ޖުމްހޫރީ ޕާޓީގެ "ރަތްފިޔަ" އިފްތިތާހު ކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން "ރަތްފިޔަ" ގެ ނަމުގައި ޚާއްސަ ޙަރަކާތެއް ރޭ ފަށައިފިއެވެ. ޖޭޕީގެ މައި ޖަގަހަ ކަމަށްވާ ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި އެޙަރަކާތް އިފްތިތާހު ކޮށްދެއްވީ އެޕާޓީގެ ކައުންސިލް މެމްބަރ އަދި ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ.

އެޖަލްސާގައި ރަތްފިޔައިގެ ރައީސާ ފަޒީނާ ރަޝީދު ވިދާޅުވީ "ރަތްފިޔަ" އަކީ  އަންހެނުން ބާރުވެރި ކުރުވުމަށް ޖޭޕީން އުފެއްދި އަންހެނުންގެ ހަރަކާތެއް ކަމަށެވެ. އެ ޙަރަކާތް ވެގެންދާނީ އަންހެނުންނަށް ދިމާވެފައިވާ ކަންކަމުގައި އެހީތެރިވާނެ ޙަރަކާތަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭގެތެރެއިން އިޖުތިމާޢީ ގޮތުންނާއި، ދީނީގޮތުންނާއި ތަޢުލީމީ ގޮތުންނާއި ޞިއްޙީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިޤްތިސާދީ ގޮތުން އަންހެނުންނަށް ދިމާވެފައިވާ ކަންކަމަށް  އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިރޮނގުތަކުން އަންހެނުން ހޭލުންތެރި ކުރުމަށްޓަކައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީން ދިނުމުގެ ފުރުސަތުތައް ރަތްފިޔައިން ތަނަވަސް ކޮށްދެއްވާނެ ކަމަށް ފަޒީނާ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންހެނުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަންހެނުންގެ އަތުގައި ހިފައިގެން ރަތްފިޔައިން ތެދުވާނެ ކަމަށެވެ.

ފަޒީނާ ވިދާޅުވީ އެ ޙަރަކާތުގެ މިޝަންއެއް އެބައޮތް ކަމަށެވެ. މިޝަން އެއް އޮތް ކަމަށްވާނަމަ އުންމީދެއްވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރަތްފިޔައިގެ އުންމީދަކީ 2023 ގައި ގައުމުގެ ވެރިއަކަށް ޤާސިމް އިބްރާހީމް ގެނައުން ކަމަށް ފަޒީނާ ވިދާޅުވިއެވެ. އެކަމަށްޓަކައި ޖުމްހޫރީ ރޫޙު އާލާކޮށް، ދިމާވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތި ލައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.