މަޖިލީހުގެ ރައީސާއި މެމްބަރުން ދޫރައްކާތެރި ކުރުމަށް ސަލަފުން ގޮވާލައިފި

ސަލަފު ޖަމިއްޔާއިން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ: ފޮޓޯ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމަޖިލީހުގެ މެމްބަރުން ދޫރައްކާތެރި ކުރުމަށް ޖަމިއްޔަތުއްސަލަފުން ގޮވާލައިފިއެވެ.

ދީނީ ޢިލްމުވެރިން އުފައްދަފައިވާ އެމިއްޔާ އިން މިކަމަށް ގޮވައިލެއްވީ މޮސްކޯގޭ ޢަލީ ޖަލީލާއި އެޖަމާޢަތާ ގުޅުވައިގެން ރައީސް ނަޝީދު މަޖިލީހުގައި މިއަދު ދެއްކެވި ކަމަށްބުނާ ވާހަކައާ ގުޅިގެން ނެރުނު ކުރު ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ ޢަލީ ޖަލީލަކީ ދުވަހަކުވެސް އެޖަމިއްޔާގައި މަސައްކަތް ކޮށްފާއިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގެ ޢިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުން ކަމަށް ބުނެފައިވާ މީހެއް ކަމަށް ވެސް ސަލަފުން ވިދާޅުވެފައިވެއެވެ.

 "މޮސްކޯގޭ ޢަލި ޖަލީލަކީ ޖަމިއްޔަތުއްސަލަފުގައި ދުވަހަކުވެސް މަސައްކަތް ކޮށްފައިވާ މީހެއްނޫނެވެ. އަދި ޖަމިއްޔަތުއް ސަލަފަށް ނިސްބަތްވާ ޢިލްމުވެރިންނާއި އެނޫންސް ވެސް ރާއްޖެގެ ޢިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުން ކަމުގައި ޢަލީ ޖަލީލާއި އޭނާގެ ފިކުރަށް ތަބާވާ މީހުން ވަނީ އެތައް ފަހަރަކު ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައިސް ފަދަ ޒިންމާދާރު މަގާމުތަކުގައި ތިބޭ ފަރާތްތަކުން ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނެ އަސްލެއްނެތް ވާހަކަތަކާއި ފާޅުކަންބޮޑު ބުހުތާން ފެތުރުމަކީ ވަރަށް ހިތާމަ ހުރިކަމެކެވެ." އެޖަމިއްޔާގެ ބަޔާނުގައިވެއެވެ.

އެޖމިއްޔާއިން ބުނެފައިވަނީ ދުލުން ބޭރުކުރާ ކޮންމެ ކަލިމައަކަށް ނުވަތަ ބަހަކަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެއް އަންނާނެކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. "ވީމާ މަޖިލީހުގެ ރައީސާއި އެންމެހާ މެމްބަރުން ދޫރައްކާ ކުރުމަށް ނަސޭހަތްތެރިވަމެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.