތަން ރަނގަޅުވެއްޖެތަ؟"

"އާނ، މުޅިންހެން ރަނގަޅުވެއްޖެ."

"ހާދަ ވަރަކަށް ހޯދައިފީމޭ މިދިޔަ ދެހަފްތާތެރޭ. އަހަރެން ހީކުރީ ކޮންމެ ދުވަހަކު މިތަނަށް އަންނަ ކަމަށް."

"ނޫން. އަންނަ ހިތްޖެހުނީމާ ނޫނީ ނާންނަން. ކޮފީ އެއް ހިފައިގެން އައިސް ބޯ ހަމަޖައްސާލަން އިރުކޮޅަކު މަޑުކޮށްލަން ބައެއް ދުވަސްދުވަހު."

"އެހެންތަ؟ މަށަށް މިކުރެވުނީ ކުށްހީ އެއްތާ؟ ހާލު ބަލައިލަން ބޭނުންވި، އެކަމަކު ހޮސްޕިޓަލަށް ނުބައި ނަމަކާއި އެޑްރެހެއް ދިނީމާ ހާލު ބަލައިލެވޭ ގޮތްނުވީ." ލާނެއް ފާޑަކަށް އޭނާ ބުންޏެވެ.

ކެތަރިން ލަދުން އިސްޖެހިއެވެ. "ހޮސްޕިޓަލަށް ދިން މައުލޫމާތު ރަނގަޅު ނޫންކަން އެނގުނީ ކިހިނެއް؟" އޭނާ އެހިއެވެ.

"ނަން ބުނަން އެތައް އިރެއް ނެގިއެއްނު. އަމިއްލަ ނަން ބުނަން އެވަރަށް ވިސްނަންޖެހޭތަ؟"

ކެތަރިން އިތުރަށް ލަދުގަތެވެ. އޭނާ ކުޅެންތިބި މީހުންނާ ދިމާއަށް ބަަލަން ފެށިއެވެ.

"އަހަރެންގެ ނަމަކީ މަޒްހަރް ޚާން. އަހަރެން މިރަށަށް އައީ ވަކީލުކަން ކިޔަވަން. މީ ފަހު އަހަރު." މަޒްހަރް އޭނާއަށް ތައާރަފްވިއެވެ. "ކޮން ނަމެއް ކިޔަނީ؟"

"އަހަންނަކީ ކެތަރިން ބްރައުން." އޭނާގެ ތައާރަފަށް އިތުރުކުރާނެ އެއްޗެއް ނެތެވެ.

"ކިޔަވަނީތަ؟" މަޒްހަރް އެހިއެވެ.

"ނޫން، އަހަރެން މަސައްކަތްކުރަނީ މިތާ ކައިރީގައި ހުންނަ ފިހާރައެއްގައި."

ދެމީހުން އިރުކޮޅަކު ހިމޭނުން ތިއްބެވެ.

"ކުރީ ދުވަހު ކުރެވުނު ކަންތަކަށް މާފަށް އެދެން." ކެތަރިން ބުންޏެވެ. "އެގޮތަށް ކަންތައް ކުރެވުނީ ކީއްވެގެން ކަމެއް ނޭނގޭ. ދުވަހަކުވެސް އަހަރެން އެކަހަލަ ކަމެއް ނުކުރަން. އަހަންނަށް މާފުކުރޭ."

"އެއީ ވަރަށް ވިޔާނުދާ އަމަލެއް. ދުވަހަކުވެސް މީހަކު އަހަރެންގެ މޫނަށް ކުޅެއް ނުޖަހާ. ކީކޭ ހިތަށް އަރައިގެން ކުރި ކަމެއް އެއީ؟ ކެތަރިންގެ އިހުތިރާމު ކުޑަވާގޮތަށް އަހަރެން އެއްވެސް ކަމެއް ނުކުރަމެއްނު؟ އެހެންވީމާ މާފަށް އެދުމަކުން ނުފުދޭނެ." މަޒްހަރް ސަމާސާކޮށްލިއެވެ.

ކެތަރިން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކޮފީތަށްޓާ ކުޅެލަކުޅެލާ އިނީއެވެ.

