އަމާޒަކީ ޞިއްޙީ ޚިދުމަތްތައް ވެސް ލާމަރުކަޒީ ނިޒާމަކުން ތަރައްޤީ ކުރުން: ރައީސް

އަމާޒު ހިފާފައިވަނީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައްވެސް، ލާމަރުކަޒީ ނިޒާމަކުން ތަރައްޤީކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ނާސިންގ ނައު މޯލްޑިވްސް" އިފްތިތާޙު ކުރެއްވުމަށް މިރޭބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ޚިދުމަތް ލާމަރުކަޒު ކުރުމުން  އެމީހަކުހުރި ތަނަކުން އެމީހަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. "އަޅުގަނޑުމެންގެ އެކްޝަން ޕްލޭންގައިވާ ގޮތަށް، ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ، ވިލި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުވުމުން، މި ދެންނެވި ގޮންޖެހުންތަކުގެ، ވަރަށް ބޮޑު ބައެއް ޙައްލުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ވަނީ ނަރުހުންގެ ޚިދުމަތުގެ މުހިންމުކަމާބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފިއެވެ. އެމަނިކުފާނު ވިދާޅުވީ މުޖްތަމަޢުގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި، ނަރުހުން އަދާކުރާ ދައުރަކީ، އޭގެ މުހިންމުކަމާމެދު، އިތުރު ސުވާލެއް ނުއުފެދޭހާ ފާޅުކަން ބޮޑު ދައުރެއް ކަމަށެވެ. ޒަމާނީ ޑޮކްޓަރީ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުމުގެ އެތައް އަހަރެއް ކުރިން، ނަރުހުންގެ ޚިދުމަތް، ރާއްޖޭގެ ކަންކޮޅުތަކުގައި ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރު އެޚިދުމަތް ދެމުންގޮސްފައިވަނީ ފޫޅުމައިންނާއި ހެލްތުވޯކަރުން ކަމަށް ވިދާޅުވިއެވެ.

ޢާންމު ޞިއްޙަތާ ގުޅޭ ހުރިހާކަމެއް ކުރިއެރުވުމުގައި، ގިނަ ޢަދަދެއްގެ ނަރުހުން، ބުރަ މަސައްކަތްތަކެއް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. ޕޯލިއޯ އަދި މެލޭރިއާފަދަ ބަލިތައް މަދުކުރުމަށް ނުވަތަ ނައްތާލުމުގައި ވެސް ނަރުހުންގެ ދައުރުވަރަށް ފުޅާ ކަމަށް ރައީސް ވިދާޅުވިއެވެ. އެބަލިތައް މަދުކުރުމަސް ނަރުހުންގެ އިތުރަށް ވަރަށްގިނަފަރާތްތަކުގެ އެހީލިބިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް، ޞިއްހީ ޚިދުމަތްތެރިންގެ 50 އިންސައްތައަކީ ނަރުހުން ކަމަށްވެސް ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި 3300 އަށްވުރެ ގިނަ ނަރުހުން ޚިދުމަތުގައި އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ. "މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ގާތްގަނޑަކަށް 56 އިންސައްތައިގެ ނިސްބަތެއް. ނަމަވެސް މީގެ ތެރެއިން ގިނަ މީހުންނަކީ ބިދޭސީ ނަރުހުން،" އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.