އިންޑިޔާގެ ކަޝްމީރުގައި ދިން ދެ ހަމަލާއެއްގައި 2 މީހުން މަރުވެ 7 މީހުން ޒަޚަމްވެއްޖެ

މިއަދު އަތު ބޮމުގެ ހަމަލާ ދިން ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ

ކަޝްމީރުގެ އިންޑިޔާ ފަޅީގައި އިންޑިޔާއިން މީގެ 4 މަހެއްހާ ދުވަސް ކުރިން ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅައި އެސަހައްދުގެ އާއްމު ދިރިއުޅުން ހުއްޓުމަކަށް ގެނައި ފަހުން ދެވުނު އެންމެ ވަރުގަދަ ހަމަލާގައި މިއަދު ވަނީ ދެ މިހަކު މަރުވެފައެވެ.

ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މިއަދު ވަނީ ކަޝްމީރުގެ ދެ ހިސާބަކަށް އަތު ބޮމުން ހަމަލާދީފައެވެ.

މިއަދު ދެވުނު ފުރަތަމަ ހަމަލާގައި އަތު ބޮން އެއްލާފައި ވަނީ ކަޝްމީރުގެ އިންޑިޔާ ފަޅީގެ ވެރިރަށް ސްރީނަގަރު ކައިރީގައި ހަކޫރާ އަވަށުގެ އިދާރީ އިމާރާތުގެ ކުރިމަތީގައި މަޑުކޮށްލައްވައިގެން ތިއްބެވި އަވަށު ކައުންސިލަރުންނާއި ސަރުކާގެ އޮފިޝަލުންނާ ދިމާއަށެވެ. މި ހަމަލާގައި 2 މީހަކު މަރުވެ މަދުވެގެން 4 މިހުން ޒަޚަމްވެފައި ވެއެވެ.

ދެވަނަ އަތު ބޮން އެއްލާފައި ވަނީ ސްރީނަގަރުގައި ހުންނަ ކަޝްމީރު ޔުނިވަސިޓީގެ މައި ދޮރާށްޓާ ދިމާޔަށް ހުރި ފިހާރައެއްގެ ތެރެއަށެވެ. އެ ބޮމުގެ ސަބަބުން 3 މީހުން ޒަޚަމްވެފައި ވެއެވެ.

އަނެއްކޮޅުން، ކަޝްމީރުގެ ފުލުހުން ވަނީ ޕުލްވާމާ ޑިސްޓްރިކްޓްގެ ރާޖްޕޯރް ސަރަހައްދުގައި ހަނގުރާމަވެރިންނާ ބަދަލުކުރި ހަމަލާތަކެއްގައި ދެ ހަނގުރާމަވެރިން މަލާލެވިފައިވާ ކަމުގައެވެ. ފުލުހުންނާ ހަވާލާދީ އިންޑިޔާ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަރާލެވުނު ހަނގުރާމަވެރިންނަކީ ކަޝްމީރުގެ އިިންޑިޔާ ފަޅީގެ ރައްޔިތުންނެވެ. އަދި އެމީހުން ނިސްބަތްވަނީ ޙިޒްބުލް މުޖާހިދީން ހަނގުރާމަވެރި ޖަމާއަތަށެވެ.

އިންޑިޔާގެ ގާނޫނު އަސާސީން ކަޝްމީރަށް ދީފައި އޮތް އިމްތިޔާޒުތައް އުވާލަން ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ނިންމައި ކަޝްމީރުގެ ރައްޔިތުން 'ގޭގައި ބަންުދުވެގެން ތިބެން' މަޖުބޫރުކުރީ މިއަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހުއްސުރެ ކަޝްމީރުގެ އިންޑިޔާ ފަޅީގެ ރައްޔިތުން އުޅެމުން ދަނީ ގާތްގަނޑަކަށް ކާފިއުއެއްގެ ދަށުގައެވެ. މިއަދަކީ މިހާލަތަށް ކަޝްމީރު ގެނައި ފަހުން އެ ސަރަހައްދުގައި އެންެމެ ހަމަނުޖެހުން ބޮޑުވި ދުވަހެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.