"ކޮން ރުޅިއެއްތަ އެ ބޭލީ، އަދި އެވެސް އަހަންނަށް."

"އަހަރެންގެ ބައްޕައަކީ ޕާކިސްތާނު މީހެއް." އޭނާ މަޒްހަރާ ހަތަރުކަޅި ހަމަކުރިއެވެ. "އަހަރެން އުފަންވުމުގެ ކުރިން އޭނާ އަހަރެންގެ މަންމަ ނަގައި އެއްލައިލި. ދުވަހަކުވެސް އަހަރެމެންގެ ހާލު ބަލައިނުލާ."

"އަހަންނާ އެކަމާ އޮތީ ކޮން ގުޅުމެއް؟"

"ތީވެސް ޕާކިސްތާނު މީހެއް."

"މާފުކުރޭ، އެކަމާ އަހަންނާ އޮތް ގުޅުމެއް އަހަންނަކަށް ނުވިސްނޭ. ބައްޕައަކީ ޕާކިސްތާނު މީހަކަށް ވެފައި އޭނާ ތި އާއިލާއާ އަޅާނުލީމާ، ފެންނަ ކޮންމެ ޕާކިސްތާނު މީހެއްގެ މޫނަށް ކުޅު ޖަހަންޖެހޭތަ؟" މަޒްހަރު ވަރަށް ސާފު އިބާރާތުން ނުރުހުން ފާޅުކުރިއެވެ. "އިނގިރޭސިއަކަށް ވެސް މަންމަ ނަގައި އެއްލައިލެވިދާނެ. އެގޮތަށް ދިމާވިނަމަ ހުރިހާ އިނގިރޭސީންގެ މޫނަށް ކުޅު ޖަހާނަންތަ؟" ކެތަރިންގެ އިޝާރާތެއް ނުވީމާ އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ކޮންމެ ގޮތެއް ވިޔަސް އެއީ މި މުޖްތަމައުގައި އާ ކަމެއް ނޫން. ރައްޓެހިވެގެން ދުވަސްކޮޅަކު އުޅެފަ ދޫކޮށްލާފަ ދޭ. ދަރިން ތަސައްރަފު ނުފުދެނީސް އެކަނި މާއެކަނި އުޅެން ދޫކޮށްލާ. އަނބިން އެއްލައިލާފަ ދާ މީހުންވެސް މަދެއް ނޫން މި މުޖްތަމައުގަ. އެކަމާ ހާސްވެގެން އުޅެނީ ކީއްކުރަން؟"

ކެތަރިން ވާހަކަ ދައްކަން ބޭނުންވިއެވެ. ބައްޕަ އެގޮތަށް ކަންތައް ކުރުމުން ދެމީހެެއްގެ ދިރިއުޅުން ބަރުބާދު ވީ ވާހަކަ ބުނަން ބޭނުންވިއެވެ. އޭނާގެ އަމަލުތައް ހުރި ގޮތުން އަނބިމީހާ މަރުވި ވާހަކައާއި އޭނާގެ ދަރި ހާލުގައި ޖެހުނު ވާހަކަ ކިޔައިދޭން ބޭނުންވިއެވެ. ނަަމަވެސް މަޒްހަރުގެ ހިތްހެޔޮކަން ހިތަށް އެރުމުން އޭނާގެ އެތެރޭގައި އަނދަމުންދިޔަ އަލިފާންގަނޑު މައިތިރިވިއެވެ. އޭނާ ހިމޭންކަމާއެކު މަޒްހަރްގެ ވާހަކަ އަޑުއަހަން އިނެވެ.

"ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ކޮންމެ މުޖްތަމައެއްގައިވެސް ހުންނާނެ. ކޮންމެ މުޖްތަމައެއްގައި ވެސް އެކި ކަހަލަ މިޒާޖުގެ މީހުން އުޅޭނެ. އެންމެ ގޯސް މީހަކާ ދިމާވުމުން މުޅި އާބާދީގައި އުޅެނީ އެކަހަލަ މީހުން ކަމަށް ނިންމޭނީ ކިހިނެއް؟"

ކެތަރިން މުޅިން ހިމޭންވެއްޖެކަން މަޒްހަރަށް ރޭކާލީ އެތައް ވާހަކައެއް ދެކެވުނު ފަހުންނެވެ. އޭނާ ދެއްކި އެއްވެސް ވާހަކައަކަށް ކެތަރިން އިޖާބައެއް ނުދެއެވެ. ލަދުގަތީ ކަމަށް ވެސް ވެދާނެއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި މަޒްހަރް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "މަންމަ އެހެން ކާވެންޏެއް ކުރިތަ؟"

"ނޫން."

