ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޙުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.

އަދި މިފައިސާ މިއަދުން ފެށިގެން 6 މަސް ތެރޭ މީރާއަށް ދެއްކުމަށްވެސް ޙުކުމް އިއްވަމުން ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ޤާޒީ ޢަލީ ރަޝީދު ޙުސައިން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ އެ މައްސަލަ ބައްލަވަން ފަހުން އެކުލަވާލެއްވި ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުގެ އިއްތިފާގުން ކަމަށް ޤާޒީ ޢަލީ ރަޝީދު ވިދާޅުވިއެވެ. އެ ބެންޗުގައި ހިމެނެނީ ޤާޒީ ޢަލީ ރަޝީދު ޙުސައި، ޤާޒީ ޢަލީ އާދަމާއި، ޤާޒީ އަޙުމަދު ޝަކީލާއި، ޤާޒީ މުޙައްމަދު ސަމީރާއި، ޤާޒީ ޙުސައިން ފާއިޒު ރަޝާދެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނެ ޤާޒިއަކަށް ކަނޑައެޅުނީ ޤާޒީ ޢަލީ ރަޝީދު ޙުސައިނެވެ. މިމައްސަލަ ބެއްލެވުމަށް ބެންޗެއް ކަނޑައަޅައިފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެކަމަށް އެދިވަޑައިގެންނެވުމުންނެވެ.

މިއަދުގެ ޝަރީޢަތުގެ އަޑުއެހުން ފެއްޓެވުމަށްފަހު ރިޔާސަތުގައި އިންނެވީ ޤާޒީ ޢަލީ ރަޝީދު ވަނީ ޝަރީޢަތުގައި ކަންހިނގައިދިޔަ ގޮތާއި ފާހަގަކޮށްލެވުނު ކަންކަމާ ބެހޭ ޚުލާސާ އިއްވައިފައެވެ. އަދި ވިދާޅުވީ ފާއިތުވި 10 ވަރަކަށް ދުވަސްތެރޭގައި ފަސް ޤާޒީން ވަނީ ވަރަށް ރަނގަޅަށް މިކަންކަން ބަލައި ދިރާސާކޮށްފައި ކަމަށެވެ. އަދި ފަސް ޤާޒީންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ފަސް ބޭފުޅުންނަށް ވެސް އިއްތިފާގުވެވިފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމެވުމަށް ފަހު ކަނޑައަޅާނެ އަދަބަކާމެދު ގޮތެއް ނިންމަން ފަނޑިޔާރުންގެ ބެންޗުން ފުރުސަތު ހުޅުވާލިއެވެ. އެފުރުސަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ފަސް އަހަރުގެ ޖަލު ޙުކުމެއް ކުރެއްވުމަށެވެ. އެއީ މަނީލޯންޑަރިންގެ މައްސަލައިގެ އެންމެ ކުރު މުއްދަތެވެ.

ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި އެމަނިކުފާނު ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ފެއްޓެވުމުން ރިޔާސަތުން ވަނީ އެކަން ހުއްޓުވައިފައެވެ. ދެން ވާހަކަ ދެއްކެވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވިޔަސް އަދަބު ކަނޑައެޅުއްވުމުގެ ޝަރީޢަތް އެހެންދުވަހަކަށް ހައްދަވައި ދެއްވުމަށެވެ. އެއީ ކުރިއަށްއޮތް ދެ ދުވަހަކީ ސަރުކާރު ބަންދު ދެދުވަހަށް ވުމުން އެއީ ކަފާލާތާއި އިސްތިއުނާފުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ލަސްވާނެތީއެވެ. އެހެންނަމަވެސް ރިޔާސަތުން ނިންމީ މިއަދު ޙުކުމްކުރައްވާށެވެ. ރައީސް ޔާމީންގެ ވަކީލް ޝާހު ވިދާޅުވީ ޖޫރިމަނާ ކުރައްވާ ކަމަށްވާނަމަ ރައީސް ޔާމީމްގެ އެކްރޯ އެކައުންޓުގައިހުރި އެއް މިލިއަން ޑޮލަރުން ޖޫރިމަނާ ހަމަޖެއްސުމަށެވެ. އެހެންނަމަވެސް ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ފަސް މިލިއަން ޑޮލަރުން ޖުރިމާނާ ކުރުމަށްފައެވެ.

3:03

ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ޙުކުމްކުރައްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި. އަދި އެފައިސާ 6 މަސް ތެރޭ މީރާއަށް ދެއްކުމަށްވެސް ޙުކުމް ކުރެއްވި. މި މައްސަލަ އިސްތިއުނާފު ކުރުމުގެ ޙައްގު ޔާމީނަށް ލިބިގެންވާ ކަމަށް ޙުކުމް އިއްވުމަށްފަހު ޤާޒީ ޢަލީ ރަޝީދު ވިދާޅުވި.

2:42

އަދަބާމެދު ގޮތެއް ނިންމުމަށް ޤާޒީން މެދުގައި މަޝްވަރާ ކުރުމަށް ޝަރީޢަތް މެދު ކަނޑާލައިފި.

2:37

އަދަބު ކަނޑައެޅުމުގެ މަޖިލީސް އެހެން މަޖިލީހަކަށް ހައްދަވައި ދެއްވުމަށް ރައީސް ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި. އެގޮތަށް އެދުނީ ކުރިއަށް ބަންދު ދެވުސް އޮތުމުން އެތައް ކަމަކުން ރައީސް ޔާމީން މަހުރޫމްވާނެތީ. އަދި އަދަބު ކަނޑައެޅުމުގައި ޖުރިމާނާއެއް ނުކުރެވޭނެ ކަމަށް ވިދާޅުވި.

2:35

އަދަބާ މެދު ވާހަކަ ދެއްކެވުމަށް ޔާމީންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ހެއްކާ ބެހޭގޮތުން ވާހަކަ ދެއްކެވުމުން ޤާޒީ ޢަލީ ރަޝީދު އެކަން ހުއްޓުވައިފި. މިހާރު ވާހަކަ ދައްކަވަނީ ރައީސް ޔާމީންގެ ވަކީލް.

2:31

ރައިސް ޔާމީގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ނިންމައިފި. މިހާރު ކުރިއަށްދަނީ އަދަބު ކަނޑައެޅުމާބެހޭގޮތުން. އެކަމަށް ފުރަތަމަ ވާހަކަ ދެއްކެވީ ދައުލަތުން. ދައުލަތުން ވިދާޅުވީ 5 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރައްވަން.

2:21

ޤާޒީ ޢަލީ ރަޝީދު: އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 73 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެސްއޯއެފްގެ އެކައުންޓްތަކަށް ޖަމާވެފައިވާކަން އޮޑިޓް އޮފީހުގެ އޮޑިޓުން ހާމަވޭ. އެސްއޯއެފްގެ އެކައުންޓްތަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން ހެކިތަކުންއެނގޭ.

2:14

ޝަރީޢަތް ކުރިއަށްދާއިރު ރައީސް ޔާމީނުގެ ސަޕޯޓަރުން ގެންދަނީ ކްރިމިނަލްކޯޓުގެ ބޭރުގައި މުޒާހަރާ ކުރަމުން.

2:09

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީލޯންޑަރިން ދަޢުވާ ސާބިތުވެޖެ ނަމަ ބޮޑު އަދަބެއް ރައީސް ޔާމީނަށް ލިބޭނެ. އެގޮތުން ބޮޑު ޖުރީމަނާއަކާ އެކު 5-15 އަހަރާދެމެދު މުއްދަތަކަށް ޖަލަށް ލެވިދާނެ.

1:54

ިޔާރިޔާރުމި ޝަރީޢަތުގެ އަޑުއެހުމުގެ ރިޔާސަތުގައި އިންނެވީ ކްރިމިނަލް ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ފަނޑިޔާރު ޢަލީ ރަޝީދު.

2:00

ޤާޒީ ޢަލީ ރަޝީދު ގެންދަވަނީ ރައީސް ޔާމީންގެ ޝަރީޢަތް ހިނގައިދިޔަ ގޮތް ވިދާޅުވެދެއްވަމުން.

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތުހުމަތު ކޮށްފައިވާ މަނީލޯންޑަރިންގެ މައްސަލައިގެން ޝަރީއަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރައީސް ޔާމީނާއި މިހާރު ދެފަރާތުގެ ޤާނޫނީ ވަކީލުން ވަނީ ކޯޓްރޫމަށް ވަދެފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.