ކޮމިޝަންގެ ރިޕޯޓު ފުރިހަމަނޫން ކަމަށް ބުނުމުގެ ޖާގައެއްނެތް: ސުޢޫދު

އަލްއުސްތާޒު ޙުސުނުއްސުއޫދު: ފޮޓޯ ސަން

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީގެ އަވަހާރަކޮށްލި މައްސަލައާއާ ގުޅިގެން މަރުކޮމިޝަނުން ނެރެފައިވާ ރިޕޯޓު ފުރިހަމަނޫން ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށް އެކޮމިޝަންގެ ރައީސް ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމް އަވަހާރަށްކޮށްލުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުން ރިޕޯޓުން އެނގެން އެބައޮތް ކަމަށެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލަން އެމީހުން ބޭނުވި ސަބަބު ވެސް އެނގެން އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ. އެ ކަން ކުރުމަށް އެމީހުން ޙަވާލުކޮށްފައިވަނީ ހަރުކަށި ފިކުރުގެ ޖަމާޢަތާ ގުޅިފައިއޮތް ޖިނާއީ ކުށްކުރާ ގޭންގަކާކަން ވެސް ސާފުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"ޑރ. އަފްރާޝީމް އަވަހާރަށްކޮށްލުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާޢަތަކުން ކަމާއި އެކަންކުރަން އެމީހުން ބޭނުންވި ސަބަބާއި އެކަންކުރަން އެފަރާތްތަކުން ހަވާލުކުރީ ހަރުކަށި ފިކުރުގެ ޖަމާޢަތާ ގުޅިފައިއޮތް ޖިނާއީ ކުށްކުރާ ގޭންގަކާކަން ކޮމިޝަންގެ ރިޕޯޓުން ސާފުވޭ،" ސުޢޫދު ވިދާޅުވެފައިވެއެވެ. އަދި އެހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން ރިޕޯޓުގައި ހާމަކޮށްފައިވާ ތިން ހެކިންގެ ހެކިބަހުންނާއި ފާއިތުވި ހަތް އަހަރު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެއްކޮށްފައިވާ މަޢުލޫމާތުތަކުން އެނެގޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ރިޕޯޓުގައިވާ ތިން ހެކިންގެ ހެކިބަހުން އަދި ވޭތުވެދިޔަ ހަތް އަހަރު ޕޮލިހާއި، ނެޝަލަން ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) މޯލްޑިވްސް އިން އެއްކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ،" ސުޢޫދު ވިދާޅުވެފައިވެއެވެ. އެހެންކަމުން މަރުކޮމިޝަންގެ ރިޕޯޓު ފުރިހަނުވާކަމަށް ބުނާނެތަނެއްނެތް ކަމަށް ސުޢޫދުވަނީ ވިދާޅުވެފައެވެ.

މިކަންކަން ކިތަންމެ ވަރަކަށް ރިޕޯޓުން ސާފުވާން އޮތަސް އަދާ ހަމައަށް އެއްވެސް މީހަކާ ބެހޭ ގޮތުން ކޮމިޝަނުން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ދައުލަތުގެ ކަމާބެހޭ އެހެން ފަރާތަކުން ވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ފިޔަވަޅު އެޅުމާބެހޭ ގޮތުން ކޮމިޝަނުން އަދި ވާހަކަ ދައްކަވާފައެއް ނުވެއެވެ.

އަފްރާޝީމްގެ މަރާބެހޭ ގޮތުން މަރުކޮމިޝަނުން އެކުލަވާލި ރިޕޯޓު ދިފާޢުކޮށް ސުޢޫދު ޓުވީޓު ކުރެއްވީ އެ ރިޕޯޓު ފުރިހަމަނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެ ފާޑުކިޔަމުންދާ ވަގުތެއްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.