"އެމްބަސީ މެދުވެރިކޮށް ބައްޕަ ހޯދަން އެއްވެސް މަސައްކަތެއް ކުރިތަ؟"

"އަހަންނަކަށް ތީގެ އެއްވެސް ކަމެއް ނޭނގޭ."

"މަންމަގެ އިއުތިރާޒެއް ނެތިއްޔާ އެކަމުގައި އަހަރެން އެހީވެދީފާނަން." މަޒްހަރް ބުންޏެވެ. އޭނާ އެބުނީ މަންމަގެ ބަދަލުގައި އެމްބަސީއަށް އަމިއްލައަށް ފޯނުކުރާ ވާހަކައެވެ.

"އެތަނަށް ގުޅުމުގެ ބޭނުމެއް މިހާރަކު ނެތް." ކެތަރިން ބުންޏެވެ.

"އެއީ ކީއްވެ؟"

"އަހަރެންގެ މަންމަ މިދިޔަ އަހަރު ނިޔާވެއްޖެ." ކެތަރިންގެ ލޮލުން ކަރުނަ ހިލުނެވެ. އަޑު ތުރުތުރު އަޅައެވެ.

"ކާކާއެކު ތިއުޅެނީ؟" މަޒްހަރް އެހިއެވެ.

"އެކަނި." ކްރިކެޓު ކުޅެންތިބި މީހުންނާ ދިމާއަށް ބަލަން އިނދެ ކެތަރިން ޖަވާބު ދިނެވެ.

"ކްރިކެޓު ބަލާ ހިތްވޭތަ؟" މައުޟޫއު ބަދަލުކުރަން މަޒްހަރު މަސައްކަތް ކުރިއެވެ.

"އާނ." ކެތަރިން ހިނިތުންވެލިއެވެ.

"އަހަރެން ވެސް ކޮންމެވެސް ވަރަކަށް ކުޅެން. އެކަމަކު އެހާ މޮޅެއް ނުވާނެ. އެތާ އެތިބީ އަހަރެންގެ ރައްޓެހިން. އަހަރެމެން މިތަނަށް ކުޅެން އަންނަށް ގަވައިދުން. ކުޅުމަށްވުރެ ބޮޑަށް އަހަރެން ވެސް ޝައުުގު ހުންނަނީ ކުޅޭތަން ބަލަން." މަޒްހަރުގެ ވާހަކަ ހުހެއް ނުވެއެވެ. "ފަސްވަނަ ބޯޅައިން އަހަރެން ކޮންމެ ފަހަރަކު އުވޭ. ދެން ޖެހެނީ ސަތޭކަ ލަނޑު ހަދާ މީހުން ކުޅޭތަން ބަލަން ހޮވަން ހުންނަން. ކުޅުން ހުއްޓާލީ އެހެން ވެގެން."

ކެތަރިން ހިނިތުންވެލިއެވެ. ވާހަކައިގައި ބައިވެރިވާކަށް އޭނާ ގަސްތެއް ނުކުރިއެވެ. "ކޮންމެ ދުވަހަކު މިތަނަށް ނާންނަންތަ؟" އެހެން ދިމާއަކަށް ވާހަކަ ގެންދަން މަޒްހަރު މަސައްކަތް ކުރިއެވެ.

އެއީ ކަމެއް ފާހަގަކުރެވިގެން ބުނި އެއްޗެއް ކަމެއް ނުވަތަ ސުވާލެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ހިނިތުންވެލިއެވެ.

ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކައި ކުޅޭތަން ބަލަން ތިއްބެވެ. ގަޑި ބަލާލާފައި އިރުކޮޅަކުން ކެތަރިން ތެދުވިއެވެ. "އަހަރެން ގޮސްލާނަން." އޭނާ ބުންޏެވެ.

"ހިނގާ، މަގާއި ހަމައަށް ގެންގޮސްދޭނަން." މަޒްހަރުވެސް ތެދުވިއެވެ.

ކެތަރިން އެކަމާ ދެކޮޅެއް ނަހަދައެވެ. ދެމީހުން މަޑުމަޑުން މަގާ ހަމައަށް ދިޔައެވެ. އެނބުރި ޕާކަށް ދިއުމުގެ ކުރިން މަޒްހަރް ބުންޏެވެ. "މާދަމާ ވެސް މިތަނުން ބައްދަލުކުރާނަން."

ކެތަރިން އަނެއްކާވެސް ހިނިތުންވެލިއެވެ.

އެހިނިތުންވުމަކީ އާނ ބަސް ކަމަށް ބަލައިގެން މަޒްހަރް އެނބުރި ޕާކަށް ވަނެވެ. އޭނާއަށް ބަލަން އިރުކޮޅަކު ހުރެފައި ކެތަރިން ގެއަށް ދާން ހިނގައިގަތެވެ.

***

ޖެހިގެން އައި ދުވަހު ކެތަރިން ޕާކަށް ވަން އިރު އޭނާގެ އިންތިޒާރުގައި މަޒްހަރް ސިޑިބަރިމަތީގައި އިށީނދެގެން އިނެވެ. އޭނާ އަންނަތަން ފެނުމުން މަޒްހަރް ތެދުވިއެވެ. އަދި ސަލާންގަލާން ކުރުމަށްފަހު ކެތަރިން އިށީނުމުން އާދައިގެ މަތިން ދެމީހުންގެ ދެމެދުގައި ދެތިން ފޫޓު ހުންނަހައި ހުސްތަން ދޫކޮށްފައި އިށީނެވެ.

އެދުވަހުވެސް ދެމީހުން އެކުގައި ދޮޅުގަޑިއެއްހައި އިރު ހޭދަކުރިއެވެ. ގިނަ ވަގުތު ހޭދަކުރީ ހިމޭންކަމުގައެވެ. ކެތަރިން ގެއަށްދާން ތެދުވުމުން އޭނާ ކެތަރިން ގޮވައިގެން މަގަށް ނުކުތެވެ. އަދި ޖެހިގެން އަންނަ ދުވަހުވެސް އަންނާނަންތޯ އެހިއެވެ. ޖަވާބުގައި އޭނާ ހިނިތުންވެލިއެވެ.

މިގޮތަށް ދެމީހުން ބައްދަލުވުން އާދައަކަށް ވިއެވެ. ކޮންމެ ދުވަހަކުވެސް ޕާކުން ބައްދަލުކޮށް ވާހަކަ ދައްކަން ފެށިއެވެ. ބައެއްފަހަރު ވާހަކަ ދައްކައެވެ. އަނެއްބައި ވަގުތު ހޭދަކުރަނީ ހިމޭންކަމުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ދެމީހުން އެކުގައި ހޭދަކުރާ ވަގުތު ވެސް އިތުރުވާން ފެށިއެވެ. ޕާކުގައި ގަޑިއެއް ހައިއިރު ހޭދަކޮށްފައި ދެން ދަނީ ސިނަމާއަށެވެ. ނުވަތަ ކޮންމެވެސް އެހެން ޕާކަކަށެވެ. އަދި ތޭމްސް ކޯރު ކައިރިން ހިނގާލަން ވެސް ދެއެވެ.

މަޒްހަރާއެކު ހޭދަކުރާ ވަގުތު ކެތަރިން ހުންނަނީ އުފަލުން ފޮޅިފައެވެ. ކުރިން އެތަނެއް ދޫކޮށްފައި ދާން އުޅުނު ތަނުން މިހާރު ކުރެވެނީ އުފާވެރި އިހުސާސެވެ. އޭނާއަށް ލިބުނު ކުޑަ މުސާރައިންވެސް މިހާރު ފުދެއެވެ. ބޮޑު މުސާރަ ލިބޭ ވަޒީފާއެއް ހޯދާކަށް މިހާރަކު ނުވިސްނައެވެ. ދިރިއުޅުމާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހުނެވެ.

ކެތަރިން ގޮވައިގެން ހިނގާލަން ދަމުންވެސް ނަމާދު ވަގުތު ޖެހުމުން މަޒްހަރު މިސްކިތަށް އަރައެވެ. ހަވީރު ހިނގާލަންދާއިރު އޭނާ އަބަދުވެސް މިސްކިތެއް ކައިރި ޚިޔާރުކުރެއެވެ. އޭރުން ޖަމާއަތުގައި ނަމާދުކުރެވޭނެއެވެ. އޭނަ މިސްކިތުން އަންނަންދެން ކެތަރިން މިސްކިތުގެ ސިޑިބަރީގައި އިށީނދެގެން އިނދެއެވެ. މަޒްހަރާ ފުރަތަމަ ދިމާވިއިރު މަޒްހަރަކީ ދީނީ ކަންކަމަށް ސަމާލުކަން ދޭ މީހެއް ކަން އޭނާއަށް އެނގުނެވެ. އެކަމަކު ގަވާއިދުން ނަމާދުކޮށް އުޅޭނެއެކޭ ހިތަކަށް ނާރައެވެ. ނަަމަވެސް ހިނގާލަން ދަމުން މިސްކިތެއް ހުންނަ ދިމާއެއް ހޯދަން ފުރަތަމަ އުޅުނު ދުވަހު އޭނާ ހައިރާންވިއެވެ. ފަހުން އެއީ އާދައެއް ކަމަށް ގަބޫލުކުރިއެވެ. ބައެއް ދުވަސްދުވަހު އޭނާ މަޒްހަރުގެ ހަރަކާތްތައް ބަލައެވެ. ރުކޫއާއި ސަޖިދައާއި ހަށަން ބަނުމެވެ.

ނަމާދަށް ހުންނައިރު ކައިރީގައި ހިނގާ އެއްވެސް ކަމަކަށް ސަމާލުކަން ނުދީ ނަމާދަށް ގެއްލި ހުސްވެފައި ހުންނާތީ ކެތަރިންއަށް އުފާވެރި އިހުސާސެއް ކުރެވެން ފެށިއެވެ. "އަހަންނާ ދިމާވި އެހެން ފިރިހެނުންނާ މި މީހާއާ ތަފާތުވާ ސަބަބަކީ މިއީ ކަމަށް ވެދާނެ." ކޮންމެ ދުވަހަކު އޭނާގެ ހިތަށް އަރަނީ އެއްވާހަކައެކެވެ. އޭނާއާ މީގެ ކުރިން ބައްދަލުވި ހުރިހާ ފިރިހެނުންނަކީ ކެތްތެރިކަމެއް ނެތް މީހުންނެވެ. ނަމަވެސް މަޒްހަރަކީ ކެތްތެރިއެކެވެ. އޭނާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ.

މަޒްހަރާއި ކެތަރިން އެކަކު އަނެކަކަށް އެއްވެސް ވައުދެއް ނުވެއެވެ. މަޒްހަރު ކެތަރިން ދެކެ ލޯބިވާ ވާހަކައެއް ނުބުނެއެވެ. ކެތަރިންއަށް ވެސް މުޅި ދުވަހު ހުރެވެނީ މަޒްހަރްގެ ޚިޔާލުގައި ކަމެއް މަޒްހަރް ގާތަކު ނުބުނެއެވެ. ދެމީހުންގެ މެދުގައި އުފެދުނު ގުޅުން އޭގެ ޒާތުގައި ކުރިއަށް ދާން ދޫކޮށްލައިގެން ތިބީއެވެ. ވައުދެއް ނުވީ ނަމަވެސް ކެތަރިން އަށް ގަދަރުކުރާކަން މަޒްހަރުގެ އަމަލުން ދައްކައެވެ. ތަންކޮޅެއް ލަސްވަންދެން ބޭރުގައި އުޅޭ ރޭރޭ ކެތަރިން އުޅޭ އެޕާޓްމަންޓާ ހަމައަށް އޭނާ ގޮވައިގެން ދެއެވެ. އަދި އެޕާޓްމަންޓަށް ވަދެ ދޮރު ތަޅުލެވުނުކަން ޔަގީންކޮށްފައި ނޫނީ ގެއަކަށް ނުދެއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.