މުޒާހަރާތަކުގެ ފަހަތުގައި ތިބީ ސީއައިއޭއާ ގުޅުން އޮތް ބައެއް: އީރާން

އީރާނުގައި ވިއެކާ ޕެޓްރޯލުގެ އަގު މިމަހު ކުރީކޮޅު އީރާނު ސަރުކާރުން ބޮޑުކުރުމާ ގުޅިގެން އެގަމުގެ ކަންކޮޅުތަކުގައި ކުރިއަށް ދިޔަ ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއާ ގުޅުން އޮތް ބައެއް ކަމަށް އީރާނުން ބުނެފިއެވެ. އަދި މިކަމުގެ ތުހުމަތުގައި މިއަދު ވަނި އަށް މީހަކު ހައްޔަރުކޮށްފައެވެ.

"މި ފަރާތްތަކަށް ވަނީ 'ނޫސްވެރި ރައްޔިތުން' ގެ ނަމުގެ ފަހަތުގައި ފޮރުވިގެން ތިބެ ސީއައިއޭ އިން ޚަރަދުކޮށްގެން އެކި ގައުމުތަކުގައި ތަމްރީނު ދީފައި." އިރާނުގެ އިންޓެލިޖެންސް މިނިސްޓްރީއާ ހަވާލާދީ އީސްލާމިކް ރިޕަބްލިން ނިއުސް އެޖެންސީ (އިރްނާ) އިން މިރޭ ބުނެފައި ވެއެވެ.

"ހަ މީހަކު ހައްޔަރުކޮށްފައި ވަނީ ހަމަނުޖެހުންތަކުގައި ބައިވެރިވެ ސީއައިއޭއިން އަންގާ ކަންތައް ކުރަމުން ދަނިކޮށް. އަނެއް ދެ މީހުން ހައްޔަރު ކުރީ ބޭރަށް މައުލޫމާތު ފޮނުވުމަށް މަސައްކަތްކުރަމުން ދަނިކޮށް." އިރްނާއިން ބުނެފައި ވެއެވެ.

އީރާނުގެ ގިނަ ރަށްތަކެއްގައި ކުރިއަށް ދިޔަ ވަރުގަދަ މުޒާހަރާތަކުގައި ތަކެއްޗަށާއި ތަންތަނަށް ގެއްލުންދީފައި ވާއިރު، މުޒާހަރާއަށް ނުކުތް މީހުންގެ ތެރެއިން 100 އަށަވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ގިނަ ކަމުން އދ. އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ އޮފީހުން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. މުޒާހަރާތަކާ ގުޅިގެން އީރާނުން ބުނަމުން އައީ މުޒާހަރާތަކަށް ހިތްވަރުދީ ހަމަނުޖެހުން ހިންގުމަށް މީހުން ނެރުމުގައި ބޭރުގެ އަތެއް ވާކަމުގައެވެ. އަދި އެއީ ނުބައި ރޭވުމެއްގެ ދަށުން ހިންގި ކަމެއް ކަމުގައެވެ.

އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޢަލީ ޚާމަނައީގެ ވެބްސައިޓުގައި އާއްމުކުރި ބަޔާނެއްގައި އޭނަ ވިދާޅުވެފައިވާ ގޮތުގައި އެގައުމުގައި ކުރިއަށް ދިޔަ މުޒާހަރާތަކަކީ "ނުރައްކާތެރި، ބޮޑު ރޭވުމެއް'ގެ ބައެކެވެ. އަދި އީރާނުން ވަނީ އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ ރޭވުން ނާކާމިޔާބުކޮށްލާފައެވެ.

މުޒަހަރާތަކުގައި 143 މީހުން މަރުވިކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް ބުނެއެވެ. އަހެންނަމަވެސް، އީރާނު ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. ސަރުކާރުން ބުނެފައި ވަނީ މުޒާހަރާތައް ކޮންޓުރޯލުކުރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުންވެސް މަރުވެފައިވާ ކަމުގައެވެ.

އީރާނުގެ ދާޚިލީ ވަޒީރު އަބްދުއްރިޒާ ރަޙްމާނީ ފާޒްލީ އިއްޔެ ވިދާޅުވި ގޮތުގައި މުޒާހަރާކުރި މީހުންގެ ތެރެއިން 500 މީހަކު އީރާނުގެ ރަސްމީ ޓީވީ ސްޓޭޝަނަށް ވަންނަން މަސައްކަތްކޮށްފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މުޒާހަރާތަކުގައި 2 ލައްކަ މީހުން ބައިވެރިވެފައި ވެއެވެ. އަދި އެމީހުން 50 ޕޮލިސް ސްޓޭޝަނާއި، 34 އެންބިއުލާންސާއި، 731 ބޭންކާއި، 70 ޕެޓްރޯލް ސްޓޭޝަނުގައި ރޯކޮށްލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.