ފަނޑިޔާރުންގެ ބެންޗާބެހޭ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހަޅުއްވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު އެކުލަވާލައިފައިވަނީ ކޯޓުތަކުގެ ޤާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކޮށްފައިވާ މަނީލޯންޑަރިންގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ ޤާޒީ ހައިލަމް ސަސްޕެންޑު ކުރެއްވުމަށްފަހު ކްރިމިނަލް ކޯޓުން އެމައްސަލަ ބައްލަވަމުން ގެންދަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެހެންނަމަވެސް އެ ބެންޗު އެކުލަވާލައްވައިފައިވަނީ ކޯޓުތަކުގެ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ މައްސަލަ ހުށަހެޅުއްވީ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވިއެވެ.

މިމައްސަލަ މިއަދު ސްޕްރީމްކޯޓަށް ހުށަހެޅުއްވި އިރު ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކޮށްފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ އަޑު އެހުމެއް މާދަމާ 1:30 ގައި ކްރިމިނަލްކޯޓުގައިވަނީ ތާވަލުކޮށްފައެވެ.

މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކުރައްވާނެ ކަމަށް ބެލެވެއެވެ. އެމަނިކުފާނުގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ފަނޑިޔާރު އަޙުމަދު ހައިލަމް ސަސްޕެންޑު ކުރެއްވީ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ޚުލާސާ ބާޔާންވެސް އިއްވައި ޙުކުމް ކުރަން ކުޑަތަންވެފައި ވަނިކޮށްނެވެ.

ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ގެންދަވާގޮތާމެދު އެމަނިކުފާނުގެ ފަރާތްޕުޅުންވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ބެންޗު އެކުލަވާލަން ވާނީ ފަނޑިޔާރުންގެ ބެންޗަކުން ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗު އެކުލަވާލެއްވީ ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ޢަލީ ރަޝީދު ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ފަނޑިޔާރު ޢަލީ ރަޝީދު އަމިއްލަފުޅަށް ބެންޗު އެކުލަވާލައްވައި އަދި އެމަނިކުފާނުވެސް އެބެންޗުގައި އިންނެވުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މިމިމައްސަލަ ސްޕްރީމްކޯޓަށް ހުށަހެޅުއްވީ ބެންޗު އެކުލަވާލައްވައިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދެއްވުